ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ އަތުލިއުމުގެ ސާމްޕަލް ނަގަން ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފި އެވެ.
މާދަމާ ފުލުސް އޮފީހަށް ހާޒިރުުވުމަށް ޔުމްނާއަށް އަންގާފައިވާއިރު އިއްޔެވެސް އޭނާ ފުލުހަށް ހާޒިރުކުރިއެވެ. އެއީ ބޮޑުބޭބޭފުޅު، ރައީސް ޔާމީންގެ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޔުމްނާގެ އަތުލިއުމެއް ބޭނުންވެގެން ފުލުހުން ވަނީ އިއްޔެ އެކަން އަންގާފައެވެ. އެހެން ނަމަވެސް ކޯޓު އަމުރެއް ނެތި އަތު ލިޔުން ދޭން ޔުމްނާ ވަނީ އިންކާރު ކުރައްވައިފަ އެވެ.
ރައީސް ޔާމީން ވެރިކަން ވައްޓާލުމުގެ ތުހުމަތު ޔުމްނާއަށް ކުރާއިރު ހަމަ އެތުހުމަތުގައި އޭނާގެ ބައްޕާފުޅު މައުމޫނާއި ކޮއްކޯފުޅު އަހުމަދު ފާރިސް މައުމޫން އަދި ފިރިކަލުން މުހައްމަދު ނަދީމް ވެސް ވަނީ ޖަލުގައި ބަންދުކޮށްފަ އެވެ.
ފުލުހުން ކުރާ ތުހުމަތުތަކާއި ގުޅިގެން ޔުމްނާ ވިދާޅުވެފައި ވަނީ އޭނާގެ މައްޗަށް ކުރަނީ އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެއް ކަމަށެވެ.