އިންޑިއާގެ ކެރެލާ ސްޓޭޓްގައި ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ނިޕާ ވައިރަސް އަދި ރާއްޖެއިން ފެނިފައިނުވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.
ޖަނަވާރުންގެ ގައިން އިންސާނުންނަށް ވާސިލްވާ މިވައިރަސްގެ އަސަރުކޮށް މިހާތަނަށް ކެރެލާއިން 10 މީހަކު މަރުވެފައިވާ އިރު އިންޑިއާގެ ސިއްހީ މާހިރުން ދަނީ މިބަލީން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.
އެޗްޕީއޭއިން ބުނީ ގިނަ އަދަދަކަށް ދިވެހިން ބޭސްފަރުވާއަށްދާ އިންޑިއާގެ ކެރެލާ ސްޓޭޓުން ބަލި ފެނުމާއި ގުޅިގެން ބަލަން ޖެހޭކަންކަން ބަލަމުން އަންނަ ކަމަށެވެ. އަދި މި ބަލީގެ އަސަރުކޮށްގެން އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ނިޕާ ވައިރަސްއަށް މިހާތަނަށް ވެކްސިނެއް ހޯދިފައިނުވާއިރު އިންޑިއާގެ ނެޝަނަލް ސެންޓަރ ފޯ ޑިޒީސް ކޮންޓްރޯލްއިން ވަނީ ބަލީގެ އަސަރު ފެންނަ މީހުން ކަރަންޓީން ކުރުމަށް އަންގާފައެވެ.
މި ބަލީގެ ވައިރަސް ވާލުގެ ޒަރީއާއިން ފެތުރޭކަމަށް އިންޑިއާގެ ނެޝަނަލް ސެންޓަރ ފޯ ޑިޒީސް ކޮންޓްރޯލްއިން ވަނީ ބުނެފައެވެ.