Last Updated: November 25, 14:49
Monday, November 25, 2024
ވިޔަފާރި

ދިރާގު މަރަދޫފޭދޫ އޮފީސް ވިއްކައެއް ނުލެވޭނެ!

ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ދިރާގުން ސ. މަރަދޫފޭދޫގައި ގާއިމުކޮށްފައިވާ ކަސްޓަމާ ފްރޮންޓް އޮފީސް އިމާރާތް ވިއްކާލަން ދިރާގުން މަސައްކަތް ކުރި ނަމަވެސް ދިރާގަށް އެ އިމާރާތް ވިއްކައެއް ނުލެވޭނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

މަރަދޫ ދާއިރާގެ ކައުންސިލަރު އަބްދުﷲ ތޮއްޔިބް (ޓޮމް) ވިދާޅުވީ އެ އިމާރާތަކީ ދިރާގުން ހަދާފައި ހުރި އިމާރާތެއް ނަމަވެސް، ދިރާގުގެ ހިދުމަތް ނޫން އެހެން ހިދުމަތެއް ދިނުމަށް އިމާރާތް ވިއްކާ ނުލެވޭނެ ކަމަށެވެ.

މަރަދޫފޭދޫގައި ހުރި ދިރާގުގެ ކަސްޓަމާ ފްރޮންޓް އޮފީސް ވިއްކާލަން އެ ކުންފުނިން ބިޑަށް ހުޅުވާލީ މި މަހުގެ ކުރީކޮޅު އެވެ.

"ދިރާގުން އެތަން އެެހެން ފަރާތަކަށް ވިއްކައެއް ނުލެވޭނެ. އެކަން އޮންނާނެ އެގްރިމަންޓްގައި ވެސް ބުނެފައި. އެހެންވީމާ ދިރާގުުން އެތަން ދޫކޮށްލާ ނަމަ އެތަން ހަވާލު ކުރަން ޖެހޭނީ ކައުންސިލާ،" ޓޮމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިކަމާ ގުޅިގެން ދިރާގާ މަޝްވަރާ ވެސް ކުރި ކަމަށެވެ. އަދި އިތުރު މަޝްވަރާއަކަށް ދާން ނިންމާފައިވާ ކަމަށް ވެސް ޓޮމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އައްޑޫގައި އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބްރާންޗެއް ހެދުމަށް ނިންމާފައިވާތީ އެ ބޭންކުން ވެސް، ދިރާގު މަރަދޫފޭދޫ އިމާރާތަށް ބިޑް ހުށަަހަޅާފައިވާ ކަމަށެވެ.

"އެކަން އެގޮތަށް ގޮސްފައި ވަނިކޮށް އެމްއައިބީ އަށް މިކަމާ ބެހޭ މައުލޫމާތު ލިބިގެން ކައުންސިލާ އެކު އިއްޔެ މީޓިންއެއް ވެސް ބޭއްވި. ކައުންސިލުން ބުނެފައި ވާނެ އެ އިމާރާތަކީ ކައުންސިލްގެ ދަށަށް އަންނަން ޖެހޭނެ އިމާރާތެއް ކަމަށާއި ދިރާގަށް އެތަން ވިއްކާ ނުލެވޭނެ ކަމަށް،" ޓޮމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އެމްއައިބީން އޮތީ އެކަށީގެންވާ އިމާރާތެއް ލިބިއްޖެ ނަމަ މިހާރުން މިހާރަށް ވެސް ހިދުމަތް ފަށައި ގަންނަން ތައްޔާރަށް. އެހެންވެ ދިރާގު މަރަދޫފޭދޫ ފްރޮންޓް އޮފީސް އިމާރާތަކީ މިކަމަށް ވަރަށް އެކަށޭނެ ތަނެއް ކަމަށް ކައުންސިލުން ދެކެނީ." ޓޮމް ވިދާޅުވި އެވެ.

އޭނާާ ވިދާޅުވީ ކުރިން ވާހަކަ ދެކެވުނީ އެމްއައިބީގެ އައްޑޫ ބްރާންޗް ހިތަދޫގައި ބޮޑު މަގުގައި އެސްޓީއޯ އިން ކުރިން ސްޕަމާޓް ހިންގި އިމާރާތުގައި ހުޅުވަން ކަމަށެވެ.

"ނަމަވެސް އެތަނުގައި މިކަން ކުރަން ވެއްޖިއްޔާ އަދި ފުދޭ ވަރަކަށް ދުވަސް ނަގާނެ. އަނެއްކާ އެތަން އެމްއައިބީން ބޭނުންވާ ފެންވަރަށް ބަދަލު ކުރަން ވެސް ހަތަރެއް ނުވަތަ ފަސް ލައްކަ ރުފިޔާ ހަރަދު ވާނެ ކަމަށް އަންދާޒާ ކުރެވިފައި ވަނީ." ޓޮމް ވިދާޅުވި އެވެ.

ދިރާގު މަރަދޫފޭދޫ ފްރޮންޓް އޮފީސް ވިއްކާލުމާ ބެހޭ ގޮތުން ކައުންސިލުން ދެއްކި ވާހަކަތަކާ ގުޅިގެން ދިރާގުގެ ބަހެެއް ހޯދުމަށް އެ ކުންފުނީގެ މެނޭޖަ މާކެޓިން އެންޑް ޕީއާރު އެކްޒެކެޓިވް އިބްރާހިމް އިމްޖާދު ޖަލީލަށް ގުޅުމުން ވިދާޅުވީ އެކަމާ ބެހޭ ގޮތުން އެއްޗެއް ވިދާޅުވާން އެނގޭނީ ކުންފުނީގެ އިސްވެރިންނާ މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.