ލަންޑަންގެ މެޑަމް ޓްސޯޑްގައި މިހާރު ވެސް ބޮލީވުޑްގެ އޭ ލިސްޓް ތަރިންތަކެއްގެ ވެކްސް ސްޓެޗޫ އެބަ ހުއްޓެވެ. އެކަމަކު ކަރަން ޖޯހަރަކީ މެޑަމް ޓްސޯޑްސް އަށް ވަންނަ އިންޑިއާގެ ފުރަތަމަ ޑައިރެކްޓަރެވެ. އޭނާގެ ވެކްސް ސްޓެޗޫ އެތަނުގައި ބަހައްޓަން ނިންމައި، ކަރަންގެ މެޝަމެންޓްތައް ވެސް މިހާރު ވަނީ ނަގައިފަ އެވެ.
އެ މަސައްކަތުގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް ކަރަން އާއި މެޑަމް ޓްސޯޑްސްގެ ޓްވިޓާގައި ވެސް ވަނީ ހިއްސާކޮށްފަ އެވެ.
ފިލްމް "ކުޗް ކުކް ހޯތާ ހޭ" އިން 1998 ގައި ޑައިރެކްޝަނަށް ނުކުތް ކަރަންއަކީ އިނގިރޭސިވިލާތުގައި އެންމެ މަޝްހޫރު އިންޑިއާގެ ޑައިރެކްޓަރެކެވެ. އޭނާގެ ކޮންމެ ފިލްމަކަށް ވެސް އިނގިރޭސިވިލާތުގައި ބޮޑު ތަރުހީބެއް ލިބެ އެވެ. އަދި ކަރަން ޑައިރެކްޓް ކުރި ފިލްމްތަކުގެ ތެރެއިން 2001 ގެ "ކަބީ ހުޝީ ކަބީ ޢަމް" އަކީ އިނގިރޭސިވިލާތުގައި ވަރަށް ބޮޑު ބައި ޝޫޓް ވެސް ކުރި ފިލްމެކެވެ.
މެޑަމް ޓްސޯޑްސްގައި ކަރަން، 45، ގެ ސްޓެޗޫ ބަހައްޓަން ނިންމުމާ ގުޅިގެން އޭނާ ބުނީ މި ލިބުނު ޝަރަފާ ދޭތެރޭ ވަރަށް ހިތްހަމަޖެހިފައިވާ ކަމަށެވެ. އޭނާގެ ސްޓެޗޫ ކުރިއަށް އޮތް ހައެއްކަ މަސް ތެރޭގައި ނިންމާލައި ރަސްމީކޮށް ދައްކައިލާނެ އެވެ.
Honoured to be the first filmmaker from India at the prestigious @MadameTussauds …thank you to the entire team in London who worked tirelessly …will have further details about when and where soon!!! #MadameTussauds #iifamadametusaauds pic.twitter.com/pbLuVs3hER
— Karan Johar (@karanjohar) April 19, 2018
މެޑަމް ޓްސޯޑްސްގައި މިހާރު ހުރި ބޮލީވުޑްގެ ތަރިންތަކުގެ ސްޓެޗޫތަކުގެ ތެރޭގައި އަމީތާން ބައްޗަން، ޝާހްރުކް ހާން، އައިޝްވާރިޔާ ރާއީ، ސަލްމާން ހާން، މަދޫރީ ޑިކްސިޓް، ރިތިކް ރޯޝަން، ކަރީނާ ކަޕޫރް އަދި ކެޓްރީނާ ކައިފް ހިމެނެ އެވެ.
އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި މެޑަމް ޓްސޯޑްސްގެ ގޮފިތަކުގައި އިންޑިއާގެ މަޝްހޫރު ސެލެބްރިޓީންގެ ސްޓެޗޫ އެބަ ހުއްޓެވެ.
ކަރަންއަކީ މިހާރު ހަމައެކަނި ޑައިރެކްޓަރެއް ވެސް ނޫނެވެ. އޭނާއަކީ އިންޑިއާގެ އެންމެ ނުފޫޒު ގަދަ އެއް ޕްރޮޑިއުސަރު ވެސް މެ އެވެ. މި އަހަރު އޭނާގެ ދަރްމާ ޕްރޮޑަކްޝަން ގެނެސް ދޭން ހުރި ފިލްމްތަކުގެ ތެރޭގައި އަންނަ މަހުގެ 11 ގައި ރިލީޒް ކުރާ "ރާޒީ" އާއި ޖުލައި 20 ގައި ރިލީޒް ކުރާ "ދަޅަކް" އާއި ނޮވެމްބަރު 23 ގައި ރިލީޒް ކުރާ "ސްޓޫޑަންޓް އޮފް ދި އިޔާ 2" ގެ އިތުރުން ޑިސެމްބަރު 28 ގައި ރިލީޒް ކުރާ "ސިމްބާ" ހިމެނެ އެވެ.
އަންނަ އަހަރު ކަރަން ގެނެސްދޭ ފިލްމްތަކުގެ ތެރޭގައި "ކަލަންކް" އާއި "ބްރައްމަސްތުރާ" އަދި "ރަންބޫމީ" ހިމެނެ އެވެ.