Last Updated: November 25, 13:27
Monday, November 25, 2024

(އެޕްރީލް 18، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

"ކޮއްކޯ ނުރޮއި ހުއްޓާލާ…ކޮއްކޮ ރުއިމުން ބޮޑުދައިތަ ހިތާމަ ކުރާނެ. މި އަތުގަ ހިފާ ބޮޑުދައިތަ އާ ސަލާމްކުރޭ." މުރާދު ސާރާ ކައިރީ ބުނެލި އެވެ.
މުރާދު ސާރާ އާ އެކު މައްޔިތާ ކައިރިން ދުރަށް ޖެހިލި އެވެ.
ހިމޭންކަމާ އެކު ކަށުކަމާކެމީގެ ކަންތަށް ނިމިގެން ދިޔަ އެވެ. ގަބުރުސްތާނުން އެންމެން މަޑުމަޑުން ގެއަށް ދިޔަ އެވެ. މަޑު ކުރީ ހަމަ އެކަނި ކާސިންބެ އެވެ.

"މަރިޔަންފުޅާ އެވެ. ކަލާ އަހަރެން ނަށް ބޭވަފާތެރިވީ އެވެ. ދުވަހަކު ވެސް ދޫކޮއްފައި ނުދާން ކަލާ ވައުދެއް ނުވަމު ހެއްޔެވެ؟ ފަޒުނާ ގެ ކައިވެންޏާ މެދު އަހަރެންނެކޭ އެއް ފަދައިން ކަލާ ހުވަފެން ނުދެކެމު ހެއްޔެވެ؟ ދެން އެ މަންޖެއަށް މަންމަގެ ވާޖިބު އަދާކޮށް ދޭނީ ކާކު ހެއްޔެވެ؟ މަރިޔަންފުޅާ އެވެ. ހަޔާތުގެ މި ހިސާބުން ކަލާ އަހަރެން ނަށް ތިޔަ ދިނީ ހާދަ ބޮޑު ވޭނެކެވެ. މިކަން އަހަރެންނަކަށް ތަހައްމަލެއް ނުކުރެވޭނެ އެވެ. ދޫކޮށްފައި ދާން ހިޔާރުކޮށްފައި ވީއިރު ކަލާގެ އާދަތައް އަހަރެންގެ ގައިގާ ހަރުލެއްވީ ކީއްވެ ހެއްޔެވެ؟ ކީއްވެ ހެއްޔެވެ؟ މަރިޔަން ފުޅާ އެވެ." ކާސިންބެ ރޮމުން ދިޔައެވެ.

އިރު އޮއްސިގެން އަނދިރިވަމުން ދިޔަ އެވެ. އެވަގުތު މުދިންބެ އައިސް ކާސިންބެ ކޮނޑުގައި އަތް ބާއްވާލި އެވެ.

"ކާސިމާ…އިރު އޮއްސިއްޖެ. ގޯތި ދޮށަށް ދޭ. ކުދިވެރިން ތިބޭނީ ހާސްވެފައި. މިއަދު އެކުދިނަށްޓަކައި ވެސް ކާސިމު ކޮޅަށް ހުންނަން ޖެހޭނެ. މީހަކު ނިޔާވުމަކީ ހަމަ ކަށަވަރުން ހިތާމަތައް ލިބިދޭ ކަމެެއް. އެކަމަކު ދިރިތިބި މީހުން ހިތްވަރު ކުރަންޖެހޭނެ. މަރުވެދާ މީހާ އަށް ހެޔޮ ދުއާ ކުރަން ޖެހޭނެ. އަހަރެމެންގެ ފަރާތުން މަރުވެ ފައިވާ މީހުނައް ހަމައެކަނި ލިބޭ ހަދިޔާއަކީ އެއީ. އަވަހަށް ދޭ. ގެއަށް ގޮސް މަރިޔަންފުޅަށް ހެޔޮ ދުއާ ކުރޭ." ކާސިންބެ މުދިންބެ ގެ އެހީގައި ތެދުވި އެވެ.

އޭނާ ގެއަށް ދާން ހިނގައި ގަތް އިރު ކަކުލު ހުޅުގެ ވަރު ދޫވާހެން އޭނާ އަށް ހީވި އެވެ. މާ ދުރަށް ނުދެވެނީސް އޭނާ އަރިއަޅާލި އެވެ.
މުދިންބެ ހުރީ މިފަދަ ކަމަކަށް ހުށިޔާރު ވެގެންނެވެ. އަވަހަށް މުދިންބެ ކާސިމު ހިފެހެއްޓި އެވެ. ކާސިންބެ ކޮޅަށް ތެދުވެ ހިނގައިގަތް ގޮތުން ވެސް ކާސިންބެ އަށް މިކަހަލަ ގޮތެއް މެދުވެރިވެދާނޭ ހިތަށް އެރި އެވެ.
ކާސިންބެ ހޭނެތުނެވެ. މުދިންބެ ވަގުތުން ކާސިންބެ ހޮސްޕިޓަލަށް ގެންދިޔަ އެވެ. އަދި ކާސިންބެގެ ކުދިންނަށް ބަރު ކުރި އެވެ. އެ ކުދިންނާއެކު ހުސްނާގެ ދެމަފިރިން ވެސް ހޮސްޕިޓަލަށް އައިސް ކާސިންބެގެ ކައިރީ ތިއްބެވެ. ޑޮކްޓަރުން ވަގުތުން ކާސިންބެ އަށް ފަރުވާ ދޭން ފެށި އެވެ. އެ

އެހެނަސް ކާސިންބެ ގެ ހާލު ދިޔައީ ދަށަށެވެ. އަދި އެންމެ ފަހުން ކާސިންބެ ވެސް މި ފަނާވަނިވި ދުނިޔެ އަށް އަލަވަދާއު ކިޔެވެ. ކާސިންބެ ގެ ކުދިވެރިންނަށް މި ހިތާމަވެގެން ދިޔައީ ކެތްނުކުރެވޭ ވަރުގެ ކަމަކަށެވެ. ވާނީ ވެސް އެހެން ނޫންތޯ އެވެ. އެ ކުދިން ޔަތީމު ވީއެވެ. އަޅާލާނެ އެކަކު ވެސް ނެތުނީ އެވެ.

"ދޮންތާ…އަޅުގަނޑުމެން އެކަނިވީ. ބައްޕަ ވެސް އަޅުގަނޑުމެން ދޫކޮށްފައި ދިޔައީ. ދެން އަޅުގަނޑުމެންނާ އަޅާލާނީ ވެސް ދެން ކާކު؟" އުލްފާ ފަޒުނާ ގެ ކައިރިއަށް އައިސް މަޑުކޮށްލަމުން ބުނެލި އެވެ.

"ކޮއްކޯ… ތިޔަހެން ނުބުނޭ…ﷲ ހުރިހާ މީހުންނާ އެކު ވޮޑިގެންވޭ."

"އެއީ ތެދެެެއް. އެހެން ނޫނަސް ދައްތަމެންވެސް މި ތިބީ ނޫން. މާޝާ… އިމްރާން…މިކޮޅަށް އާދޭ." ހުސްނާ މާޝާ އާއި އިމްރާން އޭނާ އާ ކައިރިށްއްލާމުން ބުނެލި އެވެ.

ފަޒުނާ އާއި އިމްދާދު އުލްފާގެ އަތުގައި ހިފައިގެން ހުސްނާގެ ކައިރިއަށް އައެވެ. ހުސްނާ ހުރިހާ ކުދިން އޭނާ އާކައިރިކޮށްލި އެވެ. އަދި އަމިއްލަ ލޮލުން އޮހޮރެމުން ދިޔަ ކަރުނަ ސިއްރު ސިއްރުން ފޮހެލި އެވެ. ހުސްނާމެންގެ ދެމަފިރިން ކާސިންބެގެ ހިނެވުމުގެ ކަންތައް ވަރަށް ފުރިހަމަ އަށް ކުރިއެވެ.

ޖެހިގެން އައި ދުވަހުގެ ފަތިސް ނަމާދު ވަގުތަށް ކާސިންބެ ވަޅުލުމުގެ ކަންތައް ނިމިގެން ދިޔަ އެވެ. އަދި ހުސްނާ ގެ އެދުމުގެ މަތިން ފަޒުނާމެންގެ ފަސް ބެއިން ނަސީބުގެ އަށް ބަދަލުވި އެވެ.
ފަޒުނާމެން ނަސީބު ގެއަށް އައުންވީ މުޅި ގެއށް ބަހާރު މޫސުން އައުން ފަދަ ކަމަކަށެވެ. ހުސްނާގެ މި އެހީތެރި ކަމަށް ރަށުގެ ހުރިހާ މީހުން ވެސް ތައުރީފު ކުރި އެވެ.

ފަޒުނާ، އުލްފާ އަދި މާޝާ ނިދަނީ ސާރާ ކައިރީ އެ ކޮޓަރީގަ އެވެ. ފަޒުނާ އަބަދުވެސް މަރިޔަންފުޅުގެ ހެޔޮކަމުގެ ވާހަކަ ދައްކަ އެވެ. އުލްފާޔާ މާޝާ ވެސް މިކަމުގައި ބައިވެރިވެ އެވެ. ސާރާ ވެސް މަރިޔަންފުޅުގެ ވާހަކަ ވަރަށް ދައްކަ އެވެ.

މަރިޔަންފުޅުގެ ސިފަ އަހަ އެވެ. ލާ ހެދުމާއި ބެހޭ ގޮތުން ސުވާލު ކުރެ އެވެ. ކާސިންބެގެ ވާހަކަ އަހަ އެވެ. ވެފައިވާ މަޖާކަންތަކުގެ ވާހަކަ ދައްކާފައި އެމީހުން އެއްބައި ފަހަރު ހީ ހަދަ އެވެ. އަނެއް ބައި ފަހަރު އެންމެން އެކަކު އަނެކަަކުގެ ގައިގައި އޮޅުލާފައި ރޮއި ހަދަ އެވެ.

އިމްދާދު އާއި މުރާދު ނިދަނީ އެއް ކޮޓަރިއެއްގަ އެވެ. މި ދެމީހުންގެ ހާލަކީ ވެސް ހަމަ މިއީ އެވެ. ވާހަކަ ގިނަކަމުން ނުނިދިފައި ތިބެ އެވެ.
މުރާދު ގިނަ ފަހަރު ސޫރަޖް ގެ ވާހަކަ ވެސް އިމްދާދު އަށް ކިޔައިދެ އެވެ. އޭނާ ސޫރަޖް ނެތި އެކަނިވީ ވަގުތުތައް މިހާރު އިމްދާދު އައުމުން ވަނީ ފުރިހަމަވެފަ އެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ފަޒުނާމެން ވެސް ސާރާ ވެސް ދިޔައީ ހަމައަކަށް އެޅެމުންނެވެ. ސާރާ ވެސް މަރިޔަންފުޅު ނެތުމުގެ ހިތާމަ ފަޒުނާމެން އައުމުން ކުޑަވެގެން ދިޔަ އެވެ.
ސާރާގެ ކޮންމެ ކަމެއްގައޮ އުލްފާ އާއި މާޝާ ތިބެނީ ވަރަށް ކައިރީގަ އެވެ. އަދި ފަޒުނާ އަބަދުވެސް ސާރާ އާ އެކު ހުރެ އެވެ. މިހާރު ފަޒުނާ ވެސް އެއް މަސް ދުވަހުގެ ޗުއްޓީއެއް ނަގައިގެން އުޅޭތީ ތާ އަބަދުހެން ސާރަ ކައިރީ ހުރެ ވެ އެވެ.
ސޫރަޖް ނެތުމުގެ ހިތާމަ ވެސް ސާރާ މިހާރު ފިލާފައިވާ ކަހަލަ އެވެ.

ހުސްނާ ވެސް އަނެއްކާ އޭނާގެ ކުރީގެ މަސައްކަތައް ފެށްޓި އެވެ. އެއް ދުވަހެއްގެ މެންދުރެވެ.ހު ސްނާ އާއި ކަރީމު ތިބީ ދޭއްގެ ޖެހިއިރުގެ ހަބަރު ބަލާށެވެ. އެވަގުތު އައި ޙަބަރަކުން ހުސްނާ އާއި ކަރީމު ހާސްވި އެވެ. އެހެން ނުވާންވީ ކީއްވެތޯ އެވެ.
މިއަދު ހެނދުނު ކެރަލާ އިން މައިސޫރަށް ދަތުރު ކުރި ބަހެއްގައި ބޮމެއް ގޮވީ އެވެ. އަދި މި ހާދިސާގައި ދިވެހި ބަޔަކު ނިޔާވެ އެއް ބައިމީހުން ގެއްލުނީ އެވެ.
ނިޔާވި މީހުންގެ ތެރޭ ހާލިދާގެ ދެ މަފިރިންގެ ނަން ވެސް ގޮވި އެވެ. ސޫރަޖްގެ ހަބަރެއް ނެތެވެ.

ކަރީމު ވަގުތުން އެންބަސީ އަށް ގުޅި އެވެ. މި ހަބަރު އަލުން ތަކުރާރުކޮށް އަޑު އެހި އެވެ. ނިޔާވި މީހުންގެ ތެރޭ ހާލިދާމެން ދެމަފިރިންގެ ނަންވޭތޯ ޗެކް ކުރި އެވެ. ސޫރަޖް އަށް ވީގޮތެއް ނޭނގުނެވެ.
ހީވާ ގޮތުން ސޫރަޖް ވީ ގެއްލުނު ދިވެހިންގެ ލިސްޓުގަ އެވެ. އެކަން ޔަގީންވުމުން ނަސީބުގޭތެރޭ ހީވީ ހިތާމައިގެ އާފާތެއް ކުރިމަތިވީހެންނެވެ.

ސާރަވެސް ހީވަނީ ރޮއިރޮއި ހަލާކުވެދާނެ ހެންނެވެ. ފަޒުނާގެ އެތައަ ހިތްވަރާއި މިންނަތުން ވެސް މިއަދު ސާރާގެ ކަރުނަ ނުހުއްޓުނެވެ. ހުސްނާގެ މަސައްކަތުން މިކަންތައް ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅުނެވެ.

(ނުނިމޭ)