އެޕްރީލް މަހުގެ 24 ވަނަ ދުވަހު، އައްޑޫގައި އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް 3،000 އެނދު ފައްކާ ކުރުމަށް މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ވެސް ބިޔަ މަޝްރޫޢެއް އިއުލާންކުރިތާ އަހަރެއް ވާނެއެވެ.
ގެސްޓް ހައުސްގެ ބިޔަ މަޝްރޫޢޫ އިއުލާންކުރިތާ އަހަރެއް ވީއިރު، މިހާތަނަށް އެމަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިފައެއް ނުވެއެވެ. އެހެން ނަމަވެސް މަޝްރޫޢު އިއުލާންކުރި އިރު، ބުނެފައިވަނީ 2 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ފަށައި 18 މަސް ދުވަހުގެ ތެރޭގައި މުޅި މަޝްރޫއު އެއްކޮށް ނިންމަން ޕްލޭން ކޮށްފައިވާ ކަމަށެވެ.
2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް އައްޑޫގައި އިއުލާންކުރި ގެސްޓް ހައުސްގެ ބިޔަ މަޝްރޫޢަށް ވާނުވާ އެނގެނީ ހަމައެކަނި އެމްއައިޓީޑީސީ އަށެވެ. އެ މައުލޫމާތު ސަރުކާރުގެ އެއްވެސް ވުޒާރާއަކުން މިހާތަނަށް ރައްޔިތުންނާއި ހިއްސާކޮށްފައެއް ނުވެއެވެ.
އައްޑޫގައި ފަށަން ބުނި ގެސްޓް ހައުސްގެ ބިޔަ މަޝްރޫޢާއި ބެހޭގޮތުން ސަރުކާރުގެ ވުޒާރާ އަކުން އަދި އެމްއައިޓީޑީސީ އަކުން ވެސް މިހާރު ގިނަ ރައްޔިތުން ބުނަމުން ދަނީ އެއީ ކައުންސިލް އިންތިޚާބާއި ދިމާކޮށް އައްޑޫ ރައްޔިތުންގެ ލޮލުގައި އަޅުވާލި އަނދުނެއް ކަމަށެވެ.
އައްޑޫގައި ފަތުރުވެރިކަން ކުރިއެރުވުމުގެ ހުވަފެން އައްޑޫގެ ރައްޔިތުން ދެކެމުން އަންނަތާ އެތައް ދުވަހެއް ވަނީ ވެފައެވެ. އެކަން ކޮށްދޭނެ ކަމަށް އެކި ސަރުކާރުތަކުން ވައުދުވެފައިވާއިރު، ރައީސް ޔާމީން ވެސް ވެރިކަމަށް ވަޑައިގެންފައި ވަނީ އައްޑޫގައި ފަތުރުވެރިކަން ކުރިއަރުވާނެ ކަމުގެ ހުވަފެންތައް ދެއްކެވުމަށް ފަހުގައެވެ. އެގޮތުން 2013 ވަނަ އަހަރުގެ ތެރޭގައި ޕީޕީއެމްގެ ސަރުކާރެއްގައި އައްޑޫގައި "ބިން ހިއްކައިގެން ނަަމަވެސް ފަތުރުވެރިކަމުގެ 5000 އެނދު ޤާއިމްކުރާނެ" ކަމަށް ވެސް ވައުދުވެފައިވެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެސްޓް ހައުސްގެ ވިޔަފާރި ފުޅާވަމުން އަންނައިރު، އެ ވިޔަފާރި ކުރިއެރުވުމަށް 2014 ވަނަ އަހަރު އައްޑޫ ސިޓީ ކައުންސިލުން ގެސްޓް ހައުސް ވެންޗަރ ޕްރޮގްރާމެއް ފެށިއެވެ. އެހެން ނަމަވެސް މައި ސަރުކާރުން ވަނީ މަޝްރޫޢު އިއުލާންކުރިތާ މާ ގިނަ ދުވަހެއް ނުވެ އެކި ގޮތްގޮތުން ކައުންސިލަށް ފިއްތުންތަކާއި ކުރިމަތިލާން ޖެހުނެއެވެ.
އަދި ދުވަސްކޮޅެއް ފަހުން ކައުންސިލްގެ ގިނަ ބާރުތަކެއް މައި ސަރުކާރަށް ވަނީ ނަގާފައެވެ. އެކަމާއި ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެ ކައުންސިލްގެ ބާރުތައް ސަރުކާރުން ކަނޑުވާލި ސަބަބަކީ ގެސްޓް ހައުސް ވެންޗަ މަޝްރޫއު ފަށަން އުޅުމެވެ.
އައްޑޫ ސިޓީ ކައުންސިލުން 2000 އެނދު ތަރައްޤީ ކުރުމަށް އަމާޒުކޮށް ފަށަން އުޅުނު ގެސްޓް ހައުސް ވެންޗަ ހުއްޓުވާލުމަށް ފަހު، ސަރުކާރުން އައްޑޫގައި ގެސްޓް ހައުސް އެނދު ތަރައްގީ ކުރުމުގެ މަޝްރޫއެއް އިފްތިތާހުކުރީ ހުވަފެންތަކެއް ދައްކަމުންނެވެ. ބޭރުން ގެނެސް ރާވާލާ ގޮތަށް ކަމަށް ބުނަމުންނެވެ. އެހެން ނަމަވެސް އައްޑޫ ގެސްޓް ހައުސް މަޝްރޫޢާއި ގުޅޭ މަސައްކަތެއް ކުރިއަށް ދަންޏާ އެކަމެއް ކުރެވެނީ ހަމައެކަނި ކަރުދާހުގައެވެ. އެ ކަރުދާސްތައް ވެސް ހުރީ ބަންދު ކޮޓަރިއެއްގައެވެ.