Last Updated: November 26, 16:25
Tuesday, November 26, 2024
ޚަބަރު

ވާދަ ނުކުރެވޭ ނަމަ ވަކި ސަރުކާރެއް އޮންނާނެ: ނަޝީދު

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ބޭނުންވާ ކެންޑިޑޭޓަކަށް ވާދަނުކުރެވިއްޖެ ނަމަ ރާއްޖޭގައި ވަކި ސަރުކާރެއް އޮންނާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ހުންނަވައި 'ރާއްޖެ ޓީވީ' އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ، ހަމައެކަނި ރައީސް އަބްދުﷲ ޔާމީނަށް ވާދަކުރެވޭ ގޮތަށް ބޭއިންސާފު އިންތިހާބެއް ބާވައިފިނަމަ، އުފެދޭ ސަރުކާރެއްގެ ސައްހަ ކަމެއް ނޯންނާނެ ކަމަށެވެ.

އަދި އެގޮތަށް އިންތިހާބު ބޭއްވި ގައުމުތަކުގައި ދެ ސަރުކާރު އުފެދިފައިވާ ކަމަށާއި އެގޮތަށް ކަންކަން ހިނގައްޖެނަމަ، ރާއްޖެ "ހަރާބު" ވާނެކަމަށާއި އެކަން ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ވާދަވެރި އިދިކޮޅު ފަރާތްތަކަށް ފުރިހަމަ ހައްގު ލިބިގެންވޭ، އެހެން ސަރުކާރެއް އެކުލަވާލަން. ވަރަށް ބޮޑަށް ވިސްނަވަންޖެހޭނެ. ސިޔާސީ ހަމަޖެހުމެއް ނުލިބޭނެ، އެމްޑީޕީގެ މެމްބަރުން ހިޔާރު ކުރާ ކެންޑިޑޭޓެއް، ނުހިމަނައި ރައީސް ޔާމީން ކުރިއަށް ގެންދަވައިފިނަމަ، ރާއްޖޭގައި ދެ ސަރުކާރު އޮންނާނެ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިހެން ވިދާޅުވެފައިވާއިރު އައްޑޫގައި ވަކި ދައުލަތެއް އުފެއްދުމަށް އެމަނިކުފާނު ކުރެއްވި މަޝްވަރާތަކެއްގެ އޯޑިއޯ ވެސް މީގެ ކުރިން ވަނީ ލީކުވެފައެވެ.