ފުޅާ ދާއިރާއެއްގައި ގޭހުގެ ވިޔަފާރިކުރާ މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުން ވިއްކާ 10 ކިލޯގެ ގޭސްފުޅިން 50 ރުފިޔާ ހެޔޮކުރުމަށް އެ ކުންފުނިން ނިންމައިފި އެވެ.
އެ ކުންފުނިން މަޢުލޫމާތު ދޭ ގޮތުގައި ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހާއި ގުޅިގެން ހިންގާ މި ޕްރޮމޯޝަން މެއި މަހުގ 16 ވަނަ ދުވަހުން ވެށިގެން އެއް މަސް ދުވަހުގެ މުއްތަދަށް ކުރިއަށްދާނެ ކަމަށެވެ.
އެ މުއްދަތުގެ ތެރޭގައި އެ ކުންފުނިން ވިއްކާ 10 ކިލޯގެ ގޭސް ފުޅިއަކުން 50ރ. ހެޔޮކޮށް، 10 ކިލޯގެ ގޭސްފުޅިއެއް 150ރ. އަށް ލިބޭނެ އެވެ.
މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން ވިދާޅުވީ ގޭހުގެ އަގު ރޯދަ މަހާ ދިމާކޮށް ހެޔޮކުރަން ނިންމީ އެ މަހުގައި ގޭހުގެ ޑިމާންޑު ބޮޑުވާތީ ކަމަށެވެ.
އަދި މާލޭގެ އިތުރުން ރަށްރަށުގައި ވެސް އެޖެންޓުން މެދުވެރިކޮށް ގޭސް ގަންނަން ލިބޭ އަގުން 50ރ. ކުޑަވާނެ ކަމަށް ވެސް މޯލްޑިވް ގޭހުން ބުނެއެވެ.