Last Updated: November 25, 14:39
Monday, November 25, 2024
ކުޅިވަރު

ޝަކުވާތަކާ ހެދި މީދޫ ދަނޑުގެ މަސައްކަތް ހުއްޓުމަކަށް!

މީދޫ ދަނޑުގައި ބޭއްވި މުބާރާތެއްގައި ކުޅެނީ. ފޮޓޯ. ވީއޯއެމް

ސ. މީދޫ ފުޓްބޯޅަ ދަނޑުގައި ޓްރެކެއް އަޅައި މިހާރު އެ ދަނޑުގައި ޖަހާފައިވާ ލައިޓް ޕޯލްތަކާއި ލައިޓްތައް ބަދަލު ކުރުމަށް އައްޑު ސިޓީ ކައުންސިލް ބަޔަކާ ހަވާލުކޮށް އެ މަސައްކަތް ކުރުމަށް ނިންމާފައިވާ ގޮތާ މެދު ހިތްހަމަނުޖެހިގެން ރަށުގެ ޒުވާނުންތަކެއް ހިތްހަމަނުޖެހުން ފާޅު ކުރުމާ ގުޅިގެން އެ މަސައްކަތް މެދުކަނޑާލައިފި އެވެ.

"އަޅުގަނޑުމެން ބޭނުން ވަނީ ދަނޑުގައި ޗޭންޖިން ރޫމެއް ވެސް އަޅާ ގޮތަށް ދަނޑުގެ މަސައްކަތް ކުރަން. ކަމެއް ކޮށް ދިނީމޭ ބުނަން މިހާރު އެ މަސައްކަތް ކުރުވަން ހަމަޖައްސާފައިވާ ގޮތަށް އެކަން ކުރާކަށް ބޭނުމެއް ނޫން ރައްޔިތުންނެެއް،" މީދޫން ވާހަކަ ދެއްކި ޒުވާނަކު ބުންޏެވެ. "ޒުވާނަކު މީދޫ ދަނޑުގައި މީދޫ މީހުން އަމިއްލަ އަށް ޚަރަދުކޮށްގެން މިހާރު ޖަހާފައިވާ ލައިޓްތައް ދިއްލައިގެން ލައިޓްގެ އަލީގައި ކުޅުނު ފުރަތަމަ މެޗް ޝަރަފްވެރިކޮށް ދެއްވުމަށް ހުޅުމީދޫ ކައުންސިލަރު އަދި ޑިޕިއުޓީ މޭޔަރު ހަސަން ޝާހިދު ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ދަނޑުގެ ފަސްގަނޑު އެއްވަރުކޮށް ޓްރެކް އަޅައު މިހާރު ޖަހާފައިވާ ލައިޓްތަކަށް ވުރެ ރަނގަޅު ލައިޓްތައް ޖަހައި ޗޭންޖިން ރޫމެއް އަޅައިދީ ދަނޑު މަރާމާތުކޮށް ދޭނަމޭ ވިދާޅުވި ގޮތަށް އެމަސައްކަތް ކޮށް ދިނުމަށް ރައްޔިތުން ބޭނުން ވަނީ."

މިކަމާ ބެހޭ ގޮތުން ހުޅުމީދޫ އަވަށު ބޯޑްގެ ރައީސް އިބްރާހިމްދީދީ ވިދާޅުވީ ދަނޑުގައި ޗޭންޖިން ނަހަދައި ޓްރެކް އެޅުމަށް ހަމަޖެހިފައިވާ ގޮތާ ބެހޭ ގޮތުން މީދޫ ޒުވާނުން ހުށަހެޅި މައްސަލަ ސިޓީ ކައުންސިލަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ. އަދި މީދޫ ޒުވާނުން ބޭނުންވާ ގޮތަށް ދަނޑުގެ ކަންތައް ކޮށްދެއްވާނޭ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީދޫ ޒުވާނުން ދަނޑުގައި ޓްރެކް އެޅުމާ ބެހޭ ގޮތުން މީދޫ އޮފީހަށް ހުށަހެޅި ޝަކުވާތަކާ އިގުޅިގެން ޓްރެކް އެޅުމާއި ދަނޑުގައި ލައިޓް ޖެހުމުގެ މަސައްކަތް މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ.

އެނގިފައިވާ ގޮތުގައި މީދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތްކޮށް ދޭނެ ފަރާތެއް ހޯދުމަށް ސިޓީ ކައުންސިލުން ކުރި އިއުލާނާ ގުޅިގެން މައުލޫމާތު ސާފު ކުރުމަށް ދިޔަ ފަރާތްތަކަށް މައުލޫމާތު ދީފައިވަނީ މުޅި ދަނޑުގެ ފަސްގަނޑު ލެވެލްކުރުމަށް ފަހު ޓްރެކް އަޅައި ދަނޑުގައި ލައިޓް ޖެހުމަށެވެ.

އެހެންނަ މަވެސް މިހާރު އެ މަސައްކަތް ސިޓީ ކައުންސިލުން ހަވާލުކޮށްފައިވާ ފަރާތާ މަސައްކަތް ހަވާލްކޮށްފައި ވަނީ ހަމައެކަނި ޓްރެކް އަޅައި ދަނޑުގައި ލައިޓް ޖެހުމަށެވެ.