ޖަޕާނުގެ ގިފޫގައި މިމަހުގެ 7 ކުން 10 އަކަށް ބޭއްވުމަށް ހަމަޖެހިފައިވާ ޢެޝިއަން ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި އައްޑޫއަށް ނިސްބަތްވާ އަރަމުން އަންނަ އެތްލީޓް އައިޝަތު ހިމްނާ ހަސަން ވާދަކުރާގޮތަށް ނިންމައިފިއެވެ.
ޖަޕާންގައި އޮންނަ މުބާރާތުގައި ހިމްނާ ވާދަކުރަނީ 400 އަދި 200 މީޓަރު ދުވުމުގައެވެ. ހިމްނާވަނީ މިމަހު ލަންކާގައި ކުރިއަށްދިޔަ ސައުތް އޭޝިއަން ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކޮށް 200 މީޓަރ ދުމުވުގެ ފުރަތަމަ ހީޓުން 3 ވަނަ ނަގައި ފައިނަލަށް ދަތުރުކޮށް އޭނާގެ ރެކޯޑް އާކޮށްފައެވެ. އަދި ހީޓަކާއި ނުލައި 400 މީޓަރ ދުވުމުގެ ފައިނަލްގައި ދުވެ އޭނާ ވަނީ އަމިއްލަ ރެކޯޑް އާކޮށްފައެވެ.
އައްޑޫ ހައިސްކޫލްގެ ގްރޭޑް 11ގައި ކިޔަވަމުންދާ ހިމްނާއަކީ ފާއިތުވި އަހަރުތަކުގައި ބޭއްވުނު ސްކޫލް ގިނަމުބާރާތްތަކުން އެންމެ މޮޅު އަންހެން އެތްލީޓްގެ މަގާމު ހޯދާފައިވާ ދުވުންތެރިއެކެވެ. އެގޮތުން އެންމެ ފަހުން ކުޅުއްދުއްފުށީގައި ބޭއއްވި މަކިޓާ މުބާރާތުގައި ވާދަކޮށް ބެސްޓް އޯލް ރައުންޑް އެތްލީޓް، އުމުރުފުރާއިން އެންމެ މޮޅު އެތްލީޓް އަދި ވަކި ވަކި އިވެންޓްތަކުން 3 ރަން މެޑަލް ހޯދާފައެވެ.
ޖަޕާންގައި ބާއްވާ މުބާރާތުގައި ހިމްނާއާއި އެކު ދެން ބައިވެރިވަނީ ރާއްޖޭގެ 400 މީޓަރ ދުވުމުގެ ޖޫނިއަރ ރެކޯޑް 3 ފަހަރެއްގެ މަތިން އާކޮށްފައިވާ މުހައްމަދު ނާއިލްއެވެ. އަދި ކޯޗެއްގެ ހައިސިއްޔަތުން މިދުވުންތެރިންނާއެކު ބައިވަރިވަނީ ހުސައިން ހަލީމެވެ.