އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު ފާހަގަކުރެވިފައި ވަނީ ވަރަށް ވަތަނީ އަދި މައުލޫމާތު ހުރި ދީނީ ބޭފުޅެއްގެ ގޮތުގައި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް ޙަސަން ލުތުފީ ވިދާޅުވެއްޖެ އެވެ.
ލުތުފީ މިހެން ވިދާޅުވެފައި ވަނީ ފެބްރުއަރީ 1 ގެ އަމުރާ ގުޅިގެން ފުލުހުން ހިންގި ތަހުގީގަށް ދެއްވި ބަޔާނުގައެވެ. އެ ބަޔާން މިހާރު ވަނީ ސޯޝަލް މީޑިޔާގައި ލީކުކޮށްލައި ފައެވެ.
ލުތުފީ ވިދާޅުވެފައިވާ ގޮތުގައި އެކި ފަހަރުމަތިން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ބައްދަލުވެ، ފަނޑިޔާރުންނާއި މެދު ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މައްސަލަތައް ބެލުމަށް މަސައްކަތް ކޮށްފައި ވާނެ ކަމަށެވެ. ނަމަވެސް އެފަދަ މައްސަލަތައް އޭސީސީއަށް ނުބެލޭނެ ކަމަށް ފަނޑިޔާރުން ވިދާޅުވާތީ އެކަމާއި ގުޅޭގޮތުން "ވަރަށް ޖަދަލުކޮށްފައި ހުންނާނެ" ކަމަށް ލުތުފީ ވަނީ ވިދާޅުވެފައެވެ.
"އެސީސީއަށް ކޮރަޕްޝަންގެ މައްސަލަ ވެއްޖެއްޔާމު ބެލޭނެ ކަމަށް ބުނެފައިވާނެއެވެ. އެގޮތަށް އެކަމާ މައްސަލަ ޖެހިގެން ގޮސް އެއްދުވަހު 1:30 ގައި ދިޔަގޮތަށް އެރޭ 7:30 ވަންދެން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި އެކަމާއި ގުޅޭގޮތުން މަޝްވަރާކުރަން އިނީމެވެ."
ސުޕްރީމް ކޯޓުން 1 ފެބްރުއަރީގައި ނެރުނު ބަޔާނާއި ގުޅޭގޮތުން ލުތުފީ އިތުރަށް ވިދާޅުވެފައި ވަނީ އުއްތަމަ ފަނޑިޔާރުގެ ފަރާތްޕުޅުން "އެކަހަލަ ކަމެއް ފެނިދާނެ ކަމަށް ގަބޫލު ނުކުރެއްވޭ" ކަމަށެވެ. އަދި އެ އަމުރު ނެރުއްވީ ކޮންމެވެސް ކަހަލަ ފިއްތުންތަކެއް ކުރިމަތިވެވަޑައިގަތުމުން ކަމަށް ބެލެވޭ ކަމަށް ވެސް ލުތުފީ ވަނީ ވިދާޅުވެފައެވެ.
އުއްތަމަ ފަނޑިޔާރަށް އިތުބާރު ކުރައްވާ ކަމަށް ވިދާޅުވި ނަމަވެސް ލުތުފީ ވަނީ ފަނޑިޔާރު އަލީ ހަމީދު އެކަހަލަ ކަމެއް ކުރައްވަފާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.