"ސުވާދީވް އާއި ހަވަރު ތިނަދޫ" އަދި "ހަނދާނާއި ތާރީޚަށްޓަކައި އަލްފާޟިލް އަލްމަރްހޫމް ޢަބްދުﷲ އަފީފް ދީދީގެ ހަޔާތްޕުޅުގެ ތެރެއިން" ގެ ނަމުގައި ހިތަދޫ ޢަބްދުﷲ ސޯދިގް ލިޔުއްވާފައިވާ ތާރީޚީ ދެ ފޮތް ރާއްޖެ ޓީވީއަށް ހަދިޔާކޮށްފި އެވެ.
ސޯދިގަކީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރ މުހައްމަދު އަސްލަމްގެ ބައްޕާފުޅެވެ. އޭނާގެ މި ފޮތްތައް ދާދި ފަހުން ވަނީ އައްޑޫ ސިޓީ ކައުންސިލަށް ވެސް ހަދިޔާކޮށްފަ އެވެ.
ސޯދިޤް ވިދާޅުވި ގޮތުގައި "ހަނދާނާއި ތާރީޚަށްޓަކައި އަލްފާޟިލް އަލްމަރްހޫމް ޢަބްދުﷲ އަފީފް ދީދީގެ ހަޔާތްޕުޅުގެ ތެރެއިން" މި ފޮތަކީ އަފީފްގެ ހަޔާތްޕުޅުގެ މައްޗަށް ބިނާކޮށް އޭނާގެ އޭރުގެ ފޮޓޯތަކާ އެކު ޝާއިއު ކުރި ފޮތެކެވެ.
"މިއީ ޒުވާނުންނަށް ޢަބްދުﷲ އަފީފާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމުގެ ބޭނުމުގައި ލިޔުނު ފޮތެއް" އޭނާ ވިދާޅުވި އެވެ.
ޞާދިޤް ވިދާޅުވީ "ސުވާދީވް އާއި ހަވަރު ތިނަދޫ" ފޮތަކީ ތާރީޚީ ގޮތުން ބަލާއިރު ސްވާދީވްއާ ބެހޭ މައުލޫމާތުތަކެއް ފޯރުކޮށް ދިނުން ކަމަށާއި ފޮތުގައި ބޮޑަށް ބަލާފައި ވާނީ ތިނަދު އަށް ކަމަށެވެ. އަދި ސުވާދީވް އުފެދުނު ގޮތާއި ތިނަދުއަށާއި އޭރުގެ ފޮޓޯތައް ވެސް ފޮތުގައި ހުންނާނެ ކަމަށް ވިދާޅުވި އެވެ.
"ސުވާދީވް އުފެދުނު ގޮތާއި ތިނަދު އަށް ވެގެންދިޔަގޮތް ވަރަށް ތަފްސީލްކޮށް ހުންނާނެ މިފޮތުގައި ގެނެސްދީފައި" ޞާދިޤް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި މިއީ ދެއަހަރެއްހާ ދުވަހުގެ މަސައްކަތް ކަމަށާއި އެ ފޮތް ޗާންދަލިޔާގެ ފިހާރަތަކުންނާއި ތިނަދޫން އަދި ހިތަދޫގެ ބުކްޝޮޕްތަކުން ލިބެން ހުންނާނެ އެވެ.
ޢަބްދުﷲ ޞާދިޤަކީ ރައްޔިތުންގެ މަޖިލީހުގެ އައްޑުއަތޮޅުގެ މެންބަރުކަމާއި މިހާރުގެ ކްރިމިނަލް ކޯޓު އޭރުގެ ކޯޓު ނަމްބަރު އެކެއްގެ ޤާޟީކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެޓަރނީ ޖެނެރަލްގެ އެހީތެރިޔާކަން ކުރައްވާފައިވާ ޞާދިޤް ސަރުކާރަށް ޚިދުމަތް ކުރައްވާތާ 38 އަހަރަށް ފަހު 2010 ގައި ރިޓަޔަރ ކުރެއްވިއިރު ހުންނެވީ ހައުސިންގ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައެވެ.