ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ސިއްޙީހާލުކޮޅަށް ބެއްލެވުމެއް ނެތި ޝަރީޢަތް ކުރިއަށް ގެންދަވާތީ އެމަނިކުފާނުގެ ޤާނޫނީ ވަކީލުން ޝަރީޢަތުގެ މަޖިލިސް ދޫކުރައްވައި ވަޑައިގެންފިއެވެ.
މިރޭ ކްރިމިނަލް ކޯޓުގައި ކުރިއަށްދާ މައުމޫނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޢަދުލު އިންސާފު ޤާއިމު ކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާގެ އަޑުއެހުމުން އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހުރިހާ ވަކީލުން ވަނީ ނިކުމެވަޑައިގެންފައެވެ.
އެއީ މައުމޫން ހަމީދު އާއި މުހައްމަދު ފައިސަލްގެ އިތުރުން އިބްރާހިމް ޝަމީލެވެ.
އެބޭފުޅުން އެ މައްސަލައިން ތަނާޒުލްވީ މައުމޫންގެ ސިއްހީ ހާލުކޮޅަށް ޝަރީއަތުން ރިއާޔަތްކުރެއްވުމެއް ނެތި މައްސަލަ ކުރިއަށް ގެންދަވާތީ ކަމަށް މައުމޫން ހަމީދު ވަނީ ވިދާޅުވެފައެވެ.
މައުލޫމަތު ލިބިފައިވާ ގޮތުގައި މައުމޫނުގެ ސިއްހީ ހާލުކޮޅު ގޯސްވުމުން މިރޭގެ ޝަރީޢަތް ކެންސަލް ކޮށްދިނުމަށް އެމަނިކުފާނުގެ ފަރާތުން ވަނީ ކޯޓުގައި އެދިފައެވެ.