(އެޕްރީލް 22، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
ހުސްނާމެންނަށް ހޮސްޕިޓަލަށް ދެވުނު އިރު ފަޒުނާ ހުރިހާ ކަމެއް ހަމަޖައްސައިގެން ސާރާމެންގެ އިންތިޒާރުގައި ހުއްޓެވެ.
ސާރާ ޑޮކްޓަރު ބައްލަވާ ކޮޓަރިއަށް ވެއްދި އެވެ.
ޑޮކްޓަރު އަނޫޕަމް ތަރުޖަމާ ކުރާ ކުއްޖާގެ އެހީގައި ވާހަކަ ދައްކަން ފެށި އެވެ.
"މިއަދު ސާރާ ހޮސްޕިޓަލުގައި އެޑްމިޓްކުރުމަށް ފަހު އޮޕަރޭޝަން ކުރާނީ މާދަމާ ހެނދުނު. މިރޭ ދިހެއްގެ ފަހުން އެއްވެސް ހަރު ކާ އެއްޗެއް ސާރާ އަށް ދީގެން ނުވާނެ." ތަރުޖަމާ ކުރާ އަންހެން ކުއްޖާ ޑޮކްޓަރު ބުނި ގޮތަށް ކަރީމުމެން ކައިރީ ކިޔައި ދިނެވެ.
"ޑޮކްޓަރު…އަޅުގަނޑުމެންނަށް މިފަދަ އެހީއެއް ވެ ދެއްވި ބޭފުޅަކީ ކާކުތޯ؟ ބުނުއްވަ ބައްލަވާ." ކަރީމު ޑޮކްޓަރު ކައިރިން ސުވާލު ކުރި އެވެ. އެވަގުތު ތަރުޖަމާ ކުރާ ކުއްޖާ ޑޮކްޓަރު ކައިރީ ކަރީމު ބުނި ވާހަކަ ބުނެދިނެވެ. ޑޮކްޓަރު ހިނިތުންވެލި އެވެ.
"ބައެއް ފަހަރު މީހުން އަނެކާ އަށް އެހީތެރި ވަނީ މަޝްހޫރު ވުމަށް. އެހެނަސް މިއީ އެހެން ކަހަލަ ކޭސްއެއް. މި ލޮލުގެ ވެރިޔާ އެދުނީ އޭނާގެ ނަން ހާމަ ނުކުރުމަށް. ހަމަ އެކަނި އެމީހާ އަށް ހެޔޮ ދުއާކޮށްދީ އަދި އިތުރަށް މިކަމާ ސުވާލު ނުކުރެއްވުން އެދެން."
ތަރުޖަމާ ކުއްޖާ ޑޮކްޓަރުގެ ވާހަކަ ކަރީމު ކައިރީ ބުނެ ދިނެވެ. ނަން ނޭގުނީއްޔާ ވާނީ ކީއް ހެއްޔެވެ. އަބަދުވެސް ކަރީމުމެން އެ މީހާ އަށް ހެޔޮ ދުއާ ކުރާނެ އެވެ.
ސާރާ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިއްޖެ އެވެ. ކަރީމު އާއި ހުސްނާ ފިޔަވައި އެހެން މީހުން ސާރާ އާ ސަލާންކޮށްލުމަށް ފަހު ގެއަށް ދިޔައީ އެވެ. ސާރާ އިންނަނީ ހިސާބަށް ވުރެ ބޮޑަށް ހިމޭންވެފަ އެވެ.
"ދަރިފުޅާ…ތި އިންނަނީ ބިރުން ދޯ؟ މިއީ މިހާރު މާ ބޮޑު ކަމެއް ނޫން…ޑޮކްޓަރު ބުނުއްވި ގޮތުން ވެއްޖިއްޔާ ހަފްތާއެއްގެ ތެރޭ ދަރިފުޅު ގެއަށް ދެވޭ ވަރުވާނެ. އަދި އެވެސް މުޅިން ރަނގަޅު ވެގެން." ހުސްނާ ސާރާ ގެ ކައިރީ އިށީނދެލަމުން ސާރާގެ އަތުގައި ހިފާލަމުން ބުނެލި އެވެ.
"ބައްޕަ އަންނާނަން ދަރިފުޅަށް ކުރުނބާ ގަނެގެން. ހުސްނާ ކާނެ އެއްޗެއް ގެންނާނެތަ؟" ކަރީމު ބޭރަށް ދާން ހިނގައި ގަންނަމުން ބުނެލި އެވެ.
"ކަރިމު…އެ މަންޖެ ވެސް ދިހައެއްގެ ފަހަކުން އެއްޗެއް ކާން ހުއްދައެއް ނެތް. އެހެންވެ ރަނގަޅު އެއްޗެއް ގެނޭ." ހުސްނާ ތެދުވެ ކަރީމު ކައިރި އަށް ޖެހިލަމުން ބުނެލި އެވެ.
"ނޫން…އަޅުގަނޑު ނުކާނަން. އެއްޗެއް ބޯލީމާ ރަނގަޅު ވާނެ ނޫން ތޯ." ސާރާ ފިސް އަޑަކުން ބުނެލިއެވެ.
ކޮންމެ ގޮތެއް ވިޔަސް ސާރާ އިންނަނީ ހާސް ވެފަ އެވެ. ވީމާ އެއްޗެއް ވަކި ކާނީ ވެސް ކިހިނަކުން ތޯ އެވެ؟ އަމުދުން ޑޮކްޓަރު އޭނާ އަށް އެހީތެރިވި މީހާގެ ނަން ނުބުނުމުން އޭނާ އެ އިނީ ދެރަވެފަ އެވެ.
ކަރީމު ދިޔުމުން ހުސްނާ އަނެއްކާ ވެސް ސާރާ ކައިރި އަށް ދިޔަ އެވެ.
"ދަރިފުޅާ…ދެން އޮށޯވޭ."
"މަންމާ…އަޅުގަނޑަށް ލޯ ހަދިޔާ ކުރެއްވީ ކާކުބާ؟ އިންޑިޔާ މީހުން ހާދަ ހިތްހެވޭ ދޯ؟ މަންމަ ގެ ހިތް ބުނަނީ ކީކޭތޯ؟" ސާރާ ވިސްނުމެއްގެތެރޭ އިނދެ ބުނެލި އެވެ.
"މަންމަ އަށް ވެސް ހަމަ ވިސްނާކަށް ވެސް ނޭނގިފައި މި ހުންނަނީ. ކޮންމެޔަކަސް އެއީ ވަރަށް މާތް މީހެއް." ހުސްނާ ވެސް ސާރާ އާ ބައިވެރިވެލި އެވެ.
"މަންމާ…އަޅުގަނޑުގެ ޒަމީރު މި ލޯ ބޭނުން ކުރާކަށް ވެސް އަޅުގަނޑާ އެއްބަހެއް ނުވޭ. ކޮންމެވެސް މީހެއްގެ ދުނިޔެ އަނދިރިކޮށްފައި އަޅުގަނޑުގެ ދުނިޔެ އުޖާލާ ކުރަން އަޅުގަނޑު ލަދު ގަނޭ. ބިރު ގަނޭ. އިންތިހާ އަށް ދެރަވެސް ވޭ. މަންމާ… އަޅުގަނޑު ކަންބޮޑުވޭ." ސާރާ ރޯން ފެށި އެވެ. ހުސްނާ ހާސްވި އެވެ.
"ދަރިފުޅާ…ހުއްޓާލާ. މީހަކު މާތް ﷲ އަށްޓަކައި ދަރިފުޅަށް އޯގާތެރިވީ ނޫންތޯ؟ އާންމު ގޮތެއްގައި އެތަނުގައި އެހެން ހަދިޔާ ކުރަނީ މަރުވަމުންދާ މީހުންގެ ލޯ. މަންމަ ކައިރީ އާފިޔާއްތަ ވަރަށް ތަފްސީލުކޮށް މިކަންތަކުގެ ވާހަކަ ރޭގައި ކިޔައި ދިން. މީހާ މަރުވާ ފަހުން ވެސް އެ މީހާގެ ލޯ ބޭނުންކޮށްގެން އެހެން މީހަކަށް ލޮލުގެ ފެނުން ލިބި ދާނެ. އެގޮތުން އެ މީހާގެ ލޯ އަބަދު ވެސް ދުނިޔޭގައި ހުރޭ." ހުސްނާ ސާރާ އެނދުގައި ބާއްވާލަ ދިނެވެ.
ސާރާ ވެސް ދެން އިތުރަށް ވާހަކަ ނުދައްކައި ހިމޭނުން އޮތެވެ. އޭނާގެ ހިތަށް އަރަ އެވެ. ސޫރަޖް ހުރި ނަމަ ކިހާ ރަނގަޅު ހެއްޔެވެ؟ ސޫރަޖް އާއި މަރިޔަންފުޅު ވަނީ އޭނާގެ ހަޔާތުގެ އެތައް މަރުހަލާއެއް އޭނާ އަށް ކަނޑައްތުކޮށް ދީފަ އެވެ. ނަމަވެސް މިއަދު އެ ދެ މީހުން ވެސް ވަނީ އޭނާ އާ އިންތިހާ އަށް ދުރުގައެވެ.
ސޫރަޖް ވީނުވީ ތަނެއް ނޭނގި ގެއްލުނީ އެވެ. މަރިޔަންފުޅު ނިޔާވީ އެވެ. އެ ދެ މީހުން ފެނުމުގެ ނަސީބެއް ވެސް އޭނާއަކަށް ނުލިބުނެވެ .ސާރާ ފުން ނޭވާއެއްލި އެވެ.
ޖެހިގެން އައި ދުވަހު ސާރާ އޮޕަރޭޝަން ތިއޭޓަރަށް ވެއްދި އެވެ. އެންމެ ފަހު ވަގުތު ވެސް ސާރާ އޭނާގެ މަންމަ އަތުގައި ބާރަށް ހިފެހެއްޓި އެވެ. ހަގީގަތުގައި ވެސް އޭނާ އީނި ވަރަށް ބިރުންނެވެ. އެހާމެ ހާސްވެފަ އެވެ.
(ނުނިމޭ)