އުއްތަމަފަނޑިޔާރު އަބްދުﷲ ސަޢީދުގެ ޝަރީޢަތް އަވަސް އަރުވާލާފައި ކުރިއަށް ގެންދާތީ، އެކަމާއި އެމަނިކުފާނު ނުރުހުން ފާޅުކުރައްވައިފިއެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔައީ، އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ އަދުލު އިންސާފަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާގެ އިބްތިދާޢީ އަޑުއެހުމެކެވެ.
އުއްތަމަ ފަނޑިޔާރުގެ ޝަކުވާތައް އޮއްސާލެއްވީ، މާދަމާ ވެސް އެމަނިކުފާނުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް އޮންނާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ނިންމެވުމުންނެވެ.
އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުލަތުން 3 ދައުވާއެއް އުފުލާފައިވާއިރު، މިއަދަކީ އެމަނިކުފާނުގެ މައްޗަށް ކުރާ ދައުވާ ތަކުގެ އަޑުއެހުންތައް ޖެހިޖެހިގެން ބޭއްވި 3 ވަނަ ދުވަހެވެ. އަދި މި ތިން ދުވަހު ވެސް ޝަރީޢަތުގެ އަޑުއެހުންތައް ގިނަ އިރުތަކަކަށް ދިގު ދެމިގެން ގޮސްފައިވެއެވެ.
އެކަމާއި ކަންބޮޑުވުން ފާޅުކުރައްވައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އޭގެ ސަބަބުން ވަކީލު ބައްދަލުވުމަށް ވެސް ހުރަސް އެޅިފައިވާ ކަމަށާއި އޭގެ ސަބަބުން އެމަނިކުފާނުގެ ހައްގުތަކަށް ހުރަސް އެޅިފައިވާ ކަމަށެވެ.
އަވަސް އަރުވާލައިގެން ޝަރީޢަތް ކުރިއަށް ގެންދާތީ ނުރުހުން ފާޅުކުރައްވައި މިއަދުގެ ޝަރީޢަތުގެ އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ އަވަސް އަރުވާލައިގެން ޝަރީޢަތް ކުރިއަށް ގެންދިއުމަކީ އިންސާފު ވަޅުލެވުން ކަމަށެވެ.
އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުތަކާއި ގުޅިގެން މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވިދާޅުވީ، ޝަރީޢަތް ކުރިއަށް ގެންދަވަނީ ރަނގަޅަށް ކަމަށާއި އެގޮތަށް ކުރިއަށް ގެންދެވޭނެ ކަމަށް ސުްޕރީމް ކޯޓުން މީޣެ ކުރިން ނިންމަވާފައިވާ ކަމަށެވެ.
އެއީ 2016 ވަނަ އަހަރުގެ ތެރޭގައި ރައީސް މުހައްމަދު ނަޝީދުގެ މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށެވެ. އެ މައްސަލައިގެ ހުކުމް ނެރުއްވި ސުޕްރީމް ކޯޓުގެ ބެންޗުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދު ވެސް ހިމެނިވަޑައިގަންނަވައެވެ.