މި މަހުގެ 20 ގައި އިންޑިޔާގެ މޫސުމާ ބެހޭ އިދާރާ، އިންޑިއަން ނޭޝަނަލް ސެންޓަ ފޯ އޯޝަން އިންފޮމޭޝަން ސާވިސް އިން ވަނީ އެ ޤައުމުގެ ޓެރިޓަރީއެއް ކަމުގައިވާ، އަންޑަމަން އާއި ނިކޮބަރ އައިލޭންޑްސް އަށް ބޮޑެތި ރާޅުތައް އަރާނެ ކަމަށް ލަފާކޮށްފަ އެވެ.
އިންޑިއަން ނޭޝަނަލް ސެންޓަރ ފޯ އޯޝަން އިންފޮމޭޝަން ސަރވިސް އިންޒާރާއި ގުޅިގެން ޓަމިލް ނާޑޫގެ ޑިޒާސްޓަރ މެނޭޖްމަންޓް އެޖެންސީ އިން ވަނީ މަސްވެރިންނާއި އާއްމު ރައްޔިތުން ގޮނޑުދޮށް ތަކުގައި ހަރަކާތްތެރިވާއިރު ސަމާލުވުމަށް އަންގާފައެވެ.
އިންޑިއަން ނޭޝަނަލް ސެންޓަރ ފޯ އޯޝަން އިންފޮމޭޝަން ސަރވިސް އިންޒާރު ދީފައިވަނީ، 8 ފޫޓާއި 11 ފޫޓުގެ ރާޅުތައް އަރާނެ ކަމުގެ އިންޒާރެވެ. އެ އިންޒާރު ނެރެފައި ވަނީ 2 (އެޕްރީލް 21 އަދި 22) ދުވަހަށެވެ.
އެޕްރީލް މަހުގެ 21 ވަނަ ދުވަހު ދެކުނުގެ އަތޮޅުތަކަށް ވެސް އަރާފައި ވަނީ 8 ފޫޓާއި 11 ފޫޓުގެ ރާޅުތައް އަރާފައިވާ ކަމަށް ވެއެވެ. ކުއްލިއަކަށް އެރި ބޮޑެތި ރާޅުތަކާއި އެއްވަރުގެ ރާޅުތައް ފަހުގެ ތާރީޚެއްގައި އަރާފައި ނުވާކަމަށް އެރާޅުގަނޑުތައް ފެނުނު މީހުން ބުނެއެވެ.
އެޕްރީލް މަހުގެ 21 ވަނަ ދުވަހުގެ މެންދުރު 12:30 އެހާކަށް ހާއިރު ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާއިން އޮތީ މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައެވެ. އަދި ރާޅު ބޮޑުވާނެ ކަމަށް ވެސް ލަފާކުރެވޭ ކަމަށް ބުނެފައިވެއެވެ. އެހެން ނަމަވެސް، މެޓް އޮފީހުން ލަފާކޮށްފައި އޮތީ، 22 ވަނަ ދުވަހުގެ ދަންވަރު 1:30 އާއި ފަތިހު 5:30 އަށް ރާޅު އަރާނެ ކަމަށެވެ.
އެޕްރީލް 21 ގައި އައްޑޫގައި މޫދަށް އެރި އުޅުނު ދެކުއްޖަކު ވަނީ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މެޓް އޮފީހުން އިންޒާރު ނެރުމުގެ ކުރިންނެވެ.
އެކުދިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަތާ ހަފްތާއެއް ވެފައި ވާއިރު މިހާތަނަށް އެކުދިންގެ ޚަބަރެއް ވެފައެއް ނުވެއެވެ. މޫދަށް އެރި އުޅެނިކޮށް އެ ދެކުދިން ގެއްލުނީ ކުއްލިއަކަށް ނެގި ބިޔަ ރާޅެއްގެ އޮއިވަރުގައި ޖެހިގެންނެވެ.