ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ އައްޑޫ މުވައްޒަފުންގެ މެދުގައި ތަފާތު ކުރުންތައް ގެންގުޅޭ ކަމަށާއިި ވަޒީފާ އިން ކަނޑައިލާނެ ކަމުގެ އިންޒާރު ވެސް އެ ކުންފުނީގެ އައްޑޫގެ އިސްވެރިން ދެމުންދާ ކަމަށް ބުނެ ބައެއް މުވައްޒަފުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.
"އައްޑޫ ލައިވް" އާ މިއަދު ވާހަކަ ދެއްކި މުވައްޒަފުންތަކެއް ބުނީ މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން ކުއްލި ގޮތަކަށް އެ މީހުން ވަޒީފާ އިން ވެސް ވަކިކޮށްފައިވާ ކަމަށެވެ.
"މިކޮޅުގައި [އައްޑޫގައި] އިސްކޮށް ހުންނަ މީހާ ރޭގަނޑު ފޯނުން ގުޅާފައި ވަޒީފާ އިން ވަކި ކުރިކަން އެންގީ،" އޭނާ ބުންޏެވެ.
މުވައްޒަފުން ބުނި ގޮތުގައި އެ މީހުންނަށް ވަޒީފާ އިން ކަނޑައިލާނެ ކަމުގެ ބިރު ދައްކައި، އެންމެ ފަހުން ވަޒީފާ އިން ކަނޑާލީ ވެމްކޯގެ މަސައްކަތުގެ މާހައުލުގައި ހުރި ބައެއް ކަންކަމާ މެދު ތަކުރާރުކޮށް ޝަކުވާ ކުރާތީ އެވެ.
"ބްރޭކެއް ވެސް ނުދީ އަހަރެމެން ތާށިކޮށްލައިގެން އެބަ މަސައްކަތް ކުރުވާ. އިންސާނުން ލައްވައި މަސައްކަތް ކުރުވާ ކަމަށް ވަންޏާ ކުޑަމިނުން ކާލާނެ ވަގުތުކޮޅެއް ވެސް ދޭން ވާނެ،" މުވައްޒަފަކު ބުންޏެވެ.
ވަޒީފާ އިން ކަނޑާލި މުވައްޒަފުން ބުނީ ރޯދަ މަސް ބޯމަތިވެފައި އޮއްވައި ވެމްކޯ އިން އެ މީހުން ހާލުގައި ޖައްސައިލީ ކަމަށެވެ.
"މި މައްސަލާގައި އަހަރެމެން ވަޒީފާއާ ބެހޭ ޓްރިބިއުނަލް އަށް ވެސް ދާނަން. ވަޒީފާ އިން ވަކިކޮށްލި އިރު މިދިޔަ މަހުގެ މުސާރައެއް ވެސް ނުލިބޭ،" މުވައްޒަފަކު ބުންޏެވެ. "މެނޭޖްމަންޓުން ހަގީގަތުގައި ބައެއް މުވައްޒަފުންނާ ދޭތެރޭ ވަރަށް ދެރަކޮށް ކަންތައް ކުރަނީ. މިއީ ސިޔާސީ ފިކުރު ތަފާތުވެގެން ކުރާ ކަމެއް ކަމަށް ބޮޑަަށް ގަބޫލު ކުރެވެނީ."
އެނގިފައިވާ ގޮތުގައި މުވައްޒަފުންތަކެއް ކަނޑައިލި އިރު، ބައެއް ކަންކަމާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް މުވައްޒަފުންތަކެއް ސަސްޕެންްޝަނެއްގައި ވެސް އެބަ ތިއްބެވެ. އަދި ވެމްކޯ އިން ކަންތައް ކުރާ ގޮތާ ހިތްހަމަނުޖެހިގެން މުވައްޒަފުންތަކެއް ވަޒީފާ އިން ވަކި ވެސް ވެފައިވެ އެވެ.
މިކަމާ ބެހޭ ގޮތުން ވެމްކޯގެ ބަހެއް ހޯދަން މިއަދު ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ