އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގެ ބައިވެރިންނަށް މާސްކު ބެހި މައްސަލާގައި މަހްލޫފުގެ މައްޗަށް އުފުލާފައިވާ ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާގެ އަޑުއެހުން ކެންސަލް ކޮށްފިއެވެ.
މަހްލޫފުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އިބްތިދާއީ ފުރަތަމަ އަޑުއެހުން ވަނީ މިމަހުގެ 3 ވަނަ ދުވަހު ކުރިއަށް ގެންގޮސްފައެވެ. އެދުވަހުގެ އަޑުއެހުމުގައި މަހްލޫފު ވިދާޅުވީ އެމްޑީޕީގެ އެއްވުމެއްގެ ބައިވެރިންނަށް މާސްކު ބެހީ ފުލުހުން އާދަޔާ ހިލާފަށް ޕެޕަރ ސްޕްރޭ ޖަހާތީ އާއްމުންގެ ރައްކަލަކަށް ކަމަށެވެ. އަދި މާސްކު އެޅުމާއި ބެހުމަކީ ގާނޫނީ ކުށެއް ނޫން ކަމަށެވެ.
މަހްލޫފް ވިދާޅުވީ ފުލުހުން ހާލަތާއި ނުބައްދަލު ބާރު ބޭނުންކޮށް އާއްމު ރައްޔިތުން ގަޔަށް ޕެޕަރ ސްޕްރޭ ޖަހާކަން ހިއުމަން ރައިޓްސް ކަމިޝަނުގެ ރިޕޯޓުގައިވެސް ފާހަގަ ކޮށްފައިވާ ކަމަށާއި، އެފަދަ ހާލަތެއްގައި ރައްކާތެރިވުމުގެ ގޮތުން މާސްކު ބޭނުން ކުރެވޭނެކަމަށެެވެ.
މިއަދުގެ އަޑުއެހުން ކެންސަލް ކުރި އިރު މިއަދުގެ ޝަރީއަތަށް މަހްލޫފު ހުށަހަޅަން ބޭނުންފުޅު ލިޔެކިއުންތައް ހުށަހެޅުމަށް ވަނީ ފުރުސަތު ދެއްވާފައެވެ.