ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމަށް ނިންމެވީ، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތުމުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ "ޖަޒީރާ ރައީސް" ކެމްޕޭނުގެ ދަށުން، ބ. ތުޅާދޫގައި ބޭއްވި ޖަލްސާގައި ސްކައިޕް މެދުވެރިކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިޚާބުގައި އެމަނިކުފާނާއި ވާދަކުރައްވައިފި ނަމަ ބަލިވެވަޑައިގަންނަވާނެ މިންވަރު ރައީސް އަބްދުﷲ ޔާމީނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
"ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާ އަޅުގަނޑު އިންތިހާބުގައި ވާދަކޮށްފިއްޔާ އެ މަނިކުފާނު ބަލިވާނެ މިންވަރު. އަދި އަޅުގަނޑު މި ޕްރައިމަރީގައި ބައިވެރިވީ ވެސް އިންތިހާބު ކާމިޔާބު ކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އޮތުމުން" ރައީސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނު އިންތިޚާބުގައި ވާދަކުރެއްވުމަށް ރައީސް ޔާމީން އެދިވަޑައިނުގަންނަވާނެ ކަމަށާއި ނަމަވެސް އިންތިޚާބަކީ "ޔާމީނާއި އަޅުގަނޑަށް ވުރެ ބޮޑު އިންތިޚާބެއް" ކަމަށެވެ.
ރިޔާސީ އިންތިޚާބަކީ ރައްޔިތުން ރާއްޖެއާ ގުޅޭ އެނެމް މުހިއްމު ނިންމުން ނިންމާ އިންތިޚާބު ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ އެމްޑީޕީން އިންތިހާބު ކުރުން ވަރަށް މުހިއްމު ކަމަށެވެ.