އަންނަ މަހު ރިލީޒް ކުރާ ފިލްމް "ސަންޖޫ" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.
ރަންބީރު ކަޕޫރް، ސަންޖޭ ދަތުގެ ރޯލް ކުޅެފައިވާ މި ފިލްމަކީ ސަންޖޭގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ބައޮގްރަފިކަލް ޑްރާމާއެކެވެ. "ސަންޖޫ" ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 29 ގަ އެވެ.
ރާޖްކުމާރް ހިރާނީ ޑައިރެކްޓްކޮށްފައިވާ ފިލްމްގެ ކާސްޓުންގެ ތެރޭގައި އަނުޝްކާ ޝަރްމާ، ސޯނަމް ކަޕޫރް، ވިކީ ކޯޝަލް، މަނީޝާ ކޮއިރަލާ، ޖިމް ސަރްބް، ދިއާ މިރްޒާ، ޕަރޭޝް ރާވަލް އަދި ކަރިޝްމާ ތަންނާ ހިމެނެ އެވެ.
"ސަންޖޫ" އަކީ 2014 ގައި ރިލީޒް ކުރި އާމިރު ހާންގެ "ޕީކޭ" އަށް ފަހު، ހިރާނީ ގެނެސްދޭ ފުރަތަމަ ފިލްމެވެ. އަދި މިއީ މިދިޔަ އަހަރު ރިލީޒް ކުރި "ޖައްގާ ޖާސޫސް" އަށް ފަހު، ރިލީޒްވާ ރަންބީރުގެ ފުރަތަމަ ފިލްމެވެ.
And the #sanju trailer is here. https://t.co/NgAM02zzWY
— Rajkumar Hirani (@RajkumarHirani) May 30, 2018
"ސަންޖޫ" ގައި ރަންބީރު، ސަންޖޭގެ ކެރެކްޓާ ވަރަށް ފުރިހަމަ އަށް ދައްކުވައި ދީފައިވާކަން ޓްރެއިލާ ބަލައިލުމުން އެނގެ އެވެ. އޭނާ ވަނީ މި ފިލްމް ކުޅެން ހަށިގަނޑަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.
ސަންޖޭގެ އެކި ދުވަސްވަރު "ސަންޖޫ" އިން ފެނިގެން ދާނެ އެވެ. މިއީ އޭނާގެ ހަޔާތުގެ އަޑިގުޑަންތަކުގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.