Last Updated: November 27, 01:11
Wednesday, November 27, 2024
ޚަބަރު

ފެންބޮޑުވެ ދަތިތައް ކުރިމަތިވާތީ ހިތާމަ ކުރަން: އައިބީ

އައްޑޫ ސިޓީ ފޭދޫގައި ފެންބޮޑުވެ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާތީ ހިތާމަކުރައްވާ ކަމަށާއި ފެންބޮޑުވާ މައްސަލައަށް މިއަހަރު ތެރޭގައި ހައްލެއް ގެނެވޭނެ ކަމަށް ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމްދީދީ (އައިބީ) ވިދާޅުވެއްޖެ އެވެ.

ދެކުނުގެ އަތޮޅުތަކަށް ކުރަމުން ގެންދާ ވިއްސާރައިގައި ފޭދޫގެ އެކި ހިސާބުތަކުގައި ފެންބޮޑުވެ އާއްމު ދިރިއުޅުމަށް ބޮޑެތި ދަތިތަކާއި ވަނީ ކުރިމަތިލާން ޖެހިފައެވެ.

އެގޮތުން މިއަދު ވެސް ފެންބޮޑުވެފައިވާ ބައެއް ސަރަހައްދުތަކުން ފެން ހިއްކުމަށް ސިފައިން ވެސް ވަނީ އެހީތެރިކަން ފޯރުކޮށް ދީފަ އެވެ.

"އިރާދަކުރެއްވިޔާ މިއަހަރު ތެރޭ ރައީސްގެ ވަޢުދާއި އެއްގޮތަށް ފޭދޫގެ ފެން ހިންދާ ނިޒާމުގެ މަސައްކަތް ފެށޭނެ،" -އައިބީ ވިދާޅުވި އެވެ.

ފޭދޫގެ ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވެފައިވާ އިރު އެކަމާއި ކަންބޮޑުވުން ފާޅު ކުރައްވައި ކުރެއްވި ޓްވީޓެއްގައި އައިބީ ވިދާޅުވީ، އިރާދަކުރެއްވިޔާ މިއަހަރު ތެރޭ ރައީސްގެ ވަޢުދާއި އެއްގޮތަށް ފޭދޫގެ ފެން ހިންދާ ނިޒާމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.

އެހެން ނަމަވެސް ފޭދޫ އާއި މަރަދޫފޭދޫގައި ފެންބޮޑުވާ މައްސަލަ 6 މަސް ދުވަހުގެ ތެރޭގައި ހައްލު ކުރެވޭނެ ކަމަށް 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހު 'ދިޓީވީ' އިން ގެނެސް ދިން ޕްރޮގްރާމެއްގައި އައިބީ މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.