Last Updated: November 25, 13:27
Monday, November 25, 2024
ރިޕޯޓް

"ފަތިސްހަނދުވަރުގެ ފެށުން" ބިންމާ ބުނަނީ ކީކޭ؟

ތިރީގައި އެ ވަނީ އޮލިމްޕަހުގައި މިހާރު ދައްކަމުން އަންނަ ދިވެހި ފުރަތަމަ 3ޑީ ފިލްމް "ފަތިސްހަނދުވަރުގެ ފެށުން" އާ ބެހޭ ގޮތުން އެ ފިލްމްގެ ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހީމް ވަހީދު "އައްޑޫ ލައިވް" އާ ހިއްސާކޮށްފައިވާ ވާހަކަތަކެވެ.
ފިލްމްގެ ޕްރީމިއާ ޝޯ އަށް ފަހު ބިންމާ ވަނީ ފިލްމް ގެނެސް ދީފައިވާ ގޮތާ ދޭތެރޭ ހިތްހަމަނުޖެހިގެން ފާޑު ވެސް ކިޔާފަ އެވެ.
—————————————————————————————————-

އައްޑޫ ލައިވް: ޑާކް ރެއިންގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) "ފަތިސްހަނދުވަރު" ގެ ޕްރިކްއެލް ވާހަކައެއް ލިޔެ ދިނުމަށް ބިންމާ ގާތުގައި އެދުނު އިރު، ނަމުގެ ރައިޓްސް ބިންމާ އަތުގައި އޮތް ކަމަށް ބުނެ، އެ ކަމުގައި ބިންމާ ވަރަށް ބޮޑު މަކަރެއް ހެދިތަ؟

ބިންމާ: "ޑާކް ރެއިން" ސްޓޫޑިއޯ އިން އަހަންނާ ބައްދަލު ކުރަން ބޭނުން ވެގެން އުޅޭ ވާހަކަ، ރައްޓެއްސަކު ބުނި. އެ ރައްޓެއްސަކީ، ޓީވީ މޯލްޑިވްސްގެ ކެމެރާމަނެއް. ޑާކް ރެއިނާ އެކު ބޭއްވި ފުރަތަމަ ބައްދަލުވުމުގައި، މުހައްމަދު އަލީ (މޮގާ)، ޝިފާއު، އަހަރެން، އަދި މި ބުނާ ރައްޓެހި މީހާ ވެސް ހިމެނުނު. ޑާކް ރެއިނުން ވާހަކަ ދެއްކީ ފަތިސްހަނދުވަރު (ރީކޯ އުޅޭ ފަތިސްހަނދުވަރު) ފިލްމުގެ ކުރި ހަދަން ބޭނުން ވާހަކަ.

އެ ވާހަކަ ލިޔުއްވަން ބޭނުންވާ ވާހަކަ. އެކަމަކު، އެ އަށް "ފަތިސްހަނދުވަރު" ބޭނުން ކޮށްގެން ނަމެއް ކިޔައިފި ނަމަ، ފަހުން ފިލްމަށް އެ ނަން ނުކިއިދާނެ ވާހަކަ އަހަރެން ބުނިން. ސަބަބަކީ، ރާއްޖޭގައި އޮންނަ އުސޫލުން، ފިލްމުގެ ނަމަކީ ޕްރޮޑިއުސަރަށް މިލްކުވާ އެއްޗެއް. އެއީ، އަހަރެން ހެދި އުސޫލެއް ނޫން.
ފިލްމީ ދާއިރާގެ އެންމެންނަށް އެ ކަން އެނގޭނެ. އަހަންނަށް އެ ކަން ސިއްރެއް ނުކުރެވޭނެ. ފަތިސްހަނދުވަރުގެ ޕްރޮޑިއުސަރު އަސްލަމް އޭރު ރާއްޖެއަކު ނޫޅުއްވާ. ވީމާ، ފިލްމު ނިމޭއިރު ވެސް އަސްލަމާ ދިމާ ނުވެއްޖެ ނަމަ، ނަން ލިބޭނެ ކަމުގެ އެއްވެސް ގެރެންޓީއެއް ނެތް ކަމުގައި ބުނިން.

"ހަވީރު" ނޫހުގައި ލިޔުނު ވާހަކަ އަށް "ޖިނާ، ފަތިސްހަނދުވަރުގެ ފެށުން" ކިއީ ވެސް، އޭރުން، ފަހުން ފިލްމަށް ހަމައެކަނި "ޖިނާ" ކިއި ނަމަ ވެސް، އެއީ ފަތިސްހަނދުވަރުގެ ފެށުންކަން މީހުންނަށް އެނގޭނެތީ. ފަހަރެއްގައި ފަތިސްހަނދުވަރުގެ ނަން ނުލިބުނު ނަމަވެސް، ބަލާ މީހުންނަށް އޭރުން އޮޅުމެއް ނާރާނެތީ. މިހާ ބަރާބަރަށް ހިނގި ކަމެއްގައި، އަހަރެން މަކަރު ހެދީއޭ ބުނީމަ ހަމަ ހައިރާންވެއްޖެ.
އަހަންނަކީ، މީހުންނަށް މަކަރު ހަދާ، ދޮގު ހަދާ މީހެއް ނޫންކަން، އަހަރެންގެ ހުރިހާ ރައްޓެހިންނަށް އެނގޭނެ. އަދި ވެސް ގަބޫލު ކުރަނީ، މޮގާ އެހެން ބުނެފައި އެ ވަނީ، އޮޅިގެން ކަމުގަ. ކުރި އަށް އޮތް ތަނުގައި ވެސް، މޮގާއާ އެކުގައި، މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އެބަ ހުރި.

އައްޑޫ ލައިވް: ވާހަކައިގެ އަގަކީ، ޑާގް ރެއިނުން ހުށައެޅި އަގެއްތަ؟

ބިންމާ: ޑާކް ރެއިން އިން ހުށައެޅީ ވިހި ހާސް ރުފިޔާ. އަހަރެން ބުނީ، އަހަރެންގެ އަގަކީ ތިރީސް ހާސް ރުފިޔާ ކަމުގަ. އެ ގޮތަށް އެއްބަސްވުމުން، ވާހަކަ ލިޔުނީ. ތިރީސް ހާސް ރުފިޔާ އަކީ، އަހަރެން ކަނޑައެޅި އަގެއް.

އައްޑޫ ލައިވް: ވާހަކަ ވިއްކާލި އިރު އެ އަށް ޑާކް ރެއިނުން ބޭނުން ބަދަލެއް ގެނައުމުގެ ބާރު އެ މީހުންނަށް ދިނިންތަ؟

ބިންމާ: "ހަވީރު" ގައި ވާހަކަ ޖަހާފައި، ފިލްމުގެ ސްކްރީން ޕްލޭ ލިޔާ ހިސާބުން، ޑާކް ރެއިން އިން ބޭނުންވީ، ވާހަކައިގައި އަހަރެން ގެނެސްދިން، ކުޑަކުއްޖާގެ ބައި، އެއްކޮށް ނަގަން. ސަބަބެއް ކަމުގައި މޮގާ ބުނީ، އެ މީހުން ބޭނުން ވަނީ، ވަރަށް ބިރުވެރި ފަތިސްހަނދުވަރެއް ހަދަން ކަމުގަ. އެ ގޮތަށް، އެ ބައި އުނިކޮށް، ސްކްރީން ޕްލޭ ލިޔެފައި ދެމުން ވެސް، މިއީ ރަނގަޅު ބަދަލެއް ނޫންކަމާއި، އަދި ވެސް ވިސްނުމަށް ބުނިން. އެއީ، ފިލްމުގެ ކާމިޔާބަށް އެދޭތީ. "ފަތިސް ހަނދުވަރު" އަކީ، ހަމައެކަނި ބިރުވެރި ފިލްމެއް ނޫންކަމާ، އެއީ، އިޝްޤީ ލޯތްބާ، ޢާއިލީ ލޯތްބާ، ބިރުވެރިކަން އެއްކޮށްގެން ހަދާފައިވާ ވާހަކައެކޭ ވެސް ބުނިން.

ކުޑަކުއްޖަކަށްޓަކައި ބައްޕައެއްގެ އާދޭހާއި، ލޯތްބަށްޓަކައި އަންހެނެއްގެ ކިބައިން ފިރިހެނަކު ސަލާންޖެހުމާއި، ހިތް ހިލަ އަންހެނެއްގެ ރަހުމު ކުޑަ ކަމާއި، ޖިންނިއެއްގެ ބަދަލުހިފުމާއި ނާމާންކަން ގެނެސްގެން ނޫނީ "ފަތިސް ހަނދުވަރުގެ" ޙަޤީޤީ ރަހަ ނާންނާނެކަން ބުނެވުނު އަދަދެއް ނޭނގެ. އެކަމަކު، އެ އަޑެއް ނޭހި.
އެ މީހުން ހިތުހުރި ގޮތަށް ސްކްރީން ޕްލޭ ބަދަލުކުރުމުގެ ބާރެއް ނުދެން. ބޭނުން ބަދަލެއް ބުނާށޭ، އަހަރެން އެ ބަދަލު ގެނެސްދޭނަމޭ ބުނިން. އަހަރެން ބަދަލެއް ގެންނައިރު، އެ އިން އަންނާނެ އުނިކަން ފޫބައްދަން އަހަންނަށް އެނގޭނެ. ފަތިސްހަނދުވަރަކީ އަހަރެންގެ ޚިޔާލެއް. ތިމާ ހިތުހުރިހާ ބަދަލެއް ބަޔަކު ގެނެއްސަ އެ އަށް ފަތިސްހަނދުވަރު ކިޔުމަކުން އެ ނުވާނެ ފަތިސްހަނދުވަރަކަށް.

އައްޑޫ ލައިވް: ފަތިސްހަނދުވަރުގެ ނަމުގެ ރައިޓްސް ލިބުނީ ކިހިނެތް؟

* ބިންމާ: ފިލްމަށް ކިޔާނެ ނަމަކަށް ވިސްނަން ފެށީ، ވާހަކަ ލިޔެ ނިންމައި، ފިލްމު ފެއްޓުމަށް ތައްޔާރުވި ހިސާބުން. އެންމެ ފުރަތަމަ ވެސް ބުނެފައިވާނެ ފަދައިން، އެ ނަމުގެ ޙައްޤުވެރި އަކީ ފުރަތަމަ "ފަތިސްހަނދުވަރު" ގެ ޕްރޮޑިޔުސަރު އަސްލަމް. އެހާ ހިސާބަށް އައިއިރު، އަސްލަމް ހުންނެވީ މާލޭގަ.
އެކަމަކު، ޑާކް ރެއިން އާއި އަސްލަމާ ދެމެދު އެއްވެސް ގުޅުމެއް އޮތްހެނެއް ހިއެއް ނުވޭ. އެ މީހުން އެދުނީ، އަސްލަމް ގާތަށް އަހަރެން ގޮސް، އެ ނަން ދެއްވާތޯ އެދުމަށް.
އަސްލަމްގެ ފުރަތަމަ ސުވާލަކަށް ވީ، ފިލްމު ހަދަން އުޅޭ މީހުންނަށް އިބްރާހިމް ވަހީދު އިތުބާރު ކުރަންތޯ؟ ވަރަށް އިތުބާރު ކުރަމޭ ބުނެފައި، އެ މީހުންގެ ރަނގަޅު ސިފަތައް ކިޔައިދިނިން. އަސްލަމް ހީލާފައި ބުނުއްވީ، "މީހުންނަށް މާ ބޮޑަށް އިތުބާރު ކުރާކަށް ނުވާނެ" ކަމުގަ. އެއީ ޑާކް ރެއިން އަށް ނިސްބަތްކޮށް އަސްލަމް ބުނުއްވި އެއްޗެއް ނޫން.
ޑާކް ރެއިން އިން އެދިފައި ވަނީ، ފަތިސްހަނދުވަރުގެ ނަމާއި، ފުރަތަމަ ސީންގެ ރައިޓްސް ހޯދުމަށް. އެއްވެސް އިޢުތިރާޒެއް ނެތި، އަހަރެން ގެންދިޔަ ސިޓީގައި އަސްލަމް ސޮއިކޮށްދެއްވި. އަދި އަސްލަމް ބުނުއްވި، ބިންމާ އަށް އިތުބާރުކޮށްފައޭ އެ ހުއްދަ މި ދެނީ. "ފަތިސްހަނދުވަރު ފެށުން" ގެ ފުރަތަމަ ޝޯ އަށް ފަހު، އަސްލަމް ބުނުއްވި، އެ ނަން ފިލްމުގައި ބޭނުން ކުރަން ދިނުމަށް ފަހު، މި ލިބުނު ނަތީޖާއާ ދޭތެރޭގައި ތިމަންނަ މިހިރީ ވަރަށް ހިތްހަމަނުޖެހިފައޭ. އެހެންވެ، މި ދަނޑިވަޅުގައި، އަސްލަމްގެ ކިބައިން އަހަރެން މާފަށް ވެސް އެދެން.

އައްޑޫ ލައިވް: "ފަތިސްހަނދުވަރުގެ ފެށުން" ގެ މަސައްކަތަށް ޑާކް ރެއިނުން އެޑްވާންސްކޮށް ފައިސާ ދިންތަ؟

ބިންމާ: ފަތިސްހަނދުވަރުގެ މަސައްކަތަށް ޑާކްރެއިން އިން އުޖޫރަ ދިނީ، އެޑްވާންސްކޮށެއް ނޫން. މަސައްކަތް ނިމުމުން، އެއް ފަހަރާ ދިނީ. އެ މީހުން ދެ ގޮތެއް ހުށައެޅި. އެއީ، ފިލްމު އަޅުވާ ނިންމާފައި އެއިން ޕަސަންޓު ދިނުން ނުވަތަ އޭގެ އަގު ދިނުން. އަހަރެން ބޭނުންވީ އަގު.
އެއްވެސް ލަސްކުރުމެއް ނެތި އެ މީހުން އަގު ދިން. މޮގާ އަކީ، ފައިސާގެ ކަންތަކުގައި، އަދި ވެސް ވަރަށް އިތުބާރު ކުރެވޭ މީހެއް.

އައްޑޫ ލައިވް: ރީކޯ މޫސަ އުޅުނު "ފަތިސް ހަނދުވަރު" ކުޅެފަ އެ އޮތީ، ވާހަކައިގަ އޮތް ގޮތަށްތަ؟

ބިންމާ : އެ ވާހަކަ ކިޔާފައި ފިލްމު ބެލި މީހުންނަށް އެނގޭނެ، އެ ފިލްމު އެ އޮތީ ސީދާ ވާހަކައިގައި އޮތް ގޮތަށް. އެ ފިލްމު ބަލާފައި އެކަކު ވެސް ނުބުނެއެއްނު ވީ ގޮތެއް ނޭނގުނެކޭ. ނުވަތަ ވާހަކަ އާއި އެއާ ދިމައެއް ނުވެއެކޭ. ފިލްމު ނަގަމުން ދިޔަ އިރު ވެސް، ޑައިރެކްޓަރު އީސާ ޝަރީފާ އަހަންނާ ދެމެދު ބަރާބަރަށް ގުޅުން އޮތް.

* ޑާކް ރެއިންގެ ފީކަޅާ ކަމަކީ ކޮބާ؟

* ބިންމާ: ތިމަންނަމެންނަށް ހުރިހާ ކަމެއް އެނގޭނެ ކަމަށް ދުށުން. މިސާލަކަށް ފަތިސްހަނދުވަރުގެ ވާހަކަ ނަގަމާ. ވާހަކަ އަކީ، ތާސްބައިގެ ގަނޑުތަކަކުން އަތުރާލާފައި ހުންނަ ގެއެއް ކަހަލަ އެއްޗެއް. ގަނޑަކާ ކުޅެލާއިރަށް، އެހެން ދިމާއަކުން ގަނޑުތައް ކައްސާލާނެކަމެއް އެ މީހުންނަކަށް ނޭނގޭ. ރަނގަޅު ގޮތް ބުނެދިނީމަ ގަބޫލުނުކުރުމަކީ ވެސް އެ މީހުންގެ މައްސަލައެއް.

އައްޑޫ ލައިވް: "ފަތިސްހަނދުވަރުގެ ފެށުން" އަށް ފާޑު ކިޔަމުން ބުނާނީ ކީކޭ؟

ބިންމާ: ކުލަ ވަރަށް ރީތި. ތިރީ ޑީގެ މަސައްކަތް ވަރަށް ރީތި. ވާހަކައިގަ ވާ ގޮތް ހަމައެއް ނުޖެހޭ، ދެކޮޅެއް ނުޖެހޭ، ލަވަތައް ހިތްގައިމެއް ނޫން، ޑައިލޮގު ކިޔާއިރު، ބުން އަޑު ގަދަކަމުން ކިޔާއެއްޗެއް، ގިނަ ފަހަރަކަށް ނޭނގޭ، ޑައިރެކްޝަން ކަމަކުނުދޭ. ވަރަށް ފެންވަރު ދަށް. އޭގައި އެކްޓު ކޮށްފައިވަނީ މޮޅެތި މީހުން. އެކަމަކު، އެ މީހުން ޑައިރެކްޓު ކުރަން ނޭނގުމުގެ ސަބަބުން، އެ އެކްޓަރުންގެ އަސްލު ފެންވަރު ދެއްކިފައެއް ނެތް.
އެއީ، ޔޫއްޕެ ނުވަތަ ފަރީލާ، ނުވަތަ ފައިސަލްގެ މައްސަލައެއް ނޫން. މީހެއްގެ ކްލޯސްއަޕް ދައްކަން ޖެހޭނީ ކޮން ވަގުތަކުކަން، ޓްރެކެއް، ކްރޭނެއް، ކްރޭބެއް، ވައިޑެއް ހަދަންޖެހެނީ ކޮން ވަގުތަކުކަން، ޑައިރެކްޓަރު އެބަ ޖެހޭ ދަސްކުރަން. އަހަންނަކީ މާ މޮޅު މީހެއް ނޫން. އެކަމަކު، ބާވީސް އަހަރު ކެމެރާގެ މަސައްކަތުގައި އުޅެ، އެތައް ބަޔަކަށް ކެމެރާ ކިޔަވައިދީފަ ހުރީމަ، އެ ތަޖުރިބާގެ އަލީގަ މި ބުނަނީ، ތިމާ ހަމަ ހިތަށްއަރާ އިރަށް ލޯ އެންގަލުން، ބާޑްސް އައިވިއުން ޝޮޓެއް ނުހެދޭނެ.

ކޮންމެ ސީކުއެންސެއް ފެއްޓޭއިރު ވައިޑެއް ނުވަތަ ޑޮލީއެއް ހަދާކަށް ނުޖެހޭނެ. ގަލަމުން ވާހަކަ ލިޔާހެން، ކެމެރާއިން ވެސް މި ކުރާ ކަމަކީ، އެއްޗެއް ބުނެދިނުން. އެއީ ހުނަރެއް. ދިވެހި ފަންނާނުންގެ ތެރޭގައި، އެ ހުނަރު ހުރި މީހުން އެބަތިބި. އެ ފަދަ މީހަކު "ފަތިސްހަނދުވަރުގެ ފެށުން" ހެދި ނަމަ، ވަރަށް ހިތްގައިމުވީސް.

އައްޑޫ ލައިވް: ޑާކް ރެއިންގެ ޕްރޮޑިޔުސަރު މޮގާ އަކީ ކޮން ކަހަލަ މީހެއް؟

ބިންމާ: މޮގާ އަކީ، ހިތްހެޔޮ، މަސައްކަތްތެރި، ރަނގަޅު މީހެއް. ސަބަބަކީ، ފަތިސްހަނދުވަރުގެ އިތުރުން، އިނގެރޭސި ފިލްމު "ލަވް ސްޓޯރީ" އަށް ވެސް ޑާކް ރެއިން އިން ވަނީ، އަހަރެން ލައްވާ ސްކްރީން ޕްލޭއެއް ލިޔުއްވާފަ. އޭގެ ނަމަކީ "އެންމެ ފަހު ވިންދާ ޖެހެންދެން". އެ މަސައްކަތް ނިމެން އުޅެނިކޮށް، މޮގާ ފުރައިގެން ދާން ޖެހުނު. ދިޔުމުގެ ކުރިން، އެ ސްކްރީން ޕްލޭގެ އަގު، މަސައްކަތް ނިމުމުގެ ކުރިން، ދިން. އެއްވެސް ޕްރޮޑިއުސަރަކު، އެ ވަރުގެ އިތުބާރެއް އަދި ވެސް އަހަންނަކަށް ނުކުރޭ. މޮގާގެ ކިބައިގައި ހުރި ގޯސް ސިފަތަކަށް ވުރެ، އޭނަގެ ރަނގަޅު ސިފަތައް ގިނަ. އެހެންވީމާ ބުނެވޭނީ އޭނަ އަކީ ރަނގަޅު މީހެކޭ.

އައްޑޫ ލައިވް: ޑާކް ރެއިންގެ މޮޅު ކަމަކީ ކޮބާ؟

ބިންމާ: ޑާކް ރެއިން އަކީ، "ހޭލާ" އުފެއްދި، މަސައްކަތްތެރި، ވަރަށް އުންމީދީ ސްޓޫޑިޔޯއެއް. 3ޑީ އަކީ، އެޑްވާންސް ޓެކްނޮލޮޖީއެއް. ކަމަށް ބޭނުންވާ އެކަށޭނަ ސާމާނު ނެތި، ދިވެހި 3ޑީ ފިލްމެއް ދިވެހިން އުފެއްދުން އެއީ ތަޢުރީފު ޙައްޤު ކަމެއް. އަދި 3ޑީގެ ފެންވަރު ރަނގަޅުވުން އެއީ، ކޮންމެ ދިވެއްސަކު ވެސް، ޝުކުރުވެރިކަމާ އެކު އެ މަސައްކަތް ބަލައިގަންނަން ޖެހޭނެ ކަމެއް. އެ މަސައްކަތް އެ މީހުން ކުރީ، ކަށިން މަދު ނަގައިގެން. މަސައްކަތަށް އުޖޫރަ ދިނުމުގައި ވެސް ޑާކް ރެއިން އަކީ ނަމޫނާއެއް.