ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) ގައި "ދިވެހިރާއްޖޭގައި ހިންގާ އެންމެހައި ޝަރީޢަތްތައް ހިންގާންވާނީ ޢަދުލުވެރިކަމާއެކު، ވަކިފަރާތަކަށް ނުޖެހި، ހާމަކަމާއެކުގައި" ކަމަށް ބަޔާންކޮށްފައިވެއެވެ.
ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުން ފަނޑިޔާރުން އެބޭފުޅުންގެ ޒިންމާ އަދާކުރެއްވުމުގައި ވަކި ފަރާތަކަށް ނުޖެހުމާއި ވަކި ފަރާތެއްގެ ނުފޫޒަށް ނުލެނބުމާއި، ވަކި ފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުން ނުވުމާއި ތަޢައްސުބުން އެއްކިބާވާން ޖެހެއެވެ.
މީގެ އިތުރުން ފަނޑިޔާރުންގެ ޤާނޫނުގެ 29 ވަނަ މާއްދާގެ 13 ވަނަ ނަމްބަރުގައި ފަނޑިޔާރެއްގެ މަސްލަޙަތެއް އޮތް މައްސަލައެއް ބަލައިގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ޝަރީޢަތްކުރުމާބެހޭ ޤަވާއިދު 6.0 ގައިވެސް ފަނޑިޔާރުންގެ މަސްލަޙަތު އޮތް މައްސަލަތައް ބަލައިގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
ޤާނޫނު އަސާސީ އާއި ޤާނޫނުގައި މިކަން ކިތަންމެ ސާފުކޮށް ބަޔާންކޮށްފައި ވީ ނަމަވެސް އިއްޔެ ކްރިމިނަލް ކޯޓުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދުގެ މައްޗަށް އުފުލާފައިވާ ދައުވާއެއްގެ އަޑުއެހުމެއް ކުރިއަށް ދިޔައިރު ފެނިގެން ދިޔައީ މުޅިން އެހެން މަންޒަރެކެވެ.
In the alleged case of influencing judges,PG submitted court orders by 4 criminal crt judges including orders by the sitting Judge as documentary evidence.Defense requested Judge to recuse for that reason.Judge rejected the submission stating tht there is no conflict of interest
— Hisaan ؟? (@hisaanhussain) April 22, 2018
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދަށް ކުރާ ދައުވާގެ އަޑުއެހުމުގައި އެމަނިކުފާނާއި ދެކޮޅަށް ދައުލަތުގެ ފަރާތުން ހެކީގެ ގޮތުގައި ކްރިމިނަލް ކޯޓުގެ 4 ގާޒީއަކު ނެރުއްވާފައިވާ އަމުރުތައް ހުށަހެޅިއެވެ. އޭގެ ތެރެއިން އެއް އަމުރު ނެރުއްވާފައި ވަނީ، މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އަލީއެވެ.
ގާޒީ އިބްރާހިމް އަލީ ނެރުއްވި އަމުރެއް ހެއްކެއްގެ ގޮތުގައި ހުށަހަޅާފައި ވަނިކޮށް، އެ މައްސަލަ ބެއްލެވުމަށް އެބޭފުޅާ ހުންނެވުމަކީ، މަސްލަޙަތު ފުށުއެރުން ކަމަށް އުއްތަމަ ފަނޑިޔާރުގެ ޤާނޫނީ ވަކީލުން ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް ގާޒީ އިބްރާހިމް އަލީ ނިންމެވީ އެއީ މަސްލަޙަތު ފުށުއެރުން ނޫން ކަމަށެވެ.
ޝަރީޢަތްތައް ހިންގާންވާނީ ޢަދުލުވެރިކަމާއެކު، ވަކިފަރާތަކަށް ނުޖެހި، ހާމަކަމާއެކުގައި ކަމަށް ޤާނޫނު އަސާސީގައި ބުނެފައިވާއިރު، އުއްތަމަ ފަނޑިޔާރާއި ދެކޮޅަށް ބޭނުންކުރާ ހެއްކަކީ މައްސަލަ ބައްލަވާ ގާޒީ ނެރުއްވި ކޯޓު އަމުރެއް ކަމަށް ވާއިރު ދެން މަސްލަޙަތު ފުށު ނާރާނެ އެއްގޮތެއް ވެސް ބުއްދީގެ ހަމަތަކުން ބަލާއިރު އޮންނާނެ ހެއްޔެވެ؟
ޤާނޫނީ ގޮތުން ބަލާއިރު، މައްސަލަ ބައްލަވާ ގާޒީ ނެރުއްވި ކޯޓު އަމުރު ހެއްކެއްގެ ގޮތުގައި ބަލައިގަނެ ކުރިއަށް ގެންދާ ޝަރީޢަތުން ޤާނޫނުއަސާސީ އިން ކަށަވަރުކޮށްދޭ މިނިވަންކަމާއެކު ވަކިފަރާތަކަށް ނުޖެހި ޝަރީޢަތްކުރުމުގެ ޙައްޤަށް ހުރަސް އެޅެއެވެ.
މައްސަލަ ބައްލަވާ ގާޒީގެ ނެރުއްވި ކޯޓު އަމުރު ހެއްކަކަށް ބޭނުންކުރާ ނަމަ އޭގެ މާނައަކީ، އުއްތަމަ ފަނޑިޔާރު ކުށްވެރިވެއްޖެ ކަމަށް ފުރަތަމަ ނަޒަރުން (prima facie) ގާޒީ ބެއްލެވުން ނޫން ކޮންކަމެއް ހެއްޔެވެ؟