Last Updated: November 25, 22:26
Monday, November 25, 2024
ޚަބަރު

"މަޖީދުގެ އަގުހުރި ޚިދުމަތްތައް ދުވަހަކު ވެސް ނުފޮހެވޭނެ"

ދިވެހިރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ އިޙްތިރާމާއި ލޯބި ލިބިވަޑައިގެންފައިވާ އަލްމަރްޙޫމް ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ ދީނީ ރޮނގުންނާއި އިޖުތިމާޢީ އަދި ސިޔާސީ އެކިއެކި ދާއިރާތަކުން ދިވެހި ރައްޔިތުންނަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަކީ ދިވެހި ތާރީޚުން ދުވަހަކުވެސް ފޮހެވިގެންދާނެ ކަންތަކެއް ނޫންކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.

އަދާލަތުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ޑރ.މަޖީދު އަވަހާރަވުމަކީ ދިވެހި ޤައުމަށާއި ރައްޔިތުންނަށް ކުރިމަތިވި ނުހަނު ބޮޑު ހިތާމައެކެވެ.

އަދި އެމަނިކުފާނު ދާއިމީގޮތެއްގައި ވަކިވެގެންދިޔުމަކީ އިސްލާމީ ޢިލްމު ފެތުރުމަށާއި ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތު ހަރުދަނާކުރުމަށާއި އަދި ސިޔާސީ އިސްލާޙީ މަސައްކަތަށް ކުރުމަތިވި ފޫބައްދަން ދަތި ގެއްލުމެއް ކަމަށް އަދާލަތުގެ ނޫސް ބަޔާނުގައި ވަނީ ބުނެފައެވެ.

"އިސްލާމީ ޢިލްމުގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ މިންވަރަށް ތަޢުލީމު ޙާސިލިކުރެއްވުމަށްފަހު އެނބުރި ޤައުމަށްވަޑައިގެން ވޭތުވެދިޔަ ވިއްސަކަށް އަހަރު ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ ދީނީ ރޮނގުންނާއި އިޖުތިމާޢީ އަދި ސިޔާސީ އެކިއެކި ދާއިރާތަކުން ދިވެހި ރައްޔިތުންނަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަކީ ދިވެހި ތާރީޚުން ދުވަހަކުވެސް ފޮހެވިގެންދާނެ ކަންކަމެއްނޫނެވެ."

މީގެ އިތުރުން ޑރ. މަޖީދު އިސްލާމިކް މިނިސްޓަރު ކަމުގައި ހުންނަވައިގެން ފިޤުހު އެކެޑަމީގެ ފުރަތަމަ ރައީސްގެ ޙައިސިއްޔަތުންނާއި، އިސްލާމިކް ބޭންކިންގ ދިވެހިރާއްޖެއަށް ތަޢާރަފްކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅު ވެސް އަދާލަތުން ވަނީ ފާހަގަކޮށްފައެވެ. އަދާލަތުގެ ބަޔާނުގައި ބުނެފައިވަނީ، ޑރ.ބާރީގެ އެތައް ޚިދުމަތްތަކެއްގެ ސަބަބުން ދިވެހި ޤައުމަށް އަގުނުކުރެވޭ ވަރުގެ މަންފާތަކެއް ކޮށްފައިވާ ކަމަށެވެ.

"ކޮންމެ ޙާލަތެއްގައިވެސް ޙައްޤުބަސްފުޅު ވިދާޅުވުމާއި، މަޑުމައިތިރިކަމާއި، މިޒާޖުގެ ސާދާކަމަކީ ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީގެ ޙަޔާތްޕުޅުން ދެއްކެވި މަތިވެރި ނަމޫނާތަކެވެ. އަދި މި މަތިވެރި ނަމޫނާތަކަކީ އިސްލާމީ ދަޢުވަތު ފެތުރުމުގައި ދީނީ ޢިލްމުވެރިންނާއި ހަމައެހެންމެ އާންމު ރައްޔިތުންވެސް އިރުޝާދު ލިބިގަންނަންވީ ކަންކަމެވެ."

ޑރ. މަޖީދު ފުރަތަމަ ޑިގްރީ އާއި މާސްޓާސް އަދި ޕީއެޗްޑީ ވެސް ހާސިލް ކުރެއްވީ މަދީނާ ޔުނިވާސިޓީންނެވެ. ޕީއެޗްޑީ ހާސިލް ކުރެއްވި އިރު ފާސްވީ (މަރްތަބަތުއް ޝަރަފުލް އޫލާ) އެއް ވަނަ ދަރަޖައިގަ އެވެ.

ޑރ. މަޖީދުގެ އެކުވެރިން ވިދާޅުވާގޮތުގައި އެބޭފުޅާގެ އެންމެ ހާއްސަ ސަފައަކީ އެހެން މީހުންނާ ދިމާލަށް ބަދު ބަހެއް ވިދާޅުނުވުމާއި ހިތްހެޔޮ ކަމެވެ.