(އެޕްރީލް 19، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
ހާލިދާމެންގެ ވަކިވުން ހުސްނާ އާއި ކަރީމު އަށް ވެސް ވީ ވަރަށް ބޮޑު އުނި ކަމަކަށެވެ. ހުސްނާ އެކަނި ވާ ކޮންމެ ވަގުތެއްގައި ހާލިދާމެންގެ ކަންތައް ހަނދާން ކުރަމުން ދިޔަ އެވެ.
ހާލިދާގެ އޯގާތެރިކަމާއި ހެޔޮކަމެވެ. ދެގޮތެއް ނުވާ އެކުވެރިކަމެވެ. އެމީހުން ކޮށްފައިވާ ހެއްވާ ކަންތަކެވެ. ރުޅިއަ ންނަ ކަމަށް ހަދާފައި ހުސްނާ އަށް ހާލިދާ ޖޯކު ޖެހި ދުވަސްތަކެވެ. މިއިން ކޮންމެ ވަގުތަކު ވެސް ކަރީމު ހުސްނާގެ ކަރުނަ ފޮހެ ދެ އެވެ. ހިތްވަރު ދެ އެވެ.
"ކަރީމު…ހާލިދާ ކަހަލަ ރައްޓެހިން މަދުވާނެ." ހުސްނާ ކަރީމުގެ މޭގައި ބޯ އަޅާލަމުން ރޯން ފަށަ އެވެ.
"ހުސްނާ….ކެތްތެރިވާން ޖެހޭނެ. މިދުވަސްކޮޅަކީ ވަރަށް ކައިރި ކައިރީ މިކަހަލަ ކަންތައް ހިގަމުންދާ ދުވަސްކޮޅެއް. ފުރަތަމަ ބޮޑުދައިތަ ނިޔާވުން. ހަމަ އެ ދުވަހުގެ ހަވީރު ކާސިންބެ ނިޔާވީ. އަނެއްކާ ހަފްތާއެއް ނުވަނީސް މި އިވުނީ މި ހަބަރު. އަދިވެސް އެ ސޮރަށް ވީގޮތެއް ވެސް ނޭނގޭ. ކުރާނީ ފަހެ ކީއް؟" ކަރީމު ވެސް ފޮހެލަމުން ބުނެލި އެވެ. އެވަގުތު ހޮސްޕިޓަލް ޕިޔޯނު ނަސީބުގޭ ދޮރު ކައިރީ ހުރެ ސަލާން ގޮވާލި އެވެ. ކަރީމު ސަލާން ބަލައި ގަންނަމުން ބޭރަށް ނިކުތެވެ.
"އަހައްމަދާ…ކިހިނެއްވީ؟ ކަ ލޭވެސް އަހަރެމެންނަށް ދޭން އޮތީ ކޮންފަދަ ހިތާމަވެރި ޙަބަރެއްތަ؟ އަވަހަށް ބުނެބަލަ."
"ކަރީމު…ﷲ ގަންދީފާ ބުނަން. އަހަރެން މިއައީ އުފާވެރި ޙަބަރަކާއިގެން. ކަލޭ ބޭނުމީއްޔާ ފޮނި ކާއެއްޗެހިން އަހަރެންގެ އަނގަ ފޮނި ކޮށްދީ." ޕިޔޯނު އަހްމަދު ހިނިތުންވެލައިގެން ހުރެ ސިޓީ އުރައެއް ކަރީމު އަތަށް ދިއްކޮށްލި އެވެ.
ސިޓީ އުރައިގައިވާ ހުދު ކަރުދާސްގަނޑެއް ބަލާލުމަށް ފަހު ކަރީމު ހަޅޭއްލަވަން ފެށި އެވެ.
"ހުސްނާ…ސާރާ…މުރާދު…މިކޮޅަށް އަައިސްބަލަ އެންމެން."
"ކަރީމު…ކިހިނެއްވީތަ އަޅެ…ބުނުއްވަ ބައްލަވާ." ހުސްނާ ހާސްކަމާ އެކު ކަރީމު އާއި ދިމާއަށް ބަލަހަށްޓައިގެން ހުއްޓެވެ. ކަރީމު ސިޓީއުރަ ހިފަހައްޓައިގެން ހުރެ ހުސްނާގެ ދެ ކޮނޑުގައި ހިފާފައި ބާރުކޮށްލި އެވެ. ހިނިތުންވެ ހުރެގެންނެވެ.
"ހުސްނާ….އަޑު އަހާބަލަ. އަހަރެމެންގެ ސާރާ އަށް…" ކަރީމު ހުއްޓާލި އެވެ. އަދި އަނެއްކާވެސް ދޮރާ ދިމާއަށް ބަލާލި އެވެ. ސާރ އާއި މުރާދު ވެސް ހައިރާންވެފައި ދޮރު ކައިރީ ތިއްބެވެ.
"ކަރީމޫ…ދެން ނިކަން ބުނުއްވަބައްލަވާ. ތިޔަ މެސެޖްގައި އޮތީ ކީކޭތޯ؟" ހުސްނާ ކެތްތެރިކަމެއް ނެތް ގޮތަށް ސުވާލު ކުރަން ފެށި އެވެ.
ކަރީމު މަޑުމަޑު ނާނާއެއް އަޅުވާން ފެށި އެވެ. އަދި މަޑުމަޑުން ހުސްނާގެ ކަންފަތް ދޮށަށް ގުދުވެފައި ކިޔަން ފެށި އެވެ.
"ހިތާމަ ކިތަންމެ ގިނައިން ވަށާލާފައި ވިއެއްކަމަކު މިއަދު ﷲ އަހަރެމެންނަށް ގައިމު ވެސް ބައްލަވާ ވޮޑިގެންފި. ހިތާމައަކަށް ފަހު އުފަލެއް އަންނާނޭ ބުނާ ބަހުގެ ފުރިހަމަ ކަން މިއަދު އަހަރެންނަށް އިހުސާސް ކުރުވައިފި. ހުސްނާ…އަހަރެމެންގެ ސާރާ އަށް ލޮލެއް ލިބިއްޖެ. ސީދާ އިންޑިޔާގެ ހޮސްޕީޓަލުގެ ފަރާތުން ލިބުނު އެހީއެއް. މާދަމާ ހޮސްޕިޓަލުގައި އެޑްމިޓްވުމަށް އަންނަން ހޮސްޕިޓަލުން މިއޮތީ އަންގާފައި." ކަރީމު ގެ ލޮލުން އުފާވެރި ކަމުގެ ކަރުނަ ހޯސްލާފައި ފައިބަމުން ދިޔަ އެވެ.
ހުސްނާ ގެ ހާލު ވަކި ދެރައެއް ނޫނެވެ. ﷲ އަށް ޝުކުރު އަދާ ކުރި އެވެ. އުފާވެރިކަމުގެ ކަރުނަ ހުސްނާގެ ލޮލުން ވެސް އޮހެމުން ދިޔަ އެވެ. މުރާދު އާއި ސާރާ އެކަކު އަނެކަކާ ބަޢަލްގީރުކޮށް ސަލާމް ކުރި އެވެ. އެ ދެބޭންގެ ލޮލުން ވެސް ވިދަވިދާ ހުރީ އުފާވެރިކަމުގެ ކަރުނަ އެވެ.
ފަޒުނާ އާއި އެހެން ކުދިން ވެސް ސާރާ އަށް މަރުހަބާ ކިޔެވެ. އެންމެން ވެސް ތިބީ އިންތިހާ އަށް އުފާވެފަ އެވެ. ސާރާ މަޑުމަޑުން އޭނާގެ ކޮޓަރި އާ ދިމާ އަށް ދިޔަ އެވެ. ކޮޓަރި އަށް ވަނުމަށް ފަހު ފަޒުނާ އޭނާ އަށް ދީފައިވާ މަރިޔަންފުޅުގެ ފޮޓޯ ނަގައި އެ ފޮޓޯ އާ މުހާތަބުކޮށް ހިތާހިތުން ވާހަކަ ދައްކަން ފެށި އެވެ.
ބޮޑުދައިތާ އެވެ. ސާރާޔަށް ލޮލެއް ލިބިއްޖެ އެވެ. ބޮޑުދައިތަގެ ދުއާﷲ އިޖާބަ ކުރައްވައިފި އެވެ. މިއަދު ސާރާ ވަރަށް އުފާވެއްޖެ އެވެ. ބޮޑުދައިތަ ހުރިނަމަ ކިހާ ރަނގަޅު ވީސް ނޫން ހެއްޔެވެ؟
ސާރާގެ އަޑު ގިސްލުމަކަށް ބަދަލުވިއެވެ. ފޮޓޯ ހުރީ އެކޮޅު ކޮޅުން ކަމެއް ވެސް ސާރާއަކަށް ނޭނގެއެވެ. ހިނިތުންވެލައިގެން ފަޒުނާ ސާރާ އަށް ބަލަން ސާރާގެ ކޮޓަރީ ދޮރު ކައިރީ ހުއްޓެވެ.
ސާރާ އެ ފޮޓޯ ފަޒުނާ އަތުން ހޯދީ އޭނާގެ ލޯ ރަނގަޅުވީމާ ބަލަން ބޭނުންވާތީ އެވެ. އެހެނަސް ދޭތެރެ ދޭތެރެ އިން އޭނާ އެ ފޮޓޯ އާ މި ނޫނަސް އެކި ފަހަރުމަތިން މުހާތަބުކޮށްފައިވެ އެވެ. ވީ އިރު މިފަދަ އުފާވެރި ޙަބަރެއް ލިބުނީމާ އޭނާ އެ ވާހަކަ މަރިޔަންފުޅަށް ކިޔައި ދޭ ހިތްވާނެ ނޫން ހެއްޔެވެ؟
(ނުނިމޭ)