Last Updated: November 27, 01:11
Wednesday, November 27, 2024
ޚަބަރު

ޖިންސީ ގޯނާ ކުރާ މީހެެއްގެ މައްސަލަ ބޮޑުވެއްޖެ

ހިތަދޫ ބޮޑު މަގު.

އައްޑޫ ސިޓީ، ހިތަދޫ އަށް ނިސްބަތްވާ މީހަކު، ތަކުރާރުކޮށް އެކި ފަރާތްތަކަށް ޖިންސީ ގޯނާ ކުރަމުން ގެންދާ ކަމުގެ ޝަކުވާ ބޮޑުވެއްޖެއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އުމުރުން 27 އަހަރުގެ އެމީހާއަކީ މީގެ ކުރިން އެފަދަ މައްސަލައެއްގައި ހުކުމް ތަންފީޒުކޮށްފައިވާ މީހެކެވެ.

އެފަހަރު އޭނާ ޖަލަށް ލުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކުރީ، ޤައުމީ ޔުނިވާސިޓީގެ ނާސިންގ ކޯސް ފުރިހަމަ ކުރާ ދަރިވަރުން ތިބޭ ދަނާލަށް ވަދެ ޖިންސީ ގުނަވަން ދެއްކުމުންނެވެ.

އެ މައްސަލައިގެ ހުކުމް ތަންފީޒު ކޮށް ނިމިފައި ވަނިކޮށް، ފާއިތުވި އަހަރުގެ ތެރޭގައި ވެސް އޭނާ ވަނީ ފިހާރައެއްގައި ހުރި އަންހެނަކަށް ޖިންސީ ގުނަވަން ދައްކާފައެވެ. އެ މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ކަމެއް ނުވަތަ ނޫންކަމެއް ސާފެއް ނުވެއެވެ.

ތިން ވަނަ ފަހަރަށް އެމީހާ އަންހެނަކަށް ޖިންސީ ފުރައްސާރަކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައި ފޭދޫ ބޮޑުމަގުގައި ހުރި ފިހާރައެއްގެ ތެރޭގައެވެ.

އެކަމާއި ކުރިމަތިލާން ޖެހުނު އަންހެން ކުއްޖާ ވަނީ އެ ހާދިސާ ހިނގި ގޮތް ފޭސްބުކްގައި ވަރަށް ރަނގަޅަށް ކިޔައިދީފައެވެ.

"ޖިންސެއް ގަންނަން ކަމަށް ބުނެ ގޮސް، ޗޭންޖިން ރޫމްގެ ދޮރު ނުލައްޕާ ހުރެފައި، އެހެން ސައިޒެއްގެ ޖިންސެއް ގެނެސްދޭން އެދުނީ. އަންހެން ކުއްޖާ ގެންގޮސް ދިނުމުން، އެ ކުއްޖާ އާއި ދިމާލަށް އެނބުރުނީ، ޖިންސީ ގުނަވަން ފެންނަ ގޮތަށް،" އަންހެން ކުއްޖާގެ އާއިލާގެ މީހަކު ބުންޏެވެ.

ޖިންސީ ފުރައްސާރަ އާއި ކުރިމަތިލާން ޖެހުނު އަންހެން ކުއްޖާ ވަނީ، ފޭދޫ ބޮޑުމަގުގައި ހުންނަ ފިހާރައިން ފިރިހެން މީހާ ނިކުންނަ މަންޒަރު ފެންނަ ފޮޓޯ އެއް ވެސް ފޭސްބުކްގައި ހިއްސާކޮށްފައެވެ.