ރާއްޖޭގައި ހަލުވިކަމާއި އެކު އިންފުްލުއެންޒާ ފެތުރުމުގެ ބިރު ބޮޑުވެފައިވީ ނަމަވެސް، މާލެ ފިޔަވަިއި ރާއްޖޭގެ އެންމެ އާބާދީ ބޮޑު އައްޑޫގައި އިންފްލުއެންޒާއަށް ޓެސްޓް ކުރެވޭނެ ގޮތެއް ނެތް ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.
އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ހޮސްޕިޓަލަށް ދައްކާ މީހެއްގެ ފަރާތުން އިންފްލުއެންޒާގެ އަލާމާތެއް ފެނިއްޖެ ނަމަ ޓެސްޓް ކުރަނީ މާލެ ފޮނުވައިގެން ކަމަށެވެ. އަދި އެކަމަށް "ދުވަސްކޮޅެއް" ނަގާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހިތަދޫ ހޮސްޕިޓަލުން މައުލޫމާތު ދޭ ގޮތުގައި މި ދުވަސްކޮޅު ހުން އައިސްގެންނާއި ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.
އެހެން ނަމަވެސް މިހާތަނަށް ރާއްޖޭގައި ހަލުވިކަމާއި އެކު ފެތުރެމުން އަންނަ އިންފުލުއެންޒާގެ ބަލީގެ އަލާމާތް ހުރި މީހަކު ދައްކާފައި ނުވާކަމަށާއި، ހުން ޖެހިގެން މީހަކު ސީރިއަސްވެ ކަމެއް ވެފައި ނުވާކަމަށް ހޮސްޕިޓަލުން ބުނެއެވެ.
މެއި މަހުގެ ތެރޭގައި ބަލިވެގެން ޑޮކްޓަރަށް ދައްކައިގެން އިންފުލުއެންޒާ އަށް ޓެސްޓް ކުރެވުނު މީހުންގެ %69 އިންފުލުއެންޒާ އޭ އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މީގެ ކުރިން ވަނީ ބުނެފައެވެ.