(އެޕްރީލް 21، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
އަނެއްކާ ވެސް ލޯ ފެހެލުމަށް ފަހު ސާރާ ފޮޓޯ ނަގައި އޭނާގެ ތުންފަތުގައި ޖައްސާލި އެވެ. އަދި ލަވަ ކިޔަން ފެށި އެވެ.
"ބޮޑުދައިތަ ނެތުމުގެ ހިތާމަ މިއަދު ސާރާ ކުރަމެވެ.
އަހަރެން ގެ ކޮންމެ ބޮޑު ދުވަހެއްގައި ބޮޑުދައިތަ އަހަރެންނާ އެކު ވި އެވެ.
އެކަމަކު މިއަދު ތިހިރީ ހާދަ ދުރުގަ އެވެ.
ބޮޑުދައިތަގެ އިނގިލީގައި ހިފައިގެން އަހަރެން ހިގަން ދަސްކުރީމެވެ.
އެކަމަކު ބޮޑުދައިތަ ތި ދިޔައީ އަހަރެން އެކަނި ކޮށްލާފަ އެވެ.
މިއަދު ވެސް އަހަރެން ބޮޑު ދައިތަ ބޭނުމެވެ.
ބޮޑުދައިތަ ކައިރީވާ ހިނދު އަހަރެންނަށް އެއްވެސް ކަމެއް އުންޏެއް ނޫނެވެ.
މިއަދު ހުރިހާ އެއްޗެއް ލިބެން އުޅުނީމާ ވެސް އަހަރެންނަށް އުނިކަން އިހްސާސް ކުރެ ވެ އެވެ.
މިއަދަކީ އަހަރެންގެ ހަޔާތުގެ އުފާވެރި އެއް ދުވަހެކެވެ.
އެކަމަކު ހަގީގީ އުފާ އަހަރެންނާ ވަނީ ހާދަ ދުރުގަ އެވެ.
މިއަދުވެސް އަހަރެންގެ ހިތް އެދެނީ ބޮޑުދައިތަގެ ކޮނޑުގައި ބޯ އަޅާލައުި ހިތްހަމަޖެހޭ ވަރަށް ރޯލާށެވެ. އެހެނަސް އެހެން ވެސް ހެދޭކަށް ނެތެވެ."
ސާރާ އަނެއްކާ ވެސް ކަރުނަ ފޮހެލި އެވެ. ސާރާގެ ލަވައިގެ އަޑު އެހުމަށް އެކޮޓަރީ ބޭރުގައި ހުސްނާމެން ތިއްބެވެ. އެތައް ފަހަރަކު ހުސްނާ ދޮރުހުޅުވަން އުޅުނެވެ، ކޮންމެ ފަހަރަކު ވެސް ކަރީމު ހުސްނާ ހުއްޓުވާލަ އެވެ. އަނެއްކާވެސް ސާރާ ލަވަ ފެށި އެވެ.
"މިއަދު އަހަރެންނަށް އުފާވެރިކަން ލިބިއްޖެ އެވެ.
މާދަމާގެ އުއްމީދު އާ ވެއްޖެ އެވެ. ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޯ އެވެ.
މިއަޅާގެ މައިންބަފައިންގެ އުފާވެރިކަން ދިގު ކުރައްވާށި އެވެ."
އޭނާ އާހަކާ އެކު ސޫރަޖް މަތިން ވެސް ހަނދާން ކުރި އެވެ. މިއަދު ސޫރަޖް ހުރި ނަމަ އޭނާ ހާދަ އުފާވާނެ އެވެ. ސޫރަޖް ހުންނަ ގޮތާ މެދު ވިސްނަން ފެށި އެވެ. އޭނާ ނެތި އަހަރެންގެ އުފާވެރިކަމުގައި އެއްވެސް ކަހަލަ މީރު ކަމެއް ނެތެވެ.
"ސާރާ އެވެ. އަހަރެން އެބަހުރީމެވެ." ސާރާ ޔަށް ހީވީ ސިއްރު ސިއްރުން ސޫރަޖް އޭނާ ގެ ކަންފަތްދޮށުގައި އެއްޗެއް ބުނެލި ހެންނެވެ. ސާރާ ހިނިތުންވެލި އެވެ. އަދި މަޑުމަޑުން އޮށޯތެވެ.
މާދަމާގެ ފޮނި އިންތިޒާރުގަ އެވެ. ހުސްނާ ވެސް އެހެން މީހުންވެސް އެ މީހެއްގެ މަސަތްކަތާއިގެން އެނބުރި ދިޔައީ އެވެ.
އާ ދުވަހަކަށް އިރު އެރި އެވެ. އާއެނކެވެ. މި ދުވަހަކީ ނަސީބުގޭ އާއިލާގެ ކޮންމެ މެންބަރަކަށް ތަފާތު ދުވަހަކަށް ވާނެކަން ކަށަވަރެވެ.
ގޭގެ ކޮންމެ މީހަކު ވެސް ވަރަށް ފުރިހަމަ ކަމާ އެކު ތައްޔާރުވި އެވެ. ސާރާ އާ އެކު ހޮސްޕިޓަލަށް ދާށެވެ. ހުރިހާ އެންމެންނަށް ވުރެ ސާރާގެ ހާލު ބޮޑެވެ. އޭނާ ގެންގުޅޭ އެއްޗެތި އަލަމާރިއަށް ލައި ރައްކާ ކުރި އެވެ. އަދި ވަރަށް ފުރިހަމަ އަށް ތައްޔާރުވި އެވެ.
ސާރާ އަށް ތައްޔާރުވުމުގައި ފަޒުނާ ވަރަށް އެހީވި އެވެ. މަޑު ފެހިކުލައިގެ ޖަރީކޮށްފައިވާ ކުރުތާއަކާ ހުދުކުލައިގެ ބެލްސެއް ލައިގެން މަޑުފެހިކުލައިގެ ބުރުގާއެއް އަޅާލައިގެން ހުރި ސާރާ ހީވަނީ ފުރިހަމަ ހަނދެއް ހެންނެވެ. ނޫނީ ބަގީޗާއެއްގެ ތެރޭ ފޮޅިފައިވާ ފެހިކުލައިގެ މަލެއް ހެނެވެ.
ސާރާ އާންމު ގޮތެއްގައި ހެދުން އެޅުމުގައި ވަރަށް ފާޑުވެރި އެވެ. ކޮންމެ ހެދުމަކާ އެކު ވަރަށް ފާޑުވެރިކޮށް ބުރުގާ އަޅާފައި ހުރެ އެވެ.
ހުސްނާ ވެސް ހަމަ އެހާ ފާޑުވެރިކޮށް ތައްޔާރުވެލި އެވެ. ރަތް ކުލައިގެ މާތަކެއް ޖަހާފައިވާ ޕާކިސްތާނު ހެދުމެއް ލާފައި ކަޅުކުލައިގެ ބުރުގާއެއް އަޅާލާފަ ހުރި އިރު ނަލަވެފައި އެހާމެ ރީއްޗެވެ. ސާރާ ކާރީ ހުންނަ އިރު ހުސްނާ ހީވަނީ ސާރާގެ އެއްބަޑު އެއްބަފާ ދައްތައެއްހެނެވެ.
"މަންމާ…އަޅުގަނޑު އެބަ ހާސްވޭ. ހީވަނީ އެހެން ގޮތެއް ވާން އުޅޭހެން." ހޮސްޕިޓަލަށް ދާން ނިކުންނަމުން ހުއްޓިލާފައި ސާރާ ބުނެލި އެވެ. ހުސްނާ ސާރާގެ ބޮލުގައި ފިރުމާލި އެވެ.
"ދަރިފުޅާ…މިހާރު އުފާ ކުރަން ޖެހޭނެ. އިރާދަކުރެއްވީޔާ ހުރިހާ ކަމެއް ވެސް ދާނީ ރަނގަޅަށް." ހުސްނާ އޭނާގެ ހާސްކަން ފޮރުވަން މަސައްކަތް ކުރަމުން ބުނެލި އެވެ.
"ދަރިފުޅާ…ﷲ ދަރިފުޅާ އެކު ހުރިހާ ވަގުތެއްގައި ވެސް ވާނެ. ހިތްވަރު ކުރޭ. އިރާދަކުރެއްވީޔާ ބައްޕަގެ ސާރާ ދެން ގެއަށް އަންނާނީ ލޮލުގެ ފެނުން ލިބިގެން އެކަނި ހިނގާފައި." ކަރީމުވެސް ސާރާ އަށް ހިތްވަރު ދެމެން ބޮލުގައި ފިރުމާލި އެވެ.
"ސާރާ…ދެން ލޯ ރަނގަޅުވެގެން ގެ އަށް އައިސް މަގޭ އެއްވެސް އެއްޗަކާ ބެހިގެން ނުވާނެ." މުރާދު ހިނިތުން ވެލަމުން ސާރާ އަށް ޖެއްސުންކޮށްލި އެވެ.
"މަންމާ…ބަލާބަލަ އަޅެ…ބޭބެ އަޅުގަނޑުގެ ލޯ ރަނގަޅުވެދާނެތީ ބިރުގަންނަނީ." ސާރާ މަންމަގެ މޭގައި ލައްވެލަމުން ބުނެލި އެވެ.
"މުރާދޫ…" ހުސްނާ ހިމޭނުން ހުރުމަށް މުރާދަށް އިޝާރާތް ކުރި އެވެ.
"އޯކޭ މި ފަހާލީ." މުރާދު އަނގަމަތީ ޒިބެއް ދަމާލިހެން އަޑު ގޮތްވާލާފައި އަތް ދަމާލި އެވެ. މިކަމާ އެންމެން ހޭން ފެށި އެވެ.
(ނުނިމޭ)