(އެޕްރީލް 23، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
ގާތްގަނޑަކަށް ތިން ގަޑި އިރު ފަހުން ސާރާ އޮޕަރޭޝަން ތިއޭޓަރުން ނެރުނެވެ. ސާރާ އަށް އޮވެވުނީ ނިދާފަ އެވެ. ނޫނީ ސާރާ އޮތީ ނިންދަވާފަ އެވެ. ހުސްނާ ސާރާގެ މޫނުގައި ފިރުމާލި އެވެ. ސާރާގެ ލޯމަތީ ބެންޑޭޖް ކޮށްފައި ހުއްޓެވެ.
"ސާރާ އިރުކޮޅަކުން ހޭއަރާފާނެ. ހާސްނުވޭ…މީނާ މާ ބޮޑަށް ލޮލުގައި ހިރުވާތީ އުޅެފިއްޔާ ނަރުހުން ތިބޭތަނުގައި ބުނެލާ. އައިވީ ވެސް އެހެރީ ގުޅާފައި. ވެ. އަދި ހޭ އެރިޔަސް މާ ހަރު އެއްޗެތި ކާންދޭން ނޫޅޭތި. ދިޔާ އެއްޗެތި ދިނަސް އެންމެ ރަނގަޅު."
ތިޔޭޓަރު ރޫމް ޔުނިފޯމްގައި ހުރި ކުއްޖާ ފޮތިގަނޑަކުން އަތް ފޮހެލަމުން ހިނިތުންވެލާފައި ހުސްނާމެން ކައިރީ ބުނެލި އެވެ.
އެވަގުތު ޑޮކްޓަރު ވެސް ތިޔޭޓަރުން ނިކުންނެވި އެވެ.
"ހަތަރު ދުވަސްތެރޭ ބެންޑޭޖް ނައްޓާލެވޭނެ." ޑޮކްޓަރު ހިނިތުން ވެލަމުން މިހެން ބުނެލާފައި ހިނގައްޖެ އެވެ.
ސާރާ އަށް ހޭލެވުނީ ވަރަށް ބޮޑަށް ހަވީރުވެފައި ހުއްޓަ އެވެ.
"މަންމާ…މަންމަ ކޮބާ؟" ސާރާ ކުޑަކޮށް ތެދުވަން މަސައްކަތް ކުރަމުން ބުނެލި އެވެ.
"ދަރިފުޅާ…މަންމަ މިހިރީ…ނުތެދުވޭ." ހުސްނާ ސާރާގެ އަތުގައި ހިފާލަމުން ބުނެލި އެވެ.
"އޭއި މަންމަ އެކަންޏެއް ނޫނޭ. ކަމަނާ ދެކޭ ހިތުން ބޮޑު ގާފިލާއެއްގެ މީހުން މިތާ އައިސް އެބަތިބި." މުރާދު ގެ މި ޖުމްލައިން ހުރިހާ މީހުން ހޭން ފެށި އެވެ.
"މަންމާ…ބޭބެ އަބަދު ދިމާކުރަނީ." ސާރާ މަންމަ ކައިރީ ޝަކުވާ ކުރި އެވެ.
"ހޫނ…މުރާދު ހުއްޓާލާ…"
"އަސްލު މިހާރު ކޮއްކޮ އަށް ފެންނާނެ. މަންމާ ޔަގީން ކޮއްކޯ ދައްކާލަ ބޭބެ ކުޑަކޮށް އަތްލަން ތި މޫނުގަ؟" މުރާދު އަނެއްކާވެސް ސާރާ އާ ސަމާސާކޮށްލި އެވެ.
"ދަރިފުޅާ…ކޮއްކޮ ލޯ ރަނގަޅުވީމާ ކޮއްކޮ ވެސް ދަރިފުޅާ ދިމާކުރާނެ." ކަރީމު މުރާދުގެ ބޮލުގައި މަޑުމަޑުން ޖަހާލަމުން ބުނެލި އެވެ.
"އާނ…ތިހެންވެ ތާ މިހާރު އަޅުގަނޑަށް ވީވަރެއް މިކޮށްލަނީ." މުރާދު ވެސް ހިނިތުން ވެލަމުން ބުނެލި އެވެ.
އެވަގުތު ކޮންމެވެސް އަންހެން ކުއްޖަކު ސަލާން ގޮވާލަމުން ސާރާ ބާއްވާފައި އޮތް ކޮޓަރި އަށް ވަނެވެ. ހުރިހާ މީހުން ހައިރާން ވެފައި އެތަނަށް އެވަން އަންހެން ކުއްޖާ އާ ދިމާއަށް ބަލަން ތިއްބެވެ.
"ކާކު ހޯދާ ކުއްޖެއްތޯ؟" ހުސްނާ އެ ކުއްޖާ އާ ސުވާލު ކުރި އެވެ.
"އަޅުގަނޑު…ސާރާ…އަޅުގަނޑު…މުރާދު…" އެ އަންހެން ކުއްޖާ ލަދުން ވާހަކަ ދައްކަން އުނދަގޫ ވެގެން އުޅުމާ ކަންތައް ވެގެން ދިޔަ ގޮތުން މިއީ މުރާދުގެ ރަހްމަތްތެރި އަންހެން ކުއްޖެއްކަން ދެނެގަންނާކަށް ހުސްނާއަކަށް މާ އުނދަގުލެއް ނުވި އެވެ.
"އާދޭ…ދަރިފުޅާ…ބައެއް ފަހަރު ބައެއް މީހުން ރައްޓިހިންނަށް ދައުވަތު ދީފަ ނޫން ކަމަށް ހެދިގެން ތިބޭނެ. އެއީ ދުނިޔޭގެ އާދަ." މުރާދު އާ ދިމާއަށް މައުނަވީ ގޮތަކަށް ބަލާލަމުން ހުސްނާ ބުނެލި އެވެ.
"ދަރިފުޅަށް ކިޔަނީ ކޮން ނަމެއް؟" ހުސްނާ އަދިވެސް ބޮޑަށް އެ ކުއްޖާ އާ ކައިރިވެލިއެވެ.
"ނާހިދާ." އެ އަންހެން ކުއްޖާ ތުރުތުރު އަޅާ އަޑަކުން ޖަވާބު ދިނެވެ. އެވަގުތު ކަރީމު ވެސް އެ ކުއްޖާ އާ ސުވާލު ކުރަން ފެށި އެވެ.
"ތިޔައީ ކޮން ގެއެއްގެ ކުއެޖެއް؟
އަޅުގަނޑަކީ ގުމްރީގޭ ކުއްޖަކީން." ނާހިދާ މިހެން ބުނުމުން ހުސްނާ މާ ކުރީގެ ހިޔާލަކަށް ގެއްލުނެވެ.
އެއީ ތަންކޮޅެއް ކުރީގެ ހަނދާނެކެވެ. ނަސީބުގޭގައި ކޮންމެވެސް ޕާޓީއެއް ބޭއްވި ރެއެކެވެ. ނާހިދާ އެގެއަށް އައި ވާހަކަ އާއި މުރާދު ދެ މީހުން ތަންކޮޅެއް އެކަހެރިކޮށް ވާހަކަ ދައްކަން ތިބިތަން މަރިޔަންފުޅަށް ފެނިގެން އެ ވާހަކަ އޮތީ ހުސްނާ ގާތު ދައްކާ ވެސް ފަ އެވެ.
"މަންމާ…އެއީ އަޅުގަނޑުގެ ރަހްމަތްތެރި ކުއްޖެެއް." ސާރާގެ އަޑުން ހުސްނާ ސިހިފައި ހިޔާލުން އެނބުރި އަ އެވެ.
"އެހެންތަ…ދަރިފުޅާ ނާހިދާ…ސާރާ ކައިރީ އިށީނދޭ." ހުސްނާ މަޑުމަޑުން ސާރާގެ އަތް ނަގައި ނާހިދާގެ އަތަށް ދިނެވެ.
"މިއީ އަޅުގަނޑު ސާރާ އަށް ދޭން ގެނައި މާ ބޮނޑިޔެއް." ނާހިދާ އޭނާގެ އަތުގައި ވާ މާ ބޮނޑި ސާރާގެ އަތަށް ދެމުން ބުނެލި އެވެ.
"މަންމާ…ކޮއްކޮ ލޯ ރަނގަޅުވެގެން ބަލަން ވާއިރަށް މުޅި މި ކޮޓަރި މާމަލުން ފުރާލަމާ ދެއްތޯ." މުރާދު މަންމަ ގެ ފުރަގަހުގައި ހުރެ މަންމަގެ ކޮނޑުގައި ބޯ އަޅާލަމުން ބުނެލި އެވެ.
"ދެން ހަމަ މީހަކު މަލެއް ގެންނަ އިރަށް އެވީ މުޅި މިތަނުގައި މާލާން ދޯ؟ މަންމާ ބޭބެ ވަރަށް ކޮޕީ ކުރާނެ."
(ނުނިމޭ)