Last Updated: November 26, 17:50
Tuesday, November 26, 2024
ރިޕޯޓް

ރޯދަމަހު ވެސް ކަރަންޓް ނުކެނޑޭނެކަމުގެ އުއްމީދު ކުޑަ

އައްޑޫގެ އަވަށްތަކުން ކަރަންޓުގެ ކެނޑޭ މައްސަލަ ހައްލުކުރުމަށް އާ ޖަނެރޭޓަރުތަކެއް އިންސްޓޯލްކުރިތާ ގިނަ ދުވަސްތަކެއް ވެގެން ދިޔައިރުވެސް މައްސަލަ ހައްލުވާ ތަނެއް ނުފެނެއެވެ. ފެނަކައިން ގެންދަނީ ނޯޓިސް ދިނުމަށް ފަހު އާއި އަދި ނޯޓިހަކާއި ނުލައި ވެސް ކަރަންޓުގެ ޚިދުމަތް މެދުކަނޑާލަމުންނެވެ. ބައެއް ފަހަރަށް ލޯޑު މަތިވެގެން "އިންޖީނުގެއަށް ނުކަތައިގެން" ވެސް ކަރަންޓު ކަނޑާލައެވެ.

ފެނަކަ އައްޑޫ އޮފީހުން ބުނާ ގޮތުގައި ކަރަންޓުގެ ކެނޑޭ މައްސަލަ ހައްލުކުރުމަށް އެ ތަނުން ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ ރައްޔިތުން އަހާ ސުވާލަކީ މިއެވެ. ރޯދަމަހު ވެސް އިރުއިރުކޮޅާ ކަރަންޓު ކެނޑޭނެ ހެއްޔެވެ؟

ރޯދަ މަސް ފެށެން ދެތިން ދުވަހަށް ވެފައިވާއިރު، ފެނަކައިން މިހާތަނަށް އެއްވެސް ގޭ ބިސީއަކަށް ކަރަންޓު ކަނޑާލަން ޖެހިދާނެކަން އެންގުމަށް ނޯޓިހެއް ނުފޮނުވައެވެ. އެހެން ނަމަވެސް ރޯދަމަހުގެ ދުވާލު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެ ކަމަށް ލަފާކުރެވޭއިރު އޭގެ ސަބަބުން އިންޖީނުގެއަށް ލޯޑު މަތިވާނެއެވެ.

އެހެން ކަމަށް ވެއްޖެ ނަމަ، ރޯދަމަހުގެ ދުވާލުގެ ވަގުތުތަކުގައި އިންޖީނުގެއަށް ލޯޑް މަތިވެ ކަރަންޓު ކަނޑާލަން ޖެހުމުގެ ފުރުސަތު ބޮޑެވެ.

ފެނަކަ ކޯޕަރޭޝަނުގެ އައްޑޫ ބްރާންޗްގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމަށް ފެނަކައިން ދަނީ މެދުކެނޑުމެއް ނެތި ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އެހެން ނަމަވެސް ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، 1997 ވަނަ އަހަރު ޖަޕާނު ސަރުކާރުން އޭރު އައްޑޫގައި ކަރަންޓު ބޭނުންކުރާ މިންވަރަށް ބަލައިގެން އަޅާފައިވާ "ހިމަ ކޭބަލް" ތައް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިދަނީ ކޭބަލްތަކާއި ޓްރާންސްފޯމަރުތައް އަޕްގްރޭޑް ކުރަމުން، އިރާދަކުރެއްވިޔާ ރޯދައަށް މަސައްކަތް ނިމޭނެ. އެހެންވެ ކަރަންޓުގެ މައްސަލަ ހައްލުވާނެ ކަމަށް މިބަލަނީ." އޮފިޝަލް ވިދާޅުވިއެވެ.

މިފަދަ ވާހަކަތައް ފެނަކައިން ތަކުރާރު ކުރަމުން ގެންދާތާ އެތައް އަހަރެއް ވެއްޖެއެވެ. އެންމެ ފުރަތަމަ ފެނަކައިން ބުނީ، އާ ޖަނެރޭޓަރުތައް ގެނައުމާއި އެކު މައްސަލަ ހައްލުވާނެ ކަމަށެވެ. އެހެން ނަމަވެސް އެ ޖަނެރޭޓަރުތައް ގެނައުމަށް ފަހު ވެސް މައްސަލަ ހައްލުވާ ތަނެއް ނުފެނެއެވެ. އެހެންވެ ރޯދަ އާއި ކުރިމަތިލާއިރު ވެސް އިރުއިރުކޮޅާ ކަރަންޓު ނުކުނޑޭނެ ކަމުގެ އުއްމީދު ކުޑައެވެ.