Last Updated: November 27, 01:11
Tuesday, November 26, 2024
ޚަބަރު

ސިއްޙީ ދާއިރާ އިން އެވޯޑް ދީފި

މަހިބަދޫގައި މިއަދު އޮތް ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ހެލްތް މިނިސްޓްރީ

ސިއްޙީ ދާއިރާ ކުރިއެރުވުމަށް އަގުހުރި މަސައްކަތްތަކެއް ކޮށްދިން ތިން ފަރާތަކަށް ހެލްތު މިނިސްޓްރީން އިނާމުދީފި އެވެ.

މި އަހަރުގެ ދުނިޔޭގެ ސިއްޙަތު ދުވަސް ފާހަގަކުރުމަށް މިއަދު އދ. މަހިބަދޫގައި ބޭއްވި ސިއްޙަތު ދުވަހުގެ ރަސްމީ ޖަލްސާގައި ވަނީ ސިއްޙީ ދާއިރާއަށް ޚިދުމަތްކުރުމުގެ ތިން ކެޓަގަރީއަކުން އިނާމު ދީފަ އެވެ.

އެގޮތުން މިއަދުގެ ޖަލްސާގައި ވަނީ ކޮންމެ އަހަރަކުވެސް ސިއްހަތު ދުވަހު މިނިސްޓްރީން ދޭ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އެންމެ ރަނގަޅަށް މަސައްކަތް ކޮށްދީފައިވާ ހޮސްޕިޓަލަށް ދޭ އެވޯޑާއި ދާއިރާއަށް ފާހަގަކޮށްލެވޭފަދަ ހިދުމަތެއް ކުރައްވާފައިވާ އަމިއްލަ ފަރާތަކަށް ދޭ އެވޯޑާއި މިއަހަރު އަލަށް ތައާރަފްކުރި ސިއްހީ ދާއިރާއަށް އަމާޒުކޮށްގެން އެންމެ ފާހަގަކޮށްލެވޭ ދިރާސާއެއް ކޮށްދެއްވާފައިވާ ފަރާތަށް ދޭ އެވޯޑު ތިން ފަރާތަކަށް ދީފަ އެވެ.

ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދީގެން މިދިޔަ އަހަރު އެވޯޑު ހޯދީ ދ. އަތޮޅު ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލުން ވަނީ މިދިޔަ އަހަރު މުޅި އަތޮޅުތެރޭގައި ސިއްޙަތަށް މީހުން ހޭލުންތެރިކުރުވަން ގިނަ ޙަރަކާތްތަކެއް ހިންގާފަ އެވެ.

ދާއިރާއަށް މިދިޔަ އަހަރު އެންމެ ފާހަގަކޮށްލެވޭ ޚިދުމަތް ކޮށްދިން އަމިއްލަ ފަރާތުގެ އެވޯޑު ހާސިލްކޮށްފައިވަނީ މޯލްޑިވްސް ރެޑް ކްރެސެންޓުންނެވެ. ހެލްތު މިނިސްޓްރީން ބުނީ އެ ޖަމިއްޔާއަށް އިނާމް ދީފައިވަނީ ޤައުމީ ފެންވަރެއްގައި ކުރަމުންގެންދާ އިޖުތިމާއީ މަސައްކަތްތައް ފާހަގަކޮށް، ދުޅަހެޔޮކަމާއި ގުޅުންހުރި ގިނަ ހިދުމަތްތަކެއް ވެސް ފޯރުކޮށްދެމުންގެންދާތީ ހިތްވަރުދިނުމުގެ ގޮތުން ކަމަށެވެ.

މީގެ އިތުރުން މިއަހަރު އަލަށް ދޭންފެށި ސިއްހީ ދާއިރާއާ ގުޅޭގޮތުން ފާހަގަކޮށްލެވޭ ފަދަ ދިރާސާއެއް ހެދުމުން ދޭ އެވޯޑް ހާސިލްކޮށްފައިވަނީ ޑރ. އާއިޝަތު ޝިފާޒާ އެވެ.

މިއަދުގެ ޖަލްސާގައި ވަނީ ހެލްތު މިނިސްޓްރީން ނެރޭ "މޯލްޑިވްސް ހެލްތު ރިސާޗް ބުލެޓިން" ގެ ފަސް ވަނަ އަދަދު ނެރެދީފަ އެވެ. އަދި "ސިއްހީ ދާއިރާގެ ކާމިޔާބީތަކުގެ ފޮތް 2014-2017" ވެސް ވަނީ ނެރެފަ އެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ލޯގޯ ވެސް އިފްތިތާހުކޮށްފައިވަނީ މިއަދުގެ ރަސްމިއްޔާތުގަ އެވެ.

ދުނިޔޭގެ ސިއްޙަތު ދުވަސް މިއަދު މަހިބަދޫގައި ފާހަގަކުރަމުންދާއިރު ދުވަހާއި ގުޅޭ ފޮޓޯ މައުރަޒެއް ވެސް އެރަށުގައި މިއަދު ކުރިއަށްގެންދާނެ އެވެ. އަދު ދުވަހާ ގުޅޭ އިތުރު ޙަރަކާތްތައް ވެސް ކުރިއަށްގެންދާނެ އެވެ.