Last Updated: November 25, 11:31
Monday, November 25, 2024

(އެޕްރީލް 24، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

ސާރާ ފުރުސަތެއް ލިބޭ އިރަށް މުރާދު އާ ދިމާކޮށްލިއެވެ.

"ނޫން…ބޭބެ މުޅިގެ ވެސް ދަރިފުޅު އަންނަންވާ އިރަށް ބަދަލުކޮށްފައި ހުރީ." ހުސްނާ މުރާދު ދިފާއުކޮށްލަ ދިނެވެ.

"އައްދެ ބޭބެ އެކަންޏެއް ނޫން މަންމަ ވެސް ދަރިފުޅު ގެ އަށް އަންނަން ވާއިރަށް ގޭގެ ކަންތައް ބަދަލު ކުރުމުގައި ނޭވާ ނުލާ."
ކަރީމު ހުސްނާގެ ވާހަކަ ގޮވާލި އެވެ. މިކަމާ ހުރިހާ މީހުން ހޭން ފެށި އެވެ.

"ބޭބެގެ ކަންތަކެއް ވެސް ދެރައެއް ނޫން. މިހާރު ސާރާ ސްކޫލަށް ވެއްދުމުގެ ހުރިހާ ކަމެއް ވެސް އޮތި ނިމިފައެއްނު. އަޅުގަނޑު ހުރީމޭ ސްކޫލުގެ ޕްރިންސިޕަލް އާ ވާހަކަ ދެއްކި އަޑު އަހައިގެން." ފަޒުނާ ކަރީމުގެ ސިއްރު ވެސް އެންމެންނަށް ހާމަކޮށްލި އެވެ. އަނެއްކާވެސް ހުރިހާ މީހުން ހޭން ފެށި އެވެ. ނާހިދާ ވެސް މިހާރު ހަމަޖެހިލި އެވެ.

ހަތަރު ދުވަސް ވެއްޖެއެވެ. މިއަދަކީ ސާރާގެ ލޮލުގެ ބެންޑޭޖް ނަގާލާ ދުވަހެވެ. ހުރިހާ މީހުން ހޮސްޕިޓަލުގައި ސާރާ ބާއްވާފައި އޮތް ކޮޓަރީގައި ތިއްބެވެ. ކޮންމެ މީހަކު ކެއްތެރި ކަމެއް ނެތް ގޮތުގައި އިންތިޒާރު ގައި ތިއްބެވެ. ޑޮކްޓަރު އަނޫޕަމް އެ ވަގުތު ކޮޓަރިއަށް ވެންނެވި އެވެ.
އަދި ނަރުސް ކުއްޖާގެ އެދުމުގެ މަތިން އެހެން މީހުން އެ ކޮޓަރިން ބޭރަށް ނިކުތެވެ. ބައި ގަޑިއެއްހާ އިރު ފަހުން ޑޮކްޓަރުގެ އެދުމުގެ މަތިން ނަރުސް ކުއްޖާ އެ ކޮޓަރީ ދޮރު ހުޅުވިއެވެ.

"ވަންނަވާ." ހިނިތުން ވެލަމުން ނަރުސް އެންމެންނަށް އެތެރެ އަށް ވަންނަން ހުއްދަ ދިނެވެ. ހުސްނާ އާއި ކަރީމު އާއި އެހެން އެންމެން ތެޅިތެޅި ތިބި ހިތްތަކަކާ އެކު އެތެރެއަށް ވަނެވެ. ސާރާ ގޮޑިއެއްގައި އިށީނދެ އިނެވެ. މުޅި ކޮޓަރި ވަނީ ކުޑަކޮށް އަނދިރި ކޮށްފައެވެ.

ހުސްނާ ގެ ލޮލުން ހޯސްލާފައި ކަރުނަ އާދެ އެވެ. އެއީ އުފާވެރި ކަމުގެ ކަރުނަ އެވެ. ކަރީމު އާއި މުރާދު ގެ ލޮލުން ވެސް ވިދަމުން ދަނީ އުފާވެރިކަމުގެ ކަރުނަ އެވެ.

"ސާރާ…ބެންޑޭޖް ނައްޓާލީމާ މަޑުމަޑުން ލޯ ހުޅުވާލާ." ޑރ. އަނޫޕަމް ސާރާ ކައިރީ ބުނެލި އެވެ. ސާރާ އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލި އެވެ. ބެންޑޭޖް ނައްޓާލެވިއްޖެ އެވެ.

"ސާރާ…ލޯ ހުޅުވާ…މަޑުމަޑުން ހުޅުވާ…" ޑރ. އަނޫޕަމް ސާރާގެ ބޮލުގައި ފިރުމާލަމުން ބުނެލި އެވެ. ސާރާ ލޮލެއް ނުހުޅުވި އެވެ. ޑރ ކައިރީ ހުރި ނަރުސް ކުއްޖާ އަށް އިޝާރާތުން ވާހަކަ ދައްކަން ބުނެލި އެވެ.

"ސާރާ…ލޯ ހުޅުވަބަލަ…މަޑުމަޑުން ލޯ ހުޅުވަން މަސައްކަތް ކުރޭ." ނަރުސް ސާރާ ކައިރިއަށް ޖެހިލަމުން ބުނެލި އެވެ. އަދިވެސް ބިރުގެންފައި އިން ކުޑަ ކުއެޖެއްހެން ސާރާ އިނެވެ. ޑޮކްޓަރު ހުސްނާ އަށް އިޝާރާތްކޮށްލި އެވެ.

"ދަރިފުޅާ…ލޯ ހުޅުވަބަލަ…" ހުސްނާ ގިސްލުމަކާ އެކު ބުނެލި އެވެ.

ސާރާ މަޑުމަޑުން ލޯ ހުޅުވި އެވެ. އަނދިރީގެ ތެރެއިން ހިޔަނިތަކެއްހެން އޭނާއަށް މީހުން ސިފަވާން ފެށި އެވެ. ނަރުސް ކުއްޖާ މަޑުމަޑުން ކޮޓަރިތެރެ އަލިގަދަ ކުރަމުން ދިޔަ އެވެ.

ސާރާ އަނެއްކާ ލޯ ހުޅުވިއެވެ. މަޑުމަޑުންނެވެ. އޭނާ ހައިރާންކަމާ އެކު ވަކިވަކިން މީހުންނަށް ބަލަން ފެށި އެވެ. މަޑު ފިޔާތޮށި ކުލައިގެ ހައުސްކޯޓެއްލައިގެން ބުރުގާ އަޅައިގެން ރޮވިފައި ހުރީ އޭނާގެ މަންމަކަން ދެނެގަންނަން ސާރާއަށް ވަގުތު ކޮޅެއް ނެގި އެވެ.

"މިއީ މަންމަ…ދަރިފުޅާ…ދަރިފުޅަށް އެބަ ފެނޭތަ؟" ހުސްނާ ތުރުތުރު އަޅާ އަޑަކުން ސާރާ އާ ސުވާލު ކުރި އެވެ. އެ ވަގުތު ސާރާ ހަޅޭއްލަވައި ގަނެވުނެވެ.

"މަންމާ…މަންމާ…ސާރާ އަށް ހުރިހާ ތަނެއް އެބަ ފެނޭ.. ހުރިހާ ތަނެއް ވެސް އެބަފެނޭ…" ސާރާ ރޮމުން އޭނާގެ މަންމަގެ ގައިގައި އޮޅުލަމުން ދިޔަ އެވެ.
އަދި ކޮކާލެއްހެން ކޮޓަރި ތެރޭ ގޮތްގޮތަށް އެނބުރެން ފެށި އެވެ. ހުރިހާ އެންމެންނާ ވަކިވަކިން ސަލާން ކުރަމުން ދިޔަ އެވެ.

"އެހެރީ ބައްޕަ އާއި މުރާދު ބޭބެ." ހުސްނާ ސާރާ އަށް މީހުން ތައާރަފްކޮށް ދޭން ފެށި އެވެ. ސާރާ ކޮންމެ މީހަކާ ކަރާ ކަރުޖައްސައި ސަލާމް ކުރި އެވެ.

"ބައްޕާ…މިއަދު ސާރާ ވަރަށް އުފާވެއްޖެ. ބައްޕަ އާއި މަންމަ ދެކޭ ހިތުން ސާރާ މާތްﷲ އަށް ކުރި ދުޢާ އިޖާބަ ކުރައްވައިފި."
ސާރާ ކަރީމްގެ ގައިގައި އޮޅުލައިގަނެފައި ބުނެލި އެވެ.

ކަރީމު އޭނާގެ ލޮލުން އައިސް އައިސް ހުރި އުފާވެރިކަމުގެ ކަރުނަ ފޮހެލި އެވެ. އެއްވެސް އެއްޗެކޭ އޭނާއަށް ނުބުނެވުނެވެ.
މުރާދު ވެސް ދުރުގައި ކޮއްކޮއަށް ބަލަން ހުރީ އެވެ. ހަރަކާތްކޮށްލަން ނޭނގިފަ އެވެ.

"ބޭބޭ…ކޮއްކޮ އަށް ބޭބެ ފެނިއްޖެ…ބޭބޭ…"

(ނުނިމޭ)