Last Updated: November 25, 16:15
Monday, November 25, 2024
ވިޔަފާރި

އެމްޑީޕީގެ މެރިކަލްޗާ ސިޔާސަތު ހާމަކުރުން ހޮނިހިރުގައި

ހުޅުމީދޫގެ ކިޅީގެ ހިތްގައިމު ސަރަހައްދެއް: ގުދުރަތީ މިފަދަ ރީތި ތަންތަން ދަމަހައްޓަން ޖެހޭ. ފޮޓޯ/ އަޒާ

އެމްޑީޕީ ސަރުކާރެއްގައި ރާއްޖޭގައި މެރިކަލްޗަ ވިޔާފާރި ތަރައްޤީކޮށް ކުރިއެރުވުމުގެ ޤައުމީ ސިޔާސަތުގެ "މިނީ މެނިފެސްޓޯ" ކުރީގެ ރައީސް ނަޝީދު އިފްތިތާޙް ކޮށްދެއްވުން މި އަންނަ ހޮނިހިރު ދުވަހު ނ. ކެނދިކުޅުދޫގައި އޮންނާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޗެއަޕާސަން މޫސާ މަނިކު ވިދާޅުވީ ކެނދިކުޅޫދޫގައި އެމްޑީޕީގެ މެރިކަލްޗަ ސިޔާސަތު ހާމަކޮށް ދެއްވުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތުގައި އެމްޑީޕީގެ ރިޔާސީ ކެންޑީޑޭޓް ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅު ދައްކަވާ މަޢުލޫމާތު ދެއްވާނެ ކަމަށެވެ.
އަދި އެމްޑީޕީގެ މަސްވެރިކަމުގެ ސިޔާސަތު މައިގަނޑު ގޮތެއްގައި ތަރައްގީ ކުރެވޭއިރު، ފަންނީ އަދި ޒަމާނީ ކުރިއެރުންތައް މިރާއްޖެއަށް ތަޢާރަފް ކުރުމުގެ މުހިންމުކަން އެމްޑީޕީން ދެކޭ ކަމަށާއި މެރިކަލްޗަރގެ ސަބަބުން އާމްދަނީ ހޯދުމަށް އިތުރު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް މޫސަ ވިދާޅުވި އެވެ.

ޗެއަޕާސަން އިދާރީ ނައިބް އަލީ ޝިޔާމް ވިދާޅުވީ މެރިކަލްޗަރ ސިޔާސަތު ކެނދިކުޅުދޫގައި ނަޝީދު އިފްތިތާހްކޮށްދެއްވުމާ އެކު ރާއްޖޭގެ އެހެން ވިހި ސަރަހައްދެއްގައި އެއްފަހަރާ މި ސިޔާސަތު ހާމަކޮށް ދިނުމުގެ ހަރަކާތްތަކެއް އެމްޑީޕީގެ އިސްވެރިން ބައިވެރިވެ ވަޑައިގެން ކުރިއަށް ގެންދަވާނެ ކަމަށެވެ.
އަދި ކެނދިކުޅުދޫގައި ކަމާބެހޭ ފަރާތްތަކާއެކު ބާއްވާ ޚާއްޞަ މަސައްކަތު ބައްދަލުވުމެއް ކުރިއަށް ދާނެ ކަމަށާއި އެމަސައްކަތު ބައްދަލުވުމުން ލިބޭ މައުލޫމާތުތައް އެމްޑީޕީ މެރިކަލްޗަގެ ޤައުމީ ސިޔާސަތު ހަރުދަނާކުރުމަށް ހިމަނުއް ވާނެ ކަމަށް ވިދާޅުވި އެވެ.

މެރިކަލްޗަރުގެ ވިޔަފާރި ނުވަތަ ރާއްޖޭގެ ކުޅިތަކާއި ފަރުފަރާއި ފަޅުތަކާއި އަދި ކަނޑުތަކުން ލިބެވޭ މަހާއި އަދި އެހެން ތަފާތު ދިރުންތައް ވިއްސައި ބޮޑެތިކޮށް ވިއްކައިގެން އާމްދަނީ އާއި ނަފާ ހޯދުމުގެ ފުރުޞަތުތައް އެއީ ރާއްޖޭގެ ކޮންމެރަށެއްގައި ހުރެމެ ފަހިކުރެވިދާނެ ފައިދާހުރި މަސައްކަތެއް ކަމަށް އެމްޑީޕީން މައުލޫމާތު ދެއެވެ. އަދި މެރިކަލްޗަރުގެ ވިޔާފާރި އާ ބެހޭ މުހިންމު އެހެން ވަޞީލަތްތައް ވެސް ތަރައްގީ ކުރުމާއި، އެ ވިޔާފާރީގައި މަސައްކަތް ކުރައްވާނެ ފަރާތްތަކަށް މާލީ އެހީތެރިކަމާއި ބޭންކްގެ ޚިދްމަތްތައް ފަހިކޮށް، ފޯރުވައި ދިނުމަކީ އެމްޑީޕީގެ މެރިކަލްޗަ ވިޔަފާރީގެ ސިޔާސަތުގެ ބައެއް ކަމަށް އެމްޑީޕީން ހާމަ ކުރެ އެވެ.

އެމްޑީޕީގެ މެރިކަލްޗަގެ ސިޔާސަތަކީ ވެސް އާއްމު ރައްޔިތު މީހާ އަށް އަމާޒުކޮށްގެން ހިންގާ ސިޔާސަތެއް ކަމަށާއި އެމްޑީޕީ އަބަދު ވެސް ބޭނުން ވަނީ އާއްމު ރައްޔިތުންނަށް ވީހާ ވެސް ބޮޑު ފައިދާއެއް ކުރާނެ ސިޔާސަތުތަކެއް އެކަށައަޅާ ރައްޔިތުން ބޭނުންވާ ކަންކަން ކުރިއަށް ގެންދިއުން ކަމަށް އެމްޑީޕީން ހާމަ ކުރެ އެވެ.