މިއަދު މެންދުރު ސ. ގަމުން މާލެ އަށް ޝެޑިއުލްކޮށްފައި އޮތް މޯލްޑިވިއަންގެ މަތިންދާ ބޯޓަކަށް ދިމާވި މައްސަލަކާ ގުޅިގެން އެ ބޯޓުން ފުރަން ތިބި މީހުން އެހެން ބޯޓެއްގައި ފުރުވާލައި، ބޯޓް ގަން އެއާޕޯޓްގައި ގްރައުންޑްކޮށްފި އެވެ.
ގަން އެއާޕޯޓް ހިންގާ އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް (އޭއައިއޭ) ގެ އޮފިޝަލަކު ވިދާޅުވީ ޓެކްނިކަލް މައްސަލައެއް ދިމާވީ މެންދުރު 12:45 އެހާކަށްހާ އިރު އޮތް ފްލައިޓަށް ކަމަށެވެ.
އެހެން ނަމަވެސް ބޯޓަށް ދިމާވީ ސީދާ ކޮން މައްސަލައެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
"ދެން ކާޑެއްދޫން މިކޮޅަށް އައި ބޯޓަކުން މައްސަލަ ޖެހުނު ބޯޓުން ފުރަން ތިބި މީހުން މާލެ ފުރުވާލީ،" އޭނާ ވިދާޅުވި އެވެ. "ބޯޓަށް ދިމާވީ ސީދާ ކޮން މައްސަލައެއް ކަމާއި މަރާމާތު ކުރުމުގެ މަސައްކަތް ކުރާނީ މާލޭން މޯލްޑިވިއަންގެ ޓެކްނިކަލް ޓީމެއް އައިސްގެން."