ރައީސް މައުމޫން ގާނޫނާއި ގަވާއިދާއި ހިލާފު އެއްވެސް ކަމެއް ނުކުރައްވާކަމަށް ދަރިކަނބަލުން އަދި މި ސަރުކާރުގެ ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
އިންސާނިއްޔަތުކަމަށްޓަކައި ވެސް ގޭ ބަންދަށް ބަދަލު ކޮށްދެއްވުމަށް އިއްޔެ ކްރިމިނަލް ކޯޓްގައި ރައީސް މައުމޫން އެދިވަޑައިގެންފައިވާތީ އެކަމާއި ގުޅިގެން މިއަދު ވީމީޑިއާއަށް ދެއްވި އިންޓަވިއުއްގައި ދުންޔާ ވިދާޅުވީ އެކަމަނާގެ ބައްޕާފުޅު ގާނޫނާއި ގަވާއިދާއި ހިލާފު އެއްވެސް ކަމެއް ކުރައްވާފައި ނުވާކަމަށެވެ.
ދުންޔާ ވަނީ ރައީސް މައުމޫން އެދިވަޑައިގެންނެވި ގޮތަށް ވީހާވެސް އަވަހަށް ބައްޕަ ގޭބަންދަށް ބަދަލުކޮށްދެއްވުމަށް ގޮވާލާފައެވެ.
ދުންޔާ ވިދާޅުވީ ރައީސް މައުމޫން އަކީ ފާއިތުވި 30 އަހަރު ގައުމު ބިނާކޮށްދެއްވި ލީޑަރު ކަމަށާއި އެމަނިކުފާން ޖަލުގައި ބަންދު ކުރުމުން އެތައް ދިވެހި ރައްޔިތުންނަކަށް އޭގެ ފުން ހިތާމަ ލިބި އަސަރުކޮށްފައިވާ ކަމަށެވެ. އަދި އުމުރުފުޅުން 80 އަހަރުން މަތީގެ ބޭފުޅަކު އެގޮތަށް އެކަހެރިކޮށް އޮންނަވަނިކޮށް ކަމެއް ދިމާވެދާނެތީ ކަންބޮޑުވާކަމަށް ދުންޔާ ވިދާޅުވިއެވެ.
އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގައި ރައީސް މައުމޫން ވަނީ އިންސާނިއްޔަތުކަމަށްޓަކައި އަދި އުމުރާއި، ސިއްހަތަށް ބެއްލެވުމަށްފަހު ޖަލު ބަންދުން ގޭ ބަންދަށް ބަދަލުކޮށްދެއްވުމަށް ކޯޓުގައި އެދިވަޑައިގެންފައެވެ.