ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅޭގޮތުން ބައެއް ގާޒީން ވެސް ހިމެނޭ ގޮތަށް ފުލުސް އޮފީހަށް ދީފައިވާ "ސިއްރު" ބަޔާންތައް ކިޔާފައި އެއްގޮތަކަށް ވެސް ނިދި ނުކުރެއްވޭ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދް މަހްލޫފް ވިދާޅުވެއްޖެއެވެ.
މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވަނީ، ﷲ ގަންދީ ހުވާކޮށްގެން ތިބެ ބޮޑެތި ދޮގު ހަދަން ޖެހިލުން ނުވޭތޯ ސުވާލު ކުރައްވާފައެވެ. ބެލެވޭ ގޮތުގައި މަހްލޫފް އެ ސުވާލު އަމާޒުކުރެއްވީ، ފުލުސް އޮފީހަށް ބަޔާން ދެއްވާފައިވާ ބައެއް ގާޒީންނަށެވެ.
"ﷲގަންދީ ހުވާކޮށް މިހާ ބޮޑެތި ދޮގު ހަދަން ހަމަ ކުޑަކޮށްވެސް ޖެހިލުމެއް ނުވަނީބާ. ހައްގު ކަމަކާ ނުލާ 17 އަހަރަށް މީހަކު ޖަލަށް ލާން ފަސްނުޖެހެނީބާ؟ މަރުވާނެކަން ނޭނގެނީބާ؟"
ސޯޝަލް މީޑިޔާގައި ލީކުކޮށްލާފައިވާ ބަޔާންތަކުގެ ތެރޭގައި، ސިވިލް ކޯޓުގެ ގާޒީ ހަލީމް އާއި ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް އާރިފްގެ ނަމުގައި ދީފައިވާ ބަޔާނެއް ހިމެނެއެވެ. އެހެން ނަމަވެސް މިއީ ސައްހަ ބަޔާންތަކެއް ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެއެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުންގެ ބަހެއް ހޯދުމަށް 'އައްޑޫލައިވް' އިން ކުރި މަސައްކަތް އަދި ވަނީ ކާމިޔާބު ނުވެފައެވެ.