ދިވެހިރާއްޖޭގެ ފުލުހުންގެ އިދާރާގެ ކޮމިޝަނަރު ކަމުގެ މަގާމު އެންމެ ކުރު މުއްދަތަކަށް ކުރެއްވުމުގެ ރެކޯޑު އޮންނެވި ބޭފުޅަކީ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ސައުދީ އެވެ. ފުލުހުންގެ އިދާރާގެ އެކްޓިން ކޮމިޝަނަރަކަށް ސައުދީ އައްޔަން ކުރެއްވިތާ 24 ގަޑިއިރު ނުވަނީސް، އެ މަޤާމުން ވަނީ ވަކިކުރައްވާފަ އެވެ.
އޭގެ ކުރިން، ކޮމިޝަނަރު ކަމުގައި ހުންނެވި އަރީފް ވަކިކުރެއްވީ "ފޯނަށް ޖަވާބު ނުދެއްވައިގެން"ނެވެ. ސުޕްރީމް ކޯޓުން 1 ފެބްރުއަރީގައި ނެރުނު އަމުރަކީ "ބަޣާވާތެއް" ގޮތުގައި ސަރުކާރުން ސިފަކޮށްފައިވާއިރު އެ އަމުރު ތަންފީޒު ކުރުމަށް މަސައްކަތް ކުރެއްވި، އަރީފްގެ މައްޗަށް މިހާރު ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައެވެ. އެހެން ނަމަވެސް އެ ދުވަހު އަރީފަށް އެކަމުގައި އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދެއްވި، ޑީސީޕީ ސައުދީ އާއި މެދު އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ފުލުހުންގެ މުއައްސަސާއިން ކުރި މަސައްކަތުގައި ސައުދީގެ ދައުރު ވެސް އޮތްކަން ސޯޝަލް މީޑިޔާގައި އާއްމުވެފައިވާ ބަޔާންތަކުން ވަނީ ހާމަވެފައެވެ. އެހެން ނަމަވެސް، ފުލުސް އޮފީހަށް ސައުދީ ދެއްވި ބަޔާނުގައި، ދައްކަވާފައި ވަނީ މުޅިން ތަފާތު ވާހަކައެކެވެ.
ސައުދީގެ ކިބައިން ފެނިގެން ދިޔައީ، ހުރިހާ ކަމެއް "އެހެން މީހުންގެ ބޮލަށް ޖަހާލަން" މަސައްކަތް ކުރެއްވި ތަން ކަމަށް ސޯޝަލް މީޑިޔާގައި ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ. އަދި އެގޮތަށް ސައުދީ އަމަލުކުރެއްވީ "ޑީލެއް"ގެ ދަށުން ކަމަށް ވެސް އެއްބަަޔަކު ވަނީ ތުހުމަތުކޮށްފައެވެ.
1 ފެބްރުއަރީގެ އަމުރާއި ގުޅިގެން ހިނގި ކަންތަކާއި ބެހޭގޮތުން ސައުދީ ފުލުސް އޮފީހަށް ބަޔާނެއް ދެއްވީ، 9 މާރޗް 2018 ގައެވެ. އެ ބަޔާނުގައި ސައުދީ ވިދާޅުވެފައިވާ ގޮތުގައި، އޭރު ކޮމިޝަނަރަކަށް ހުންނެވި، އަރީފު ސުޕްރީމް ކޯޓުގެ އަމުރު ދެއްކުމަށް ފަހު "ހަދާނީ ކިހިނެއްހޭ" ސުވާލުކުރި ކަމަށެވެ. އަދި އޭގެ ޖަވާބުގައި "ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރަށް ޖެހޭނެއޭ އިހްތިރާމްކުރަން" މި ޢިބާރާތް ފިޔަވައި އިތުރު އެއްޗެއް ވިދާޅު ނުވާ ކަމަށް ސައުދީގެ ބަޔާނުގައި ވެއެވެ.
އެހެން ނަމަވެސް، ސައުދީގެ މިވާހަކަތަކަކީ ދޮގެއްކަން، ސްޓާފް އޮފިސަރ ފޯ ސީޕީގެ ވަޒީފާ އަދާކުރާ، ޗީފް ސްޓޭޝަން އިންސްޕެކްޓަރ، އަލީ ޝާޛްލީގެ ބަޔާނުން ވަނީ ހާމަވެގެނެ ގޮސްފައެވެ. ޝާޛްލީ އަކީ، 1 ފެބްރުއަރީގައި ޕޮލިސް ކޮމިޝަނަރުގެ އޮފީހުގައި ހަރަކާތްތެރިވި ފަރާތެކެވެ.
ޝާޛްލީ ބުނެފައިވާ ގޮތުގައި "ސުޕްރީމް ކޯޓުގެ އަމުރާއި މެދު ގޮތެއް ނިންމަން ޖެހޭނެ ނޫންހޭ" ވިދާޅުވެ އޭރުގެ ސީޕީ އަރީފު، ސައުދީގެ ލަފާފުޅަކަށް އެދިވަޑައިގަތެވެ. އޭގެ ރައްދުގައި ސައުދީ، "ތި އަމުރަކީ ތަންފީޒު ކުރަންޖެހޭ އެއްޗެކޭ، ތި އަމުރަކީ ކޮންކަހަލަ އަމުރެއްތޯ ބަލާނީ ސްޓޭޓުންނޭ، އަޅުގަނޑުމެންގެ ކަމެއް ނޫނޭތީ، ފުލުހުން ޖެހޭނެއޭ ފުރިހަމައަށް ތި އަމުރަށް ތަބާވާން" ވިދާޅުވި އަޑު އެހި ކަމަށް ޝާޛްލީގެ ބަޔާނުގައި އޭނާ ވަނީ ބުނެފައެވެ.
އަދި އެހެން ބުނުމަށް ފަހު ވެސް، އަރީފު އާއި ސައުދީ، ސީޕީގެ ކޮޓަރިކޮޅު ތެރޭގައި މަޝްވަރާކުރައްވަން ތިއްބެވި ކަމަށް ޝާޛްލީ ވަނީ ބުނެފައެވެ.
މީގެ އިތުރުން ސައުދީގެ ބަޔާނުގައި އިތުރުފުޅު ހައްދަވާފައިވާކަން ފާހަގަކުރެވޭ އަނެއް ކަމަކީ، ޑިފެންސް މިނިސްޓްރީއަށް ވަޑައިގަތުމަށް ރައީސް ޔާމީން އެންގެވުމުން އޭނާ އަމަލުކުރެއްވި ގޮތެވެ. ސައުދީ ފުލުހަށް ދެއްވި ބަޔާނުގައި ވާގޮތުން އޭނާ ވަނީ އަރީފު ގާތުގައި (ޑިފެންސް މިނިސްޓްރީ އަށް) "ދާން ހިނގާށޭ" ވިދާޅުވިއެވެ. ""އަދި ސީޕީ ޔުނިފޯމް އަޅައިގެންނޭ ދާނީ ބުނުމުން، އަޅުގަނޑު ކޮމިޝަނަރ ރޫމުން ބޭރުގައި މަޑުކޮށްލައިގެން އީނީމެވެ. އެހެން ނަމަވެސް ސީޕީ އަހްމަދް އަރީފް ރައީސާއި ބައްދަލުކުރުަމަށް ބަންޑާރަ ކޮށްޓައް ދިއުމަށް އަިއސްފައެއް ނުވެއެވެ."
ސައުދީ މިގޮތަށް ވިދާޅުވެފައި ވާއިރު، ސްޓާފް އޮފިސަރ ފޯ ސީޕީ އަލީ ޝާޛްލީގެ ބަޔާނުގައި އޭނާ ބުނެފައިވާ ގޮތުގައި ރައީސް އާއި ބައްދަލުކުރުމަށް ބަންޑާރަ ކޮށްޓައް އައުމަށް ޑިފެންސް މިނިސްޓްރީގެ ސެކްރެޓްރީ އެންގިއެވެ.. އަދި ޑިފެންސުން ދިން މެސެޖަކީ "ރައީސް އަންގަވާފައި ވަނީ ޓީވީއަށް އަރައި މެސެޖެއް ދެއްވުމަށް ޔުނިފޯމުގައި ދިއުމަށް" ކަމަށް ޝާޒްލީ ވަނީ ބުނެފައެވެ. އަދި މި މެސެޖް އަރީފާއި ސައުދީއަށް ރައްދުކޮށްދިން ކަމަށާއި އޭރު އެ ދެބޭފުޅުން ތިއްބެވީ، ވާހަކަ ދައްކަވަން ކަމަށެވެ.
"ޑިފެންސް މިނިސްޓަރުގެ ސެކްޓްރީ ގުޅާ، ޑިފެންސް މިނިސްޓަރ ބުންޏޭ ރައީސުލްޖުމްހޫރިއްޔާ ބޭނުންވެޔޭ ޑެޕިއުޓީ ކޮމިޝަނަރ އާއި ކަމިޝަނަރ އޮފް ޕޮލިސް އާއި ދެމީހުން ޑިފެންސް މިނިސްޓްރީ އަށް އައުމަށް، އަދި އަންނަން ވާނީ ޔުނިފޯމުގައި ކަމަށް ބުންޏެވެ." ޝާޛްލީގެ ބަޔާނުގައި ބުނެފައިވެއެވެ.
ކަމިޝަނަރުގެ ކޮޓަރިއަށް ވަދެ ޑިފެންސް މިނިސްޓްރީގެ މެސެޖް ހިއްސާކުރުމާއި އެކު، ސައުދީ އޭނާ އާއި ދިމާލަށް "މިހާލަތުގައި ޔުނިފޯމެއް ނޭޅޭނެއޭ، ޔުނިފޯމް އަޅައިގެން ނުދެވޭނެއޭ" ބުނިކަމަށް 1 ފެބްރުއަރީގެ ރޭގަނޑު ޕޮލިސް ކޮމިޝަނަރުގެ އޮފީހުގައި އުޅުއްވި ޝާޛްލީ ވަނީ ބުނެފައެވެ.
ދެވަނަ ފަހަރަށް ވެސް ޑިފެންސް މިނިސްޓްރީން އަރީފު އާއި ސައުދީ ބަންޑާރަ ކޮށްޓައް އައުމަށް އެންގުމުން އެ މެސެޖް ވެސް ޝާޛްލީ ރައްދުކޮށްދިނެވެ. އަދި ޑިފެންސަށް ދޭނީ ކޮން ޖަވާބެއްތޯ ސައުދީ ގާތުން އަރީފް އޮޅުންފިލުވި ކަމަށާއި، ޖަވާބުގައި "މިވަގުތު އެންމެ މަސްލަޙަތު ރަނގަޅުވާނީ ނުދިއުމޭ" އަރީފް ވިދާޅުވި ކަމަށެވެ.
ތިން ވަނަ ފަހަރަށް ޑިފެންސް މިނިސްޓަރުގެ ސެކެޓްރީ ގުޅިކަމަށާއި، އަދި އެފަހަރު ވެސް އަރީފުގެ އަރިހުގައި އިންނަވާ ޑީސީޕީ ސައުދީ "މާލޭގެ ހާލަތު އޮތް ގޮތުން ފުލުހުންގެ އިދާރާ ދޫކޮށްލުމަށް ފަހު ދެވެން ނެތް" ކަމަށް ވިދާޅުވެފައިވާ ކަމަށް ޝާޛްލީ ވަނީ ބުނެފައެވެ. .
މިފަދަ ގޮތަކަށް ސައުދީގެ ބަޔާނުގައި ޖުމްލަ ގޮތެއްގައި ވާހަކަ ދައްކަވާފައިވާއިރު، އޭނާ ވަނީ މާޗް މަހުގެ 27 ވަނަ ދުވަހު އޮންލައިން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވެސް 1 ފެބްރުއަރީގެ އަމުރަށް އަމަލު ނުކުރެވޭނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
އެ އިންޓަވިއުގައި ސައުދީ ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ފުލުހުންނަށް ތަންފީޒު ކުރެވޭނެ އަމުރެއް ނޫން ކަމަށާއި އަމުރާ ގުޅިގެން ރާއްޖޭގެ ހާލަތު ގޯސްނުވެ ސަލާމަތްވީ ރައީސް އަބްދުﷲ ޔާމީން ދެއްވި ފުރިހަމަ އިރުޝާދުގެ ސަބަބުން ކަމަށެވެ.
ފުލުހުންގެ ތަހުގީގަށް ފުލުހުންގެ ބައެއް ސީނިއަރ ބޭފުޅުން ދެއްވާފައިވާ ބަޔާންތައް ލީކުވެފައިވާއިރު، އެ ބަޔާންތަކުން އެނގޭ ގޮތުގައި 1 ފެބްރުއަރީގައި ސައުދީ އޭނާގެ މަގާމުން އިސްތިއުފާ ދެއްވުމަށް ވެސް ނިންމެވިއެވެ. ނަމަވެސް ސައުދީ ޑީސީޕީ މަގާމުން ވަކުކުރެއްވީ ރައީސް ޔާމީނެވެ.