ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެސްޓީއޯ އިން އައްޑޫގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަ ދެ ފާމަސީ ހުޅުވާނީ އަންނަ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެސްޓީއޯގެ މެނެޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި ހުޅުމީދޫ ސިއްހީ މަރުކަޒުގައި ހުޅުވާ ފާމަސީތައް ހުޅުވުމަށް އިމާރާތުގައި ވާން ޖެހޭ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ.
އެގޮތުން ކޮންޓްރެކްޓް އުސޫލުން ބަޔަކާ ހަވާލުކޮށްގެން ހޮސްޕިޓަލްގެ ގޯތި ތެރޭގައި އިމާރާތް ކުރި ފާމަސީގެ މަސައްކަތް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހުޅުމީދޫ ސިިއްހީ މަރުކަޒު ތެރޭގައި ހުޅުވާ ފާމަސީ އަށް ބޭނުންވާ ތަނުގެ މަސައްކަތް ވެސް މިހާރު ހުރީ ތައްޔާރަށް ކަމަށް ޝާހިދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާރު މި އަންނަނީ އެ ދެ ތަނަށް ބޭނުންވާ ސިސްޓަމް ގެނައުމުގެ މަސައްކަތް ކުރަމުން. ސިންގަޕޫރުން ގެންނަ ސިސްޓަމްތައް މިނ މަހުގެ ކުރީކޮޅު ލިބި އިންސްޓޯލް ކުރެވުމާ އެކު ޖެނުއަރީ 15 ގައި ފާމަސީތައް ހުޅުވައި ހިދުމަތް ދޭން ފެށޭނެ،" އައްޑޫގައި އެސްޓީއޯ އިން ހުޅުވާ ފުރަތަމަ ދެ ފާމަސީ އާ ބެހޭ ގޮތުން ޝާހިދު ވިދާޅުވި އެވެ.
އެސްޓީއޯ އިން ބުނީ އެ ކުންފުނީގެ ފާމަސީތައް ހުޅުވައި ހިދުމަތް ދޭން ފެށުމުން، އާސަންދަ ހިދުމަތުގެ ދަށުން ބޭސް ނުލިބޭ މައްސަލަ އާއި ބޭނުންވާ ބޭސްތައް ނުލިބިގެން އަައްޑޫ ރައްޔިތުން އުފުލަމުންދާ ތަކުލީފަށް ވަރަށް ބޮޑު ލުއެއް ލިބޭނެ ކަމަށެވެ.
އައްޑޫގައި މި ވަގުތު ހިންގާ ގިނަ ފާމަސީތަކަކީ އާސަންދަ ހިދުމަތް ނުލިބޭ އާންމު ވިޔަފާރިވެރިން ހިންގާ ތަންތަނެވެ. އެސްޓީއޯ އިން ބުނީ އައްޑޫގައި އެ ކުންފުނީގެ ފާމަސީތަކެއް ހުޅުވަން ނިންމީ ހެލްތު މިނިސްޓްރީގެ އެދުމުގެ މަތިން ކަމަށެވެ.
އެ ކުންފުންޏަކީ މާލޭގައި ބޭހުގެ ވިޔަފާރި ފުޅާކޮށް ކުރަމުން އަންނަ ކުންފުންޏެކެވެ.