Last Updated: November 25, 16:15
Monday, November 25, 2024

(އެޕްރީލް 16، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

"އަހަރެން މި ހާލުގައި ނިމިގޮއްސިއްޔާ އެކަނި ކަލާ ކުރާނީ ކީއް؟ލޯބިވާ…" ކަރީމުގެ ހިޔާލީ ދުނިޔޭގެ ވާގަނޑު މި ހިސާބަށް ދިޔަތަނާ ހުސްނާ ކަރީމު ކައިރީ އިށީނދެލި އެވެ.

"ކަރީމު ކިހިނެއް ވެފަތޯ ތި އިންނެވީ؟" ހުސްނާ މަޑުމަޑުން ކަރީމު ކޮނޑުގައި އަތް ޖައްސާލަމުން ގޮވާލި އެވެ.

"ހުސްނާ… ބައެއް ފަހަރު ކުރީގެ ފޮނި ހަނދާންތަކަކީ ވެސް މީރު ކަމެއް ލިބޭ އެއްޗެއް."

ހުސްނާ އޭ ގެފަހުން ހިމޭން ކަމާއެކު އިނދެގެން ކާން ފެށި އެވެ. ކަރީމު ވެސް ދެން އިތުރު އެއްޗެކޭ ނުބުނެ ކަމުން ދިޔަ އެވެ. ހުސްނާ އަށް ވީ ގޮތް ހަމަ ރަނގަޅަށް ކަރީމު އަށް އެނގުނެވެ. ކަރީމު ހިނިތުންވެލި އެވެ. ހުސްނާ އިސް ވެސް އުފުލާ ނުލައި މަޑުން އިނެވެ.

ދުވަސްތައް އަނެއްކާވެސް އާދައިގެ ގޮތެއްގައި ފާއިތުވަމުން ދިޔަ އެވެ.

އެއް ދުވަހެއްގެ ހެނދުނެވެ. މަރިޔަންފުޅު އާދައިގެ މަތިން ހެނދުނު ސައި ހަދާކަށް ނުތެދުވެ އެވެ. ކާސިމްބެ ވެސް ދެ ފަހަރެއްގެ މަތިން މަރިޔަންފުޅަށް ގޮވާލާފައި ދިޔައީ ފަތިސް ނަމާދަށެވެ.
ފަތިސް ނަމާދުން ގެއަށް އައިރު ވެސް އަދި މަރިޔަންފުޅު ނުހޭލަ އެވެ. ކާސިމު އަވަހަށް ގޮސް މަރިޔަންފުޅުގެ އެނދުގެ މަގަތުން އިށީނދެ މަރިޔަންފުޅުގެ ބޮލުގައި ފިރުމާލި އެވެ. މަރިޔަންފުޅެކޭ ގަނޑުކށްއްފައިވާ މަސްގަނޑެކޭ އެއްވަރެވެ، އެހާ ވެސް ފިންޏެވެ.

"ދަރިފުޅާ ފަޒުނާ، އިމްދާދު ނިކަން މި ކޮޅަށް އައިސްބަލަ މަންމަ އަށް ކީއްވެފަތަ މިއޮތީ؟" ކާސިންބެ އޭނާގެ ދޮށީ ދެ ކުދިންނަށް ގޮވާލި އެވެ.
ކާސިންބެ ގެ އަންހެން ދަރިފުޅު ފަޒުނާޔަކީ ނަރުހެކެވެ. އިމްދާދަކީ ހޮސްފިޓަލުގެ ލެބޯޓްރީގައި މަސައްކައް ކުރާ މުވައްޒަފެކެވެ. ދެން ހަނގަށް ތިބި ތިން ކުދިން އަދި ކިޔަވަނީ އެވެ. އެއީ އުލްފާ އާއި މާޝާ އާއި އިމްރާން އެވެ.

ފަޒުނާ އައިސް މަރިޔަންފުޅު ރަނގަޅައް ބަލާލި އެވެ. އަދި ހަރު އަޑުން ރޯން ފެށި އެވެ. މަންމާ އޭކިޔާފައި ރޮމުން މަރިޔަންފުޅުގައި މައްޗައް ވެއްޓިގަތެވެ.

"ދަރިފުޅާ…މަންމަ އަށް ކިހިނެއްވީ؟" ކާސިންބެ ފަޒުނާގެ ގައިގައި ހިފާ ތަޅުވައިގަންނަމުން އަހާލި އެވެ.

"ބައްޕާ… މަންމަ ނިޔާވީ…ނިޔާވީ…" ފަޒުނާ ބާރަށް ކާސިންބެ ގައިގައި އޮޅުލައިގަންނަމުން ބުނެލި އެވެ.

ކާސިންބެ އަނެއްކާވެސް އިށީނދެވުނެވެ. ބަސް ހުއްޓިފަ އެވެ. ކާސިންބެ މޫނުގައި ދެ އަތް އެޅުމަށް ފަހު ގިސްލަ ގިސްލާފައި ރޯން ފެށި އެވެ.

"އުލްފާ…ހުސްނާ ދައްތަ ގޮވައިގެން އަންނަންދޭ." ފަޒުނާ އުލްފާ އާ ދިމާއަށް ބުނެލި އެވެ.

އުލްފާ ދުވެފައި ހުސްނާމެން ގެއަށް ގޮސް ދޮރާށި ކައިރީ ހުރެ ރޯން ފެށި އެވެ. ހުސްނާ އަށް މީހަކު ރޯ އަޑު އިވިގެން ތެޅެމުން ފޮޅެމުން ބޭރަށް ނުކުތެވެ.

"އަނހަ އުލްފާ ކިހިނެއްވީ؟" ހައިރާންކަން އެކުލެވިފައިވާ އަޑަކުން ހުސްނާ އުލްފާ އާ ސުވާލުކޮށްލި އެވެ.

"ދޮންތާ…މަންމަ…" އުލްފާޔައް ބުނެވުނީ މި ހިސާބަށެވެ. އިތުރަކަށް ނުބުނެވުނެވެ.
ހުސްނާ އައިސް އުލްފާގެ ކައިރިޔައް ހުއްޓިފައި އުލްފާ ހުސްނާޔާ ކައިރިކޮއްލިއެވެ. އަދި ނުހަނު ލޯބިން ސުވާލު ކުރިއެވެ.
"ދަރިފުޅާ އެވެ. މަންމަ ޔައްވީ ކީއްހެއްޔެވެ. ހިގާބަލާށެވެ"

ހުސްނާ ބުރުގާ ރަނގަޅު ކުރަމުން އުލްފާ ގޮވައިގެން އެ ގެއަށް ދިޔައެ ވެ. މުޅި ގެ އޮތީ މީހުންތަކުން ފުރިފަ އެވެ. ކޮންމެ މީހަކު ވެސް ދައްކަމުން ދިޔައީ މަރިޔަންފުޅުގެ ރަނގަޅު ވާހަކަ އެވެ. އެއިން ކޮންމެ މީހަކުމެ ތިބީ ހިތާމަ އާއި މޮޅިވެރި ކަމުގަ އެވެ. ގޭތެރެ އަށް ވަނުމާއެކު ހުސްނާ އަށް ވީވެސް ހަމަ އެހެން ނެވެ.

ހުސްނާގެ މަންމަމެން ނިޔާވުމަށް ފަހު ހުސްނާ އާ އެކު އަބަދު އުޅެ އެހީ ވެދީ ހެދީ މަރިޔަންފުޅެވެ. ހުސްނާ ކެތްތެރިކަމާ އެކު ތެދުވި އެވެ. ފަޒުނާ އާއި އެހެން ކުދިން ވެސް ހުސްނާގެ ކައިރިއަށް އަ އެވެ.

"ދޮންތާ… މިވީ ކިހިނެއް…މަންމަ…" ފަޒުނާ ހިތާމަ އާއި މޮޅިވެރި ހާލު ވާހަކަ ދައްކަން ފެށި އެވެ. ނަމަވެސް ހިތްދަތިވެފައިވާ ވަރުން އޭނާގެ އަޑު ބެދިއްޖެ އެވެ.

"ފަޒުނާ…ހުއްޓާލާ…މިއީ ކޮންމެ މީހަކަށް ވެސް އަންނާނެ ދުވަހެެއް. މިހާރު ރުއިމުން މަންމަ އަށް މާ ރަނގަޅެއް ނުވާނެ. މަންމަ އަށް ހެޔޮ ދުއާކު ރަން ޖެހޭނެ. މަންމަ އަށް ފައިދާ ވާނީ އެގޮތުން."

އެވަގުތު ކޮންމެވެސް ގޮތަކަށް މިހަބަރު ލިބިގެން ކަރީމު ވެސް އެ ގެއަށް އަ އެވެ.

"ކަރީމު އައިކަން ރަނގަޅު… އަވަހަށް ކާސިންބެ ގޮވައިގެން ކަށުކަމާކެމީގެ ކަންތަކުގައި އުޅެދެއްވާ. އަޅުގަނޑު މިދަނީ އެ މަންޖެ އާއި އެސޮރު ބަލާ ދާން.".

"ކާސިންބެ ކޮބާ؟" ކަރީމު ދެކޮޅު ހޯދާލާފައި ސުވާލު ކުރި އެވެ.

"އެ ފަރާތު ކޮޓަރީގައި އެބައިން ދުރުވޭ." ހުސްނާ އެއް ފަރާތަކަށް އިޝާރާތްކޮށް ދައްކާލި އެވެ.

(ނުނިމޭ)