މިއީ އައްޑޫ ސިޓީ ކައުންސިލުން ޚަރަދުކޮށްގެން ހިތަދޫގެ ބޭރުމަތި ސަރަހައްދުގައި ހަދާފައިވާ ކުޑަކުދިންގެ ޕާކެކެވެ. މި ޕާކުގެ ފާރުތަކަށް ބަލާލުމުން ފެނުނީ ލޮލަށް އުނދަގޫވި މަންޒަރެކެވެ. ތަންކޮޅެއް ކައިރިއަށް ޖެހިލުމުން އެ ފާރުތަކުގެ އިތުރަށް ޕާކުގައި ހުރި ބައެއް ސާމާންތަކުގައި ވެސް އެކި ނަންތައް ލިޔެފައިވާކަން ފާހަގަކުރެވުނެވެ.
ޕާކުގެ ވަށައިގެން ރާނާފައިވާ ފާރުގައި އެތައް ނަމެއް ލިޔެފައި ހުއްޓެވެ. އެނަންތައް ލިޔެފައިވާ ގޮތަށް ބަލާއިރު ވާދަވެރިކަމުގެ ރޫހެއްގައި ކޮށްފައި ހުރި ކަމެއް ކަމުގައި ބެލެވެއެވެ. އެއީ ފާރުތަކުގައި ނަންތައް ލިޔެފައިވާއިރު، އެއް ނަމަށް ވުރެ މޮޅަށް ލިޔަން މަސައްކަތް ކޮށްފައިވާތީއެވެ.
ޕާކާއި ޖެހިގެން އޮތް ހުސް ބިމަކީ ޒުވާނުންތަކެއް ފުޓްބޯޅަ ކުޅެންދާ ދަނޑެއް އޮތުމުން އެތަނުގައި ކުރެހީ އެ ޒުވާނުން ކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ. އެހެން ނަމަވެސް އެއީ އެއްގޮތަކަށް ވެސް އެ ޒުވާނުންނާއި ގުޅުމެއް ނެތް ބަޔަކު ކުރިކަމަށް ވެސް ވެދާނެއެވެ.
ނުވަތަ ފާރުތަކަށް މިހެން ހަދާލީ ޒުވާނުންތަކެއްގެ މެދުގައި ބޭއްވި ގްރެފިޓީ މުބާރާތެއްގެ ތެރެއިން ކަމަށް ވެސް ވެދާނެއެވެ. އަދި ހަމައެހެންމެ މޮޅު ކަމެއް ކުރުމުގެ ނިޔަތުގައި ވިސްނާނުލައި ކުރެވުނު ކަމަކަށް ވެސް ވެދާނެއެވެ.
ކޮންމެ ނިޔަތެއްގައި ކުރި ނަމަވެސް، ކުޑަކުދިންގެ ޕާކެއްގެ ވަށައިގެން ރާނާފައި ހުރި ފާރެއްގައި ނަންލިޔެ "ގްރެފިޓީ އާޓް" ދައްކާލުމަކީ ކޫލް ކަމެއް ނޫނެވެ. އެއީ މޮޅު ކަމެއް ކަމަށް ހިތާ ކޮންމެ ބަޔަކު ކުރިޔަސް ކޮށްފައިވާ ވަރަށް ނާތަހުޒީބު އަމަލެކެވެ.
ހަމަގައިމުވެސް ކުޑަކުދިންގެ ޕާކުގެ ވަށައިގެން ހުރި ފާރުތަކުގައި ނަން ލިޔެ، އެތަނުގެ ބައެއް ތަކެތީގައި ވެސް ސްޕްރޭ ބޭނުންކޮށްގެން ކުރަހައި ގެއްލުން ދިނުމުން ލިބޭ މޮޅެއް ނެތެވެ. މުޖްތަމަޢުގެ އެންމެންގެ ލާބައާއި މަންފާއަށްޓަކައި ހަދާފައިވާ މިފަދަ ތަންތަނަށް ގެއްލުން ދިނުމަކީ މުޖްތަމަޢު އަށް ދެވޭ ގެއްލުމެކެވެ.
ދިވެހިރާއްޖޭގެ ޤާނޫނުތައް ހުރި ގޮތަށް ބަލާއިރު ހުއްދަނެތި ފާރުތަކުގަ އާއި އާއްމު ތަންތަނުގައި ގްރެފިޓީ ކުރެހުމަކީ މަނާ ކަމެކެވެ. 2011 ވަނަ އަހަރު އަމަލު ކުރަން ފެށި އާއްމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު އަމަލުތައް ހުއްޓުވުމުގެ ޤާނޫނުން ފާރުތަކުގައާ އާއްމު ތަންތަނާ ތަކެތީގައި ގްރެފިޓީ ކުރެހުން މަނާ ކުރެއެވެ.