(އެޕްރީލް 17، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
ހުސްނާ ގެއަށް ގޮސް މި ހަބަރު ސާރާ އާއި މުރާދު ކައިރީ ވެސް ބުނެލި އެވެ. ސާރާ މަންމަގެ ގައިގާ ހިފަހައްޓައިގެން ރޯން ފެށި އެވެ.
"މަންމާ…ބޮޑުދައިތައަކީ މާތް މީހެއް. ވަރަށް އޯގާތެރި މީހެެއް. އަޅުގަނޑަށް ހާދަ ހެޔޮ މީހެކޭ އެއީ." ސާރާ ކަރުނަވީ އަޑަކުން ބުނަމުން ދިޔަ އެވެ.
"ތެދު ވާހަކައެއް. އެހެންވީމާ މިހާރު ތި ދެ ކުދިން ވެސް ބޮޑު ދައިތައަށް ހެޔޮ ދުއާކުރޭ."
"ދަރިފުޅާ…އަވަހަށް އެ ގެއަށް ދަމާ ހިނގާ. ދަރިފުޅުމެން ތި ތިބީ ތައްޔާރު ވެގެންތަ؟" ހުސްނާ މުރާދު އާއި ސާރާ އާ ދިމާއަށް ބަލާލަމުން އަހާލި އެވެ. ސާރާ އޭރު ވެސް ރޮނީ އެވެ.
"މަންމާ…ބޮޑުދައިތަ ނެތީމާ އަޅުގަނޑު ވަރަށް ދެރަވާނެ…އެކަނިވާނެ…މަންމާ…ބޮޑުދައިތަ އާ ނުލާ އަޅުގަނޑަކަށް ނޫޅެވޭނެ." ސާރާ ރޮމުން ގޮސް އަޑު ބެދުނެވެ.
"ދަރިފުޅާ…ކެތްތެރިވޭ. މިއީ ކޮންމެ މީހަކަށް ވެސް އަންނާނެ ދުވަހެއް. ވީމާ ކެތްކުރަން ޖެހޭނެ. ބޮޑުދައިތަގެ ވެސް ވަގުތު ޖެހުނީމާ ދާން ޖެހުނީ. ދުނިޔޭގަ ދެން ތިބި މީހުން ޖެހޭނީ މަރުވެގެންދާ މީހުންނަށް ހެޔޮ ދުއާ ކޮއްދޭން." ހުސްނާ ނުހަނު ލޯތްބާ އެކު ސާރާ އށް ވިސްނައި ދެމުން ދިޔަ އެވެ.
ކަރީމް ކާސިންބެ ކައިރީ ގޮނޑީގައި އިށީނެވެ. އަދި ވާހަކަ ދައްކަން ފެށި އެވެ.
"ކާސިންބޭ…އުދާސް ނުވޭ. މިހެން ބުނެވޭ އިރު ވެސް ކާސިންބެ ދެރަވާނެކަން ވެސް އެނގޭ. އެކަމަކު ކެތްތެރިވާން ޖެހޭނެ ދޯ؟ ހިތްވަރުކުރަން ވާނެ ދޯ؟" ކުޑަ ކުއްޖަކަށް ވިސްނައި ދޭން އުޅޭ ގޮތަށް ކަރީމު ކާސިންބެ އަށް ވިސްނައި ދޭން މަސައްކަތް ކުރި އެވެ.
"ކަރީމް…އަހަރެންގެ ކުދިންކޮޅު އަނެއްކާ ވެސް ޔަތީމުވީ. މިއީ މީހެއްގެ އެސްފީނާއެއްކަން ޔަގީން. މަގޭ މަރިޔަންފުޅު އުޅޭ ގޮތުން އެ ފަކީރަށް އެސްފީނާ ޖެހުނީ." ފާޑަކައް ރޮމުން ކާސިންބެ ޅަކުއްޖެއްހެން ބުނަމުން ދިޔަ އެވެ.
"ކަރީމް…އަހަރެން އިންތިހާއަށް މަރިޔަންފުޅު ދެކެ ލޯބިވޭ…ހަޔާތުގެ މިނަވާއިގެން ދެން އިތުރަށް ދަތުރު ކުރާހާ ހިތްވަރެއް އަހަރެންގެ ނެތް. ކަރީމް… އަހަރެންގެ ހިތްވަރު އެލިއްޖެ. އަހަރެންގެ އަތުން އަހަރެން ބިނާ ކުރި ގަނޑުވަރު ފުނޑު ފުނޑު ވެއްޖެ. މި ދުނިޔެ އަށް ދެން އިތުރަށް ނޭވާލާހާ ހިތްވަރެއް އަހަރެންގެ ދެނެއް ނެެތް…ނެތް." ކާސިންބެ އަޑު ބެދުނެވެ. އިތުރު ވާހަކައެއް ކާސިން ބެއަކަށް ނުދެއްކުނެވެ. އޭނާ ތެދުވެގެން ގޮސް ކުޑަ ދޮރު ކައިރީ ހުރެ ކުޑަ ދޮރުގެ ތޭރިތަކުގައި ބޯ ޖަހާލައިގެން ރޮމުން ދިޔަ އެވެ. ކަރީމު މަޑުމަޑުން ކާސިންބެޔާ ކައިރިއަށް ޖެހިލި އެވެ.
"ކާސިންބޭ…ކާސިންބެ ތީ ހިތްވަރުގަދަ މީހެެއް. ކާސިންބެ ތިޔަ ގޮތަށް ހިތްވަރު އެލުވާލުމުން އެ ތިބަ ކުދި ވެރިންނަށް ވާނީ ކިހިނެއް؟"
"ކަރީމް…އަހަރެންގެ ހިތްވަރެއް މިހާރަކު ނެތް… ދުރުގައި މިވާ ބަގީޗާ ދެކެބަލަ… މިއީ މަގޭ މަރިޔަންފުޅުގެ އަތުން ފެންދީ ރޯކޮށްފައިވާ ބަގީޗާއެއް. އަހަރެން ގެ ހިތް ވެސް މަރިޔަންފުޅާ އެކު ވަނީ މިހާ ފެހިކަން ގަދަކޮށް. އެހެނަސް މިއަދު މި ހިތް ވަނީ މޯޅިވެފައި." ދެ އަތުން ބޮލުގައި ހިފަހައްޓާލަމުން ކާސިންބެ ރޮމުން ދިޔަ އެވެ.
"ކާސިންބޭ…މައްޔިތާ އެހެން އޮންނަތާ ގިނަ އިރުތަކެއްވެއްޖެ. ހިތްވަރުކޮއްފައި އެންމެ ފަހުގެ އިހްތިރާމު މައްޔިތާ އަށް އަދާ ކުރަން ހިނގާ." ކަރީމު ކާސިންބެ ގެ ގައިގައި ހިފައި ކަރީމު އާއި ދިމާއަށް އަނބުރާލަމުން ބުންޏެވެ. ކާސިމްބެ ވެސް ބަސް އަހާ ކުޑަކުއްޖަކު ފަދައިން އެއްބަސްވެ ހިނގައިގަތެވެ.
ކަރީމުމެން މެދު ގޭތެރެ އަށް ދިޔަ އިރު ހުސްނާގެ ބެލުމުގެ ދަށުން މައްޔިތާ ހިނަވައި ނިމި ކަފުން ކުރެވެމުން ދަނީ އެވެ. ހުސްނާގެ ހިންގުންތެރި ކަމާމެދު ކަރީމު ފަހުރުވެރި ވި އެވެ.
އަވަށުގެ މީހުންތައް ފާޑުފާޑުގެ ވާހަކަތައް ދައްކަމުން ދިޔަ އެވެ. ފުނިފުންޏަށް ތިބެ އެވެ. ބައެއް މީހުން ހަމްދަރުދީގެ ނަޒަރުން ކާސިންބެ އާ ދިމާއަށް ބަލާއިރު އަނެއް ބަޔަކު ދެކޭ ގޮތުގައި ކާސިންބެޔަކީ ސުންޕާ މީހެކެވެ. އެއީ ދެފަ ހަރު މަތިން މި ގޮތަށް ދިމާވީމަ އެވެ.
ފަޒުނާ ވެސް ހަނގަށް ތިބި ކޮއްކޮމެން މަސަލަސް ކުރަމުން ދިޔަ އެވެ.އަދި މަންމައަށްޓަކައި ހުރިހާ އެންމެން އެކުގައި އެންމެ ފަހުގެ އިހްތިރާމު އަދާ ކުރި އެވެ. ކަރުނަވީ ލޯތަކާ ހިތާމަ އާއި ހިތްދަތިކަމުން ފޯވެފައިތި ބި ހާލުގަ އެވެ. ސާރާ ވެސް މުރާދު ވެސް އެ ދެބޭންގެ ފަރާތުން މަރިންފުޅަށް އަދާ ކުރަން ޖެހޭ އެންމެ ފަހުގެ އިހްތިރާމު އަދާ ކުރި އެވެ. މުރާދު ސާރާގެ އަތުގައި ހިފައި މަރިޔަންފުޅުގެ އަތްމަތީ ބޭއްވި އެވެ.
(ނުނިމޭ)