ޑޭޝް ސްޓޫޑިއޯ އިން އުފައްދައި އަބްދުލް ފައްތާހު ޑައިރެކްޓްކޮށްފައިވާ "އާދޭސް" އަންނަ އަހަރު ރިލީޒް ކުރާ ގޮތަށް ހަމަޖަައްސައިފި އެވެ.
ނިއުމާ މުހައްމަދާއި މޫސާ ޒަކަރިއްޔާ އަދި ހުސައިންް ސޮބާހާއި އާމިނަތު އާޒިފާ (އަޒޫ) ގެ އިތުރުން އަލީ އާޒިމް (ދޮން އައްޔަ) ލީޑް ރޯލް ކުޅެފައިވާ "އާދޭސް" އެންމެ ފުރަތަމަ މިދިޔަ އަހަރު ރިލީޒް ކުރަން ނިންމި ފިލްމެކެވެ.
އެހެން ނަމަވެސް ފިލްމްގެ ޕްރޮޑިއުސަރު ހަސަން އަލީ ނިޔާވުމާ ގުޅިގެން ފިލްމް އެޅުވުމުގެ ކަންތައްތައް އޮތީ މަޑު ޖައްސާލާފަ އެވެ.
ކާމިޔާބް ފިލްމްތަކެއް ޑައިރެކްޓްކޮށްފައިވާ އަބްދުލް ފައްތާހު ބުނީ އަންނަ އަހަރު ބެލުންތެރިންނާ ހަމައަށް "އާދޭސް" ގެންނާނެ ކަމަށެވެ. އެކަމަކު ފިލްމް އަޅުވާނެ ސީދާ ތާރީހެއް އަދި ނިންމާފައެއް ނެތެވެ.
އިބްރާހިމް ނިފާރު (ތިއްތި) ގެ މިއުޒިކާ އެކު ޖުމްލަ ތިން ލަވަ ހިމެނޭ މި ފިލްމުގައި ބޭނުން ކުރަނީ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒު ކުރިން ރިކޯޑްކޮށްފައިވާ ލަވަތަކެވެ.
ފައްތާހު ބުނީ ފިރިހެން ލަވަކިޔުންތެރިއެއްގެ އަޑުގެ ގޮތުގައި ފިލްމުން އިވޭނީ އަލީ ރަމީޒުގެ އަޑު އެކަނި ކަމަށާއި އެއީ ކުރިން އޭނާ ޑޭޝް އަށް ރިކޯޑްކޮށް ދިން ލަވަތަކުން ހޮވާލި ލަވަތަކެއް ކަމަށެވެ.
އޭނާ އަދި ބުނީ "އާދޭސް" އަކީ އާންމުކޮށް އޭނާ އުފައްދާ ފިލްމުތަކާ ތަފާތު ފިލްމެއް ކަމަށާއި ރުއިމާއި ހިތާމަވެރި މަންޒަރުތައް މިހާ ގިނަ ފިލްމެއްގައި މީގެ ކުރިން މަސައްކަތްކޮށްފައި ނުވާ ކަމަށެވެ.
ފައްތާހު އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ މިދިޔަ އަހަރު އެޅުވި އަލީ ސީޒަން އާއި އައިޝަތު ރިޝްމީގެ އިތުރުން އާމިރާ އިސްމާއީލް ލީޑް ރޯލް ކުޅުނު "ލަވް ސްޓޯރީ" އެވެ.