ޖަލުގައި ބަންދުކޮށްފައިވާ ފަރާތްތައް ގޭ ބަންދަށް ބަދަލުކުރުމަކީ ފަނޑިޔާރަށް ކުރެއްވޭނެ ކަމެއް ނޫން ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރޭ ޕީޕީއެމްގެ "ރުމާލު2" ޖަގަހައިގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޖަލުގައި ބަންދުކޮށްފައިވާ ފަރާތްތައް ޖަލުގައި ތިއްބެވީ ހެއްކަށް ނުފޫޒް ފޯރުވަތީކަމަށާއި އެހެންވެ އެބޭފުޅުން ގޭބަންދަށް ބަދަލު ނުކުރެވޭނެ ކަމަށެވެ.
"ހެކި ނައްތާލަން، ހެކި ފޮރުވަން މި ބޭފުޅުން ކަނޑައެޅިގެން މަސައްކަތް ކުރައްވާ ކަމަށް ވަންޏާ ކޯޓަކުން ވިދާޅެއް ނުވެވޭނެ ދެން ގެއަށް ބަދަލުކުރެވިދާނެ އޭ. އެއީ ރައީސް ޔާމީން އަންގައިގެން ކުރާކަމެއް ނޫން."
ރައީސް ޔާމީން ވިދާޅުވި ގޮތުގައި ޖަލުގައި ބަންދުކޮށްފައި ތިއްބެވި ފަރާތްތައް ގޭބަންދަށް ބަދަލު ނުކޮށްގެން އެކަމާއި ބެހޭގޮތުން ބައެއް ފަރާތްތަކުން ސުވާލު ކުރާ ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮން ފަރާތަކުން ކަމެއް ރައީސް ޔާމީން ވިދާޅެއް ނުވެއެވެ.
މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ، ޖަލުގައި ތިއްބެވި އެއްވެސް ބޭފުޅަކު ޖަލަށް ދާން ޖެހިވަޑައިގަތީ، ހޯމް މިނިސްޓްރީން ކުރި އަމުރަކާއި ގުޅިގެން ނޫން ކަމަށެވެ. އަދި ފުލުހުން ފޮނުވި ޗިޓަކާއި ގުޅިގެން ވެސް ނޫން ކަމަށެވެ.