ދެހާސް އެގާރަ ވަނަ އަހަރުގެ ސާކް ސަމިޓާއި ދިމާކޮށް އައްޑޫ ސިޓީގައި ބެހެއްޓި ބުދު ހިމެނޭ މޮނިއުމެންޓްތައް ނައްތާލުމަށް ކޯޓުން ހުކުމް ކުރިތާ 6 އަހަރުވީ އިރުވެސް އެތަކެތި ނައްތާނުލައި އައްޑޫ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރިކަން ހާމަވެއްޖެއެވެ.
ބުދު ހިމެނޭ މޮނިއުމަންޓްތަކާ ދެކޮޅަށް 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް އެރަށު ކޯޓަށް މައްސަލައެއް ހުށަހެޅުމުން އެ ކޯޓުން ވަނީ، އެއީ އިސްލާމްދީން ނޫން އެހެން ދީނަކަށް މަގުފަހިކުރުވާފަދަ އެއްޗެއް ކަމަށް ޝަރީއަތަށް ފެންނާތީ އެ އެއްޗެހި ނައްތާލުމަށް އައްޑޫ ސިޓީ ކައުންސިލްގެ މައްޗަށް ހުކުމް ކޮށްފަ އެވެ.
"އިސްވެ ދެންނެވި މޮނިއުމަންޓްތައް ގާނޫނުގައިވަ ގޮތުގެ މަތިން ނައްތާލުމަށް އައްޑޫ ސިޓީކައުންސިލްގެ މައްޗަށް ހުކުމްކުރަން." 2012 ވަނަ އަހަރު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމްގައި ވެއެވެ.
ހިތަދޫ ކޯޓުން މިގޮތަށް ހުކުމް ކުރިތާ 6 އަހަރުވެފައިވާ އިރު މިއަދާއި ހަމައަށް ވެސް އައްޑޫގައި ބެހެއްޓި ބައެއް މޮނިއުމެންޓްތައް ހުރީ ކައުންސިލް އިދާރާގެ އިމާރާތުގައި ގުދަނެއްގެ ތެރޭގައި ބަހައްޓާފައެވެ.
'އައްޑޫލައިވް' އަށް ލިބިފައިވާ ފޮޓޯތަކުން އެނގޭ ގޮތުގައި ސާކް ސަމިޓަށް ބެހެއްޓި އިންޑިޔާގެ މޮނިއުމަންޓް ބަހައްޓާފައި ހުރީ މަތީގައި ސަތަރި އެޅުމަށްފަހުގައެވެ.
ކޯޓުގެ ހުކުމަކާއި ޚިލާފަށް ކައުންސިލުން މޮނިއުމަންޓްތައް ނައްތާނުލައި ގެންގުޅެނީ ކީއްވެގެން ކަމެއް އަދި ނޭނގެއެވެ. އެހެން ނަމަވެސް މީގެ ކުރިން އިންޑިޔާގެ ސަފީރު އައްޑޫއަށް ކުރެއްވި ޒިޔާރަތެއްގައި އެ މޮނިއުމަންޓް ބައްލަވާފައިވާ ކަމަށް ކައުންސިލް އިދާރާގެ ބައެއް މުވައްޒަފުން ބުނެއެވެ.
ހިތަދޫ ކޯޓުން މޮނިއުމަންޓްތައް ނައްތާލުމަށް ހުކުމް ކުރުމުގެ ދުވަސްކޮޅެއް ކުރިން ކައުންސިލުން މޮނިއުމަންޓްތައް ނެގިއެވެ. ކައުންސިލުން މޮނިއުމެންޓް ތައް ނެގިއިރު ޕާކިސްތާން މޮނިއުމެންޓާއި އަފްގާނިސްތާނުގެ މޮނިއުމެންޓްގެ އިތުރަށް ނޭޕާލްގެ މޮނިއުމެންޓް ވަނީ ވަގަށް ނަގާފަ އެވެ.
ސާކް ސަމިޓަށް އައްޑޫގައި ބެހެއްޓި މޮނިއުމަންޓްތަކުގެ މައްސަލަ ހޫނުވުމުން އޭރުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ ބުދު މޮނިއުމަންޓުތައް ބެހެއްޓީ އެމަނިކުފާނަށް އެނގިލައްވައިގެން ނޫން ކަމަށާއި، އެތަކެތި ބެހެއްޓީ އައްޑޫ ސިޓީގެ މޭޔަރު ޢަބްދުﷲ ޞާދިޤާއި އެސިޓީގެ ބަޔަކު ގުޅިގެން ކަމަށެވެ. އަދި އެމަނިކުފާނަށް އެތަކެތި ފެނިވަޑައިގަތީ ތަޅާލާފައި ވަނިކޮށް ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.