Last Updated: November 26, 20:40
Tuesday, November 26, 2024
ޚަބަރު

ރައީސް މައުމޫނުގެ ސިއްޙީ ހާލުކޮޅު ގޯސްވެއްޖެ

ފުލުހުންގެ ޑިޓެންޝަން ސެންޓަރ ދޫނިދޫގައި ބަންދުކޮށްފައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހާލުކޮޅު ސީރިއަސް ކަމުގެ މައުލޫމާތު އިތުބާރު ހުރި ގޮތެއްގައި 'އައްޑޫލައިވް' އަށް އެނގިއްޖެއެވެ.

'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މައުމޫނުގެ ސިއްހީ ހާލުކޮޅު ގޯސްވެގެން އެކަން ކޮމިޝަނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

"މިރޭ އިރާކޮޅުން ފެށިގެން މައުމޫނުގެ ސިއްހީ ހާލުކޮޅު ގޯސްވެގެން އެކަން ކޮމިޝަނަށް ވަނީ ރިޕޯޓްކޮށްފައި." އޮފިޝަލް ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަން 30 އަހަރު ކުރެއްވި "ރަން 30 އަހަރުގެ" ބާނީ މައުމޫންގެ ސިއްހީ ހާލުކޮޅު ގޯސްވެފައިވަނީ މިދިޔަ އަންގާރަ ދުވަހުން ފެށިގެންނެވެ. އެކަނި މާއެކަނި ދޫނިދޫ ޖަލުގައި މައުމޫން ބަންދުކޮށްފައިވާ އިރު އެމަނިކުފާންގެ އާއިލާއިން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ރައީސް ޔާމީންގެ ބޮޑު ބޭބޭފުޅު، މައުމޫން ހައްޔަރުކޮށް ދައުވާ ކުރަމުންދަނީ ރާއްޖޭގެ ގާނޫނީ ސަރުކާރު ވައްޓާލުމަށް އުޅުއްވި ކަމުގެ ތުހުމަތުގައެވެ. އުމުރުފުޅުން 80 އަހަރަށްވުރެ މަތިވެފައިވާ މައުމޫންގެ ބަލިހާލުކޮޅާއި ބެހޭ ލިޔެކިއުން ކަމާއި ބެހޭ ފަރާތްތަކަށް ހުށަހެޅުވުމަށް އާއިލާއިން ދަނީ މަސައްކަތް ކުރައްވަމުންނެވެ.