Last Updated: November 26, 22:39
Tuesday, November 26, 2024
ޚަބަރު

ޓެސްޓް ކުރި %69 އިންފްލުއެންޒާއަށް ޕޮޒިޓިވް

މިމަހު ބަލިވެގެން ޑޮކްޓަރަށް ދައްކައިގެން އިންފުލުއެންޒާ އަށް ޓެސްޓް ކުރެވުނު މީހުންގެ %69 އިންފުލުއެންޒާ އޭ އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ އިންފުލުއެންޒާއަށް ޓެސްޓް ކޮށްފައިވަނީ ބަލިވެގެން ޑޮކްޓަރަށް ދެއްކި މީހުންގެ ތެރެއިން ބަލީގެ ޢަލާމާތްތައް ފެނި އެޑްމިޓްކުރެވިފައިވާ މީހުންގެ ސާމްޕަލްތަކުންކަމަށެވެ.

އެގޮތުން އިންފުލުއެންޒާ ޖެހިގެން މިދިޔަ ހަފްތާގައި އުމުރުން ދުވަސްވީ މީހަކު ނިޔާވެފައިވާ ކަމަށްވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

އިންފުލުއެންޒާއަށް ޕޮޒިޓިވްވެފައިވާ ގިނަ މީހުން ޕޮޒިޓިވް ވެފައިވަނީ އިންފުލުއެންޒާގެ ވައްތަރެއް ކަމަށްވާ H3N2 އަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ. ނަމަވެސް ޕޮޒިޓިވްވެފައިވަނީ ކިތައް މީހުން ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ބަލި ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިންދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެޗްޕީއޭއިން ވަނީ އިންފުލުއެންޒާ ޖެހިގެން އެންމެ ބޮޑަށް ނުރައްކާވާ ފަރާތްތައް ހާމަކޮށްފައެވެ. އެގޮތުން އެޗްޕީއޭ ވިދާޅުވާ ގޮތުގައި އިންފުލުއެންޒާ ޖެހިގެން އެންމެ ބޮޑަށް ނުރައްކާވަނީ މާބަނޑު މީހުންނަށާއި އުމުރުން ދުވަސްވީ މީހުންނަށެވެ. މީގެ އިތުރުން ފަސް އަހަރުން ދަށުގެ ކުދިން، ޚާއްސަކޮށް 2 އަހަރުން ދަށުގެ ކުދިންނަށް މިބަލި ޖެހުމުން ނުރައްކާ ވާނެ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މުޅި ރާއްޖޭގައި ހުމާއި ރޯގާ ފެތުރެމުންދާ މި ދަނޑިވަޅުގައި ސާފުޠާހިރުކަމަށް ހުރިހާ ރައްޔިތުން ސަމާލުކަން ދޭންޖެއެވެ. ހުންއައިސް އެފަދަ ޢަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކުރައްވާ ޑޮކްޓަރަށް ދެއްކުން އެއީ ވަރަށް މުހިއްމު ކަމެކެވެ. ބަލިމީހުންނަށް ޒިޔާރަތް ކުރައްވަން ވަޑައިގަންނަވާއިރު ކުޑަކުދިން ނުގެންދިޔުމަކީ އެދެވިގެންވާ ކަމެކެވެ.