Last Updated: November 26, 22:39
Tuesday, November 26, 2024
ޚަބަރު

އިއްތިހާދުގެ ސަރުކާރެއްގެ ހުންނަން ޖެހޭ ކަމަށް އަދާލަތުން ގަބޫލުކުރާ ކަންތައް ހާމަކޮށްފި

އަދާލަތުން ބުނެފައިވާ ގޮތުގައި މިއަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕާޓީތަކުގެ ސަރުކާރެއް އިންތިހާބުވެއްޖެ ނަމަ ސިޔާސަތުތަކުގެ ތެރޭގައި އެޕާޓީން ޤަބޫލުކުރާ 7 އަސާސެއް ހިމަނަން ފެންނަ ކަމަށެވެ.
ފުރަތަމަ ކަމަކަށް އަދާލަތު ޕާޓީ އިން ބުނެފައި ވަނީ އިސްލާމް ދީން ފިޔަވައި އެހެން ދީނަކަށް ރާއްޖޭގައި ފުރުސަަތު ނުދިނުމެވެ.

އަދި ސިޔާސީ އަދި އިޖްތިމާއި ފަސްމަންޒަރަށް ރިއާޔަތް ކުރުމެއް ނެތި ކޮންމެ ފަރުދަކަށް ވެސް އިންސާފު ލިބެން ޖެހޭނެ ކަމަށް އަދާލަތު ޕާޓީ އިން ބުނެފައިވެ އެވެ. މީގެ އިތުރުން ސަލާމަތީ ހިދުމަތްތަކާއި ގުޅުން ހުރި ފަރާތްތަކުން މަސައްކަތް ކުރަން ޖެހޭނީ ގައުމު ދިފާއު ކުރުމާއި ރައްޔިތުންގެ މެދުގައި އަމާންކަމާއި ސުކްހަމަސްލަސްކަން ދެމެހެއްޓުމަށް އިސްކަން ދިނުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް އަދާލަތުގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އުފައްދާ އެއްބައިވަންތަކަމުގެ ސަރުކާރު ބިނާކުރަންޖެހޭކަމަށް ޢަދާލަތު ޕާޓީން ޤަބޫލުކުރާ އަސާސްތައް

އިސްލާމްދީން: މާތްވެގެންވާ އިސްލާމްދީން ފިޔަވައި އެހެން ދީނަކަން ދިވެހިރާއްޖޭގައި ފުރުޞަތު ނުދިނުމާއި، އިސްލާމްދީނުގެ ސައްޙަ ޢަޤީދާ ދިވެހިރާއްޖޭގައި ދެމެހެއްޓުން.

ޢަދުލު އިންޞާފު: ސިޔާސީ އަދި އިޖުތިމާޢީ ފަސްމަންޒަށް ރިޢާޔަތްކުރުމެއްނެތި ކޮންމެ ފަރުދަކަށްވެސް އިންޞާފު ލިބޭކަން ކަށަވަރުކުރުން.

ޤައުމީ ސަލާމަތާއި ރައްކާތެރިކަން: ސަލާމަތީ ޚިދުމަތްތަކާއި ކަމާގުޅުންހުރި މުއައްސަސާތައް މަސައްކަތްކުރަނީ ޤައުމު ދިފާޢުކުރުމާއި ރައްޔިތުންގެ މެދުގައި އަމާންކަމާއި ސުލްޙަ މަސަލަސްކަން ދެމިއޮންނާނެ އުސޫލަކުންކަން ކަށަވަރުކުރުން.

ރައްޔިތުން ބާރުވެރިކުރުވުން: އިންސާފުވެރިކަމާއެކު ރަށްވެހިކަމުގައި ވާދަކުރެވޭނެ ފުރުޞަތު އިދާރީ ދާއިރާތަކަށް ހުޅުވާލުމާއި އިދާރީ ދާއިރާތަކުގެ މާލީ ފުދުންތެރިކަން އިތުރުކުރުމާއި މައުނަވީގޮތެއްގައި ގޮތްނިންމުމުގެ ބާރު ދިނުން.

ކޮރަޕްޝަން ހުއްޓުވުން: ދަޢުލަތުގެ ވަޞީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމުގެ އެންމެހާ ދޮރުތައް ބަންދުކުރުން.

އިޤްތިޞާދީ ދާއިރާ: ޤައުމުގެ ފުދުންތެރިކަން އިތުރުކުރުމާއެކު ލިބޭއާމްދަނީން ދެކޮޅުޖެއްސުމާއި، ޤައުމުގެ މުއްސަނދިކަން ހަމަހަމައަށް ބެހިގެންދާނެ އިޤްތިޞާދެއް ބިނާކުރުން.

ޚާރިޖީ ދާއިރާ: ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަޙަތުތައް ޙިމާޔަތްކުރުމާއެކު، އިސްލާމީ އުންމަތުގެ އެއްބައިވަންތަކަމާއި އިންޑިޔާކަނޑުގެ ހަމަޖެހުމާއި ބައިނަލްއަޤްވާމީ ސުލްޙައަށް އިސްކަންދީ، ދިވެހިރާއްޖެއާއި މެދު އިތުބާރު އުފައްދާ ދިވެހި ދަޢުލަތުގެ ހައިބަތާއި ކަރާމަތާއި އިސްތިޤުލާލު ދެމެހެއްޓުން.