Last Updated: November 27, 01:11
Tuesday, November 26, 2024
ޚަބަރު

އާބާދީ ބޮޑު އައްޑޫގެ މަގުތައް "އޮޅެއްހެން"

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކި ސަރަހައްދުގެ މަގުތައް ހަދަން ފެށީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އަހަރެއްހާ ދުވަހުގެ ތެރޭގައި 14.2 ކިލޯ މީޓަރުގެ މަގުތަކުގައި ތާރު އަޅައި މިވަނީ ނިންމާލާފައެވެ.

އެސަރަހައްދުގެ މަގުތައް ހަދައި ނިންމާލިއިރު، އެއީ އަދި މީހުން ދިރިއުޅެން ނުފަށާ ތަނެކެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ދަށުން ބިޔަ އިމާރާތްތައް އެ ސަރަހައްދުގައި އަޅާނެއެވެ. އެހެން ނަމަވެސް، އަދި އެމަސައްކަތްތައް ހުރީ ކުރިއަށެވެ.

ސަރުކާރުން ހަވާ ފަޓާސް ބަރިއެއްހެން، ބިޔަ މަޝްރޫޢެއް ކުރިއަށް ގެންގޮސް މީހުން ދިރި އުޅެން ނުފަށާތަނެއްގެ މަގު ހަދައި ނިންމާލިއިރު، މީހުން ދިރިއުޅޭ އައްޑޫގެ މަގުތަކުގެ ހާލަތު މި ފޮޓޯތަކުން އެކަނި ވެސް ވަޒަން ކުރެވިގެންދާނެއެވެ.

އައްޑޫއަކީ ބޮޑު އާބާދީއެއް އޮތް ބިމުގެ ގޮތުން ބޮޑު ސަރަޙައްދެއްކަމަށްވެފައި ދަތުރުފަތުރުކުރުމަށް ގިނަ ޢަދަދެއްގެ އެއްގަމު އުޅަނދު ދުއްވަމުން އަންނައިރު ތާރުއެޅި ދެ ތިން މަގެއް ފިޔަވައި ދެންހުރި މަގުތަކުގެ ވާހަކަ ދެއްކުމަކީ ދަތިކަމެކެވެ.

އައްޑޫގެ މަގުތަކުގެ ޙާލަތު ވަޒަން ކުރެވޭނީ ދަތުރުކުރާމީހަކަށެވެ. ބައެއް ފަހަރު ފަރުބަދަމަތިން ދަތުރުކުރާކަމުގެ އިޙުސާސެވެ. މަގުތަކުގެ އަޑިގުޑަންކަމާއިއެކު ވާރޭ ވެހިއްޖެނަމަ ދެން ދުއްވާ އެއްޗަކަށް ހިނގާ ބިނގާވެ އުޅޭމީހަކަށްވެސް ސަލާމަތެއްނެތެވެ.

އައްޑޫގެ މަގުތައް ހެދުމަށް ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފަހުން އެތައް ފަހަރަކު ދައުލަތުގެ ބަޖެޓުގައި ފައިސާ ހިމަނާފައިވެއެވެ. އެހެން ނަމަވެސް މިހާތަނަށް މަގު ހެދުމުގެ މަޝްރޫޢު ފެށިފައެއް ނުވެއެވެ.

ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު އައްޑޫގެ މަގު ހެދުމަށް ބަޔަކާއި ހަވާލުކުރެއްވި ކަމަށް ޓްވީޓްވެސް އެތައް ފަހަރަކު ކުރައްވައިފިއެވެ. އެކަމަކު އަދި މިހާތަނަށް މަގު ހެދުމަށް ކުރާ އެއްވެސް މަސައްކަތެއް ނުފެނެއެވެ. ވާރޭ ކޮޅެއް ވެހިލާ އިރަށް އައްޑޫގެ މަގުތައް "އޮޅު" ތަކަށް ބަދަލުވެ، ހިނގާބިނގައި އުޅޭ މީހުންނާއި ދުއްވާ އެއްޗެއްސަށް ބޮޑު އުނދަގުލަކަށްވިޔަސް މިކަމަށް ހައްލެއް ނެތެވެ.