Last Updated: February 18, 21:58
Wednesday, February 19, 2025
ޚަބަރު

ވިންޓަ ޕާކާއި ކެފޭ ހިންގާނެ ބަޔަކު ހޯދަނީ

ރަސްރަނި ބަގީޗާގައި ބަޔަކު ހަރަކާތްތެރިވަނީ -ފޮޓޯ: ވީނިއުސް

ރަސްރަނި ބަގީޗާގައި ތަރައްޤީ ކޮށްފައިވާ ކެފޭ އޭރިއާ އާއި ވިންޓަ ތީމް ޕާކް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

ހައުސިން މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 22 އެޕްރީލް ވާ އާދީއްތަ ދުވަހުގެ 11:30 އަށް އެ މިނިސްޓްރީ އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު އީމެއިލް މެދުވެރިކޮށް 2018 އެޕްރީލު 29 ވާ އާދީއްތަ ދުވަހުގެ 11:30 ގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މީގެކުރިން ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރަސްރަނި ބަގީޗާގައި ތަރައްޤީ ކުރާ "ވިންޓާ ކޯނާ" ގެ މަސައްކަތް މި އަހަރުގެ ރޯދަ މަހުގެ ކުރިން ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ އިންޓަވިއުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ސްނޯ ތީމަށް ހަދާ އިމާރާތަށް ބޭނުންވާ ސާމާނުތައް ތައްޔާރުކޮށްފައިވާ ކަމަށާއި އެތަކެތި ތައްޔާރުކޮށްފައިވަނީ ފްރާންސާއި ސުވިޒަލޭންޑުގެ ކުންފުންޏެއްގެ ފެކްޓަރީއެއްގައި ކަމަށެވެ.

އަދި އެ އިމާރާތަށް ބޭނުންވާ ސާމާނު ތައްޔާރުކުރުމަށް އެ ކުންފުނިން ރާއްޖެ ޒިޔާރަތްކޮށް ބޭނުންވާ މައުލޫމާތު ނަގާފައިވާ ކަމަށާއި ގިނަ ވަގުތުތަކެއް ހޭދަވެގެން ދިޔައީ އެ މަސައްކަތަށް ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މިނިސްޓަރު މިހެން ވިދާޅުވިއިރު، އެ މަސައްކަތަކީ އެ މިނިސްޓްރީން މިދިޔަ ޑިސެމްބަރު މަަހަށް ނިންމާ ހުޅުވަން އަމާޒުކޮށް އިއުލާން ކުރި މަސައްކަތައްކަން ފާހަގަކޮށްލެވެއެވެ.

އެ ޑިސެމްބަރުގައި ރާއްޖެއަށް "ފިނި މޫސުން" އަންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް މިއަދާ ހަމަޔަށް އައިއިރު ވެސް އެތަނުގެ މަސައްކަތް ނިމިފައި ނުވެއެވެ.

މުއިއްޒު ވިދާޅުވީ އެ މަސައްކަތްތައް ނިންމާ، ރާއްޖެއަށް ސްނޯ މެޝިނާއި އެތަން ހެދުމަށް ބޭނުންވާ ހުރިހާ ސާމާނެއް ވެސް ގެނެސްފައިވާ ކަމަށާއި އެތަން ރޭވުމަށްޓަކައި ފުރަތަމަ އަޅަން ޖެހޭ ފައުންޑޭޝަންނާއި ކުރަން ޖެހޭ ކޮންކްރީޓު ހުރިހާ މަސައްކަތެއް ވެސް މިހާރު ނިންމާފައިވާ ކަމަށެވެ.

އަދި ކޮންކްރީޓް ބިންގާގެ މައްޗައް އެތަން ރޭވުމުގެ މަސައްކަތް އަންނަ ހަފުތާގެ ތެރޭގައި ފަށާނެ ކަމަށާއި އެއަށް ފަހު 45 ދުވަހުގެ ތެރޭގައި މުޅި އިމާރާތް އެއްކޮށް ނިމޭނެ ކަމަަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އުންމީދަކީ ރޯދަ މަހުގެ ކުރިން އެތަނުގެ މަސައްކަތް ނިންމުމެވެ.