މިއަދު ހެނދުނު ޔޫއެލް 119 އިން ގަމަަށް ދަތުރު ކުރި ޕެސިންޖަރުންނަށް ގަން އެއާޕޯޓުގައި ކަރަންޓް ނެތިގެން ނުނިކުމެ ގަޑިއެއްހާ އިރަށް ތާށިވެއްޖެ އެވެ.
"އައްޑޫލައިވް" އަށް މައުލޫމާތު ދިން ޕެސިންޖަރަކު ބުނީ ކަރަންޓް ނެތިގެން އިމިގްރޭޝަނުން ނުނިމިގެން އެތައް އިރެއް ތިބެން ޖެހުނު ކަމަށެވެ.
"ކަރަންޓް ލިބިގެން އިމިގްރޭޝަން ނިމުނު އިރު ގަޑިއިރު ވެއްޖެ، އިށީންނާނެ ތަނެއް ނެތް އިރު ބޯޓުން ބަލި މީހުންނާއި ކުޑަކުދިން އައިސް ތިބި. މިކަންކަން ހައްލު ކުރެވޭ ތަނެއް ނުފެނޭ. މިދެން ވަރަށް އާދައިގެ ކަމަކަމަށްވެފައި މި އޮންނަނީ،" އޭނާ ބުންޏެވެ.
ޑިސެމްްބަރު، 1، 2016 ވަނަ ދުވަހުން ފެށިގެން ސްރީލަންކަން ގަމަށް ދަތުރު ކުރާއިރު އަދިވެސް ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ބޮޑެތި ކަންކަން ހައްލު ނުކުރެވެއެވެ.
އެގޮތުން ވާރޭ ވެހޭނަމަ ޕެސިންޖަރުން ފައިބަން ޖެހެނީ 10 މީހުން، 10 މީހުންގެ ގްރޫޕް ހަދައިގެންނެވެ. އެއީ އެއާޕޯޓުގައި ކުޑަ ހުރި ނިސްބަތަށް ބަލައިގެންނެވެ.
ގަން އިންތަނޭޝަނަލް އެއާޕޯޓުން ކަރަންޓް ކެނޑޭ މައްސަލައަކީވެސް އަދިވެސް ހައްލު ނުކުރެވިވާ މައްސަލައެކެވެ. އެކަން ހައްލު ނުކުރެވޭއިރު ތަނުގެ ހިދްމަތްވެސް އެހާމެ ދޯދިޔާއެވެ.
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކުންފުނީގެ ދަށުން ހިންގާ ގަން އެއާޕޯޓް ހިންގަމުން އަންނަ އިރު އެއާޕޯޓްގައި ހުރި މައްސަލަތަކަށް ހައްލު ހޯދައި، އެކަން އިސްލާހު ކުރަން ތިބި ވެރިން ތިބެނީ މާލޭގައި ބޮޑު އޮފީހެއް ހަދައިގެންނެވެ. ގިނަ ފަހަރަށް އެއާޕޯޓުގައި ކަރަންޓް ނެތްކަންވެސް އެމީހުންނަކަށް ނޭގެއެވެ.
ގަމަށް އޮޕަރޭޓް ކުރާ ހަމައެކަނި އެއާލައިން ސްރީލަންކަންއިން ދަތުރުކުރާ ޕެސިންޖަރުންނަށް ކިތަންމެ ތަކުލީފެއް ޖެހުނަސް އަދި މިކަމަށް ހައްލެއް އޮތްތަނެއް ނުފެނެއެވެ. ސަބަބަކީ މި އެއާޕޯޓަކީ ބަޔަކު ނަމަކަށް ހިންގާތަނަކަށްވާތީ ކަމަށް ރައްޔިތުން ބުނަމުންދާތީއެވެ.